
ތުރުކިޔޭ
ވިންސެންޒޯ މޮންޓެޔާ

ވިންސެންޒޯ މޮންޓެޔާ
އާބާދީ: 87 މިލިއަން މީހުން
ތުރުކީ ނުވަތަ ތުރުކިޔޭ އަކީ ޔޫރަޕުގެ އިރުދެކުނުން އަދި އޭޝިޔާގެ ހުޅަނގު ދެކުނަށްވާ ގޮތަށް އޮތް އިސްލާމީ ގައުމެކެވެ. މައިގަނޑު ގޮތެއްގައި އެގައުމުގެ މީހުން ވާހަކަ ދައްކަނީ ތުރުކީ ބަހުންނާއި ކުރުދީ ބަހުންނެވެ. އިސްލާމީ ތާރީހުގެ މުހިންމު ސޮފުހާތަކަށް ވަރަށް ބޮޑަށް ގުޅިފައިވާ ވަރަށް ގިނަ ގަދީމީ އާސާރުތައް ހިމެނޭ ގައުމަކީ މަޝްހޫރު ސިލްކް ރޯޑް ގުޅުވައިދާ މައި ދޮރާށި ވެސްމެ އެވެ. މަޝްހޫރު ހޭޒަލް ނަޓްސް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމަކީ ވެސް ތުރުކީ އެވެ. ކުރިއަރަމުން އަންނަ މެދުމިނުގެ އިގްތިސާދެއް އޮތް ގައުމުގެ ވިޔަފާރީގެ މައިގަނޑަކީ އިލްކްޓްރޯނިކްސް އާއި ފޮއްޗާއި ކޮންސްޓްރަކްޝަން އަދި ދަގަނޑާއި މައިނިންގ އިތުރުން ކާބޯތަކެތީގެ ވިޔަފާރި އެވެ. އަހަރަކު އެކިއެކި ބޭނުމުގައި އެ ގައުމަށް 60 މިލިއަން މީހުން ޒިޔާރަތް ކުރާ ކަމަށް ތަފާސް ހިސާބުތަކުން ދައްކަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަށް ތުރުކީ ކޮލިފައިވީ 24 އަހަރުން ފަހުންނެވެ. ޔޫރަޕުގެ އެންމެ ފަހު ހަތަރު ޖާގަ ލިބޭނެ ގައުމުތައް ކަށަވަރު ކުރަން ކުޅުނު ޕްލޭއޯފްގައި ތުރުކީ ކުރި ހޯދީ ކޮސޯވޯގެ މައްޗަށް 1-0އިންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ 53 ވަނަ މިނިޓްގައި ފެނަބާޗޭގެ ކަރީމް އަޓާކިގްލޫ އެވެ. މިއީ 2002 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ހޯދި ފަހުން ތުރުކީ ދުނިޔޭގެ އެންމެ ޝަރަފުވެރި މުބާރާތަށް ހޮވުނު ފުރަތަމަ ފަހަރެވެ. ވޯލްޑް ކަޕުގައި ތުރުކީ ކުޅޭނީ އޮސްޓްރޭލިޔާ އާއި އެމެރިކާ އާއި ޕެރަގުއޭއާއެކު ގްރޫޕް ސީގަ އެވެ. މި ފަހަރުގެ ކޮލިފައިންގައި ކުޅުނު ހަ މެޗުގެ ތެރެއިން ހަތަރު މެޗު ކާމިޔާބުކުރި ނަމަވެސް ތުރުކީ އަށް އޮޓެމެޓިކުން ޖާގަ ނުލިބުނީ ސްޕޭނަށް ވުރެ ތިން ޕޮއިންޓް މަދުވެ ގްރޫޕުގެ ދެ ވަނަ އަށް ދިއުމުންނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | USAއެމެރިކާ | 3 | +4 | 6 |
| 02 | AUSއޮސްޓްރޭލިޔާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | TURތުރުކިޔޭ | 3 | -2 | 3 |
ތުރުކީގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެކަމަކު ތުރުކީގެ ސުޕަ ލީގުގައި ކޮރަޕްޝަނާއި ފަސާދަ އޮތީ ހައްދު ފަހަނައަޅައިފަ އެވެ. ބެޓް ކުރާ ކަމަށް ތުހުމަތު ކުރެވި ތުރުކީ އިން އެ ގައުމުގެ ޕްރޮފެޝަނަލް ލީގުތަކުގައި ކުޅޭ 1024 ކުޅުންތެރިއަކު ސަސްޕެންޑްކުރީ މި އަހަރު އެވެ. އަދި ރެފްރީންނާއި ކޯޗުންނާއި މުބާރާތްތައް ބާއްވާ މީހުންގެ ތެރޭގައި ކަންތައްގަނޑު ވަނީ ވަރަށް ބޮޑަށް އަށަގެންފަ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތުރުކީގެ ފުޓްބޯޅައިގައި ހަމަނުޖެހުންތަކާއި ކުލަބުތަކުގެ ވެރިން ދަނޑަށް އަރައި މެޗުތައް ހުއްޓުވާލުމާއި ރެފްރީންނަށް ބިރު ދެއްކުމާއި ރިޝްވަތު އޮތީ އޭގެ ފުންމިން ނޭނގޭ ހިސާބުގަ އެވެ.
މަޝްހޫރު ބައެއް ކުޅުންތެރިންނާއި ކޯޗުން ދޭތެރެދޭތެރެއިން ތުރުކީ ލީގަށް ކުޅެންދަނީ ފައިސާ އަށެވެ. ގައުމީ ޓީމުގެ ނަތިޖާތަކަށް ބަލާއިރު އެންމެ ފަހުގެ ޔޫރޯގައި ތުރުކީން ދެއްކީ އުއްމީދީ ކުޅުމެކެވެ. ނަމަވެސް ސުވާލަކަށްވެފައިވަނީ ދެމެހެއްޓެނިވި ގޮތެއްގައި ބޮޑު މުބާރާތެއްގައި ތުރުކީން ހޯދާނެ ނަތީޖާ އެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދިޔަ ފަހުން ތުރުކީ އަށް އެ ހިސާބަށް ދެވިފައި ނުވެ އެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު އަލްޓޭ ބައިއިންދިރް އަކީ ގައުމީ ގޯލްކީޕިން ޑިޕާޓްމަންޓްގެ ވާދަވެރިކަން ބޮޑުކޮށްދޭނެ ކުޅުންތެރިޔާ އެވެ. ދެން ތިބީ ތަޖުރިބާކާރު ދެ ކީޕަރުން ކަމަށްވާ މެޓް ގޫނޮކާއި އުގުރުކާން ކާކިރެވެ. ޖަރުމަނުގައި ކުޅޭ ޑިފެންޑަރު އޮޒާން ކަބަކް އަކި ފަހަތުގައި މުހިންމު ކުޅުންތެރިއެކެވެ. އަދި ކެޕްޓަން ހަކާން ކަލްހަނޯގްލޫ އަކީ ޓީމުގެ ތަރި އެވެ. އޭނާ އުފަންވީ ޖަރުމަނަށެވެ. ނަމަވެސް ތުރުކީ އަށް ކުޅެން ނިންމީ އެއީ އޭނާގެ މައިންބަފައިންގެ ގައުމުތަކަށްވާތީ އެވެ. އިޓަލީގެ އޭސީ މިލާނުން 2021 ވަނަ އަހަރު ވާދަވެރި އިންޓަމިލާނަށް ބަދަލުވުމަށްފަހު ކަލްހަނޯގްލޫ ދައްކަމުންދަނީ ޔޫރަޕުގެ ކޮންމެ ޓީމަކުން ވެސް ޝައުގުވެރިވާ ފަދަ ކުޅުމެކެވެ. އޭނާ އެންމެ ފުރަތަމަ ކުޅުނީ އެޓޭކިން މިޑްފީލްޑަރަކަށެވެ. ނަމަވެސް އިންޓަމިލާނުގައި ފަރިތަވީ މެދުތެރެއިން ފަހަތަށް ޖެހިގެން ކުޅޭ ކުޅުންތެރިއަކަށެވެ. އޭނާގެ ތަޖުރިބާއަކީ ތުރުކީ ޓީމަށް ވަރަށް މުހިންމު އެއްޗަކަމެނުވީ ނުވާނެ އެވެ.
މީގެ އިތުރުން ރެއާލް މެޑްރިޑްގެ އަރްދާ ގުލާ އާއި ޔުވެންޓަސްގެ ކެނަން ޔިލްޑިޒް އަކީ އެޓޭކިންގައި އެންމެ ބޮޑަށް ފާރަލާން ޖެހޭނެ ދެ ކުޅުންތެރިންނެވެ. އެންމެ ފަހުގެ ޔޫރޯގައި މި ދެ ކުޅުންތެރިން މޮޅަށް ކުޅުނެވެ.
ކޯޗު މޮންޓޮޔާ އާއްމުކޮށް ކުޅުވަނީ އިޓާލިއަން ސްޓައިލަށެވެ. އާއްމުކޮށް ބޭނުން ކުރަނީ 4-2-3-1 ފޯމޭޝަނެވެ. އެކަމަކު ސްޕޭނާ އެއްވަރުކުރީ 4-5-1 އަށް ކުޅެންނެވެ. މިހެންކަމުން ވޯލްޑް ކަޕުގައި މި ފޯމޭޝަނަށް ކުޅުމަކީ ވަރަށް ގާތްކަމެކެވެ. ތުރުކީގެ ސްޓައިލަކީ ވަރަށް ބޮޑަށް ފަހަތަށް އިސްކަންދީފައި މެދުތެރޭގައި ކެތްތެރިވެގެން ތިބުމެވެ. ދެ އަރިމަތިން ހަލުވި ދެ މިޑްފީލްޑަރުންނަށް ފުރުސަތު ދީފައި ކުރިއަށް ކުޅުވަނީ ދިގު ފޯވަޑަކު ލައްވަ އެވެ. މިހެންވެ މަތީ ބޯޅަތަކަށް އިދިކޮޅު ޓީމުތައް ސަމާލުވާން ޖެހޭނެ އެވެ.
ކޯޗު: ވިންސެންޒޯ މޮންޓެޔާ
އުމުރު: 51
ގައުމު: އިޓަލީ
އުމުރުން 51 އަހަރުގެ ކޯޗު ވިންސެންޒޯ މޮންޓެޔާ އަކީ އިޓަލީގެ ކުރީގެ ފޯވަޑެވެ. އޭނާ ވަނީ ގައުމީ ޓީމަށް 20 މެޗު ކުޅެދީ ތިން ގޯލު ޖަހައިދީފަ އެވެ. 2023 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވިއިރު މިއީ ގައުމީ ޓީމަކަށް އޭނާ ކޯޗުކޮށްދޭން ޖެހުނު ފުރަތަމަ ފަހަރަށްވި ނަމަވެސް މޮންޓެޔާ ވަނީ އޭނާގެ މަސައްކަތާމެދު ސުވާލު އުފައްދަން ނުޖެހޭވަރު ކޮށްދީފަ އެވެ. ތުރުކީގެ ގައުމީ ޓީމާ ހަވާލުވީ އެ ގައުމުގެ ލީގު ޗެމްޕިއަންކަން އަދަނާ ޑެމިރްސްޕޯ އަށް ހޯދައިދިނުމަށްފަހު އެވެ. ގައުމީ ޓީމާ ހަވާލުވުމަށްފަހު ފުރަތަމަ ކުޅުނު މެޗުތަކުގެ ނަތީޖާ ރަނގަޅު ނުވި ނަމަވެސް ފަހުން އޭނާ ވަނީ ގިނަ ބައެއްގެ އިތުބާރު ހޯދައިފަ އެވެ. ވޯލްޑް ކަޕަށް ތުރުކީ ކޮލިފައިކޮށްދިން ފުރަތަމަ ބިދޭސީ ކޯޗުގެ އިރުޝާދުގެ ދަށުން އެންމެ ފަހުގެ ޔޫރޯ އާއި ވޯލްޑް ކަޕް ކޮލިފައިންގައި ދެއްކި ކުޅުމާއެކު އޭނާ އަށް އޮތީ އިތުބާރެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ވެސް އެންމެ ރަނގަޅު ރެކޯޑެއް އޮތީ އޭނާ އަށެވެ.
ޓީމުގައި ހުނަރު އެބަހުރި. ޔިލްޑިޒް ވަނީ ޑެލްޕިއެރޯ ޖެހި ކަހަލަ ގޯލުތަކެއް ޖަހާފައި. އެހެންވީމާ އޭނާ އަކީ ވަރަށް އަރަމުން އަންނަ އަލިގަދަ ކުޅުންތެރިއެއް. އެންމެ މުހިންމު ކަމަކީ ފިޒިކަލް ވަރުގަދަ ކުރުން. މުޅި ޓީމު ވެސް އެކަން ކުރަންޖެހޭ. ހުނަރާ އެއްވަރަށް ވޯލްޑް ކަޕުގައި ފިޒިކަލް ފިޓްނަސް މުހިންމު ދައުރެއް އަދާކުރާނެ. އަހަރުމެން މުބާރާތުގެ ކުއާޓާ ފައިނަލަށް ދާން އުއްމީދު ކުރަން.