2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕަކީ މި ފަހުގެ ތާރީޚެއްގައި އެންމެ ބޮޑު ސަމާލުކަމެއް ލިބިގެންދިޔަ އެއް މުބާރާތެވެ.
މުބާރާތުގެ ބިޑު ގަތަރުން ކާމިޔާބުކުރުމާއިއެކު އެގައުމު ހޫނުވުމުގެ ސަބަބުން ކުޅުންތެރިންނަށް އެކަމުގެ އަސަރު ކުރާނެކަމަށްބުނެ ބައެއް ގައުމުތަކުން ވަނީ މުބާރާތް ބޮއިކޮޓް ކުރާނެކަމަށް ކުރިން ބުނެފަ އެވެ. އެކަމުގެ ސަބަބުން ގަތަރުން ވަނީ މުބާރާތުގެ މެޗުތައް ކުޅުނު ސްޓޭޑިއަމްތަކުގެ ފިނިހޫނުމިން ހިފެހެއްޓޭގޮތަށް ހަދާފަ އެވެ. އަދި އާންމުކޮށް ހޫނު މޫސުމުގައި ބާއްވަމުން އަންނަ މުބާރާތް ވަނީ ނޮވެމްބަރ މަހަށް ބަދަލުކޮށްފަ އެވެ.
މީގެ އިތުރުން މި މުބާރާތަށް ގަތަރުން ތައްޔާރުވަމުންދިޔައިރު, މުބާރާތުގެ މެޗުތައް ކުޅޭ ސްޓޭޑިއަމްތަކާއި ދަތުރުފަތުރުގެ ނިޒާމް ގާއިމުކުރުމުގައި ހަރަކާތްތެރިވި ގިނަ މަސައްކަތްތެރިން މަރުވެފައިވާ ކަމަށްބުނެ އެކަމާއި ދެކޮޅަށްވެސް ޔޫރަޕްގެ ބައެއް ޖަމްއިއްޔާތަކުން ވަނީ އަޑުއުފުލާފަ އެވެ.
ޖުމްލަ 32 ޓީމު ވާދަކުރާ ފަހު މުބާރާތުގެ ގޮތުގައި 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕް ވެގެންދިޔައިރު މި މުބާރާތަކީ ފީފާއިން ފަހަކަށް އައިސް ބޭއްވި އެންމެ ކާމިޔާބު އެއް މުބާރާތެވެ. އަދި ފީފާއަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު އެއް މުބާރާތްވެސްމެ އެވެ.
ގަތަރުގައި ބޭއްވި ފީފާ ވޯލްޑްކަޕް އާޖެންޓިނާއިން ކާމިޔާބުކޮށް ތިން ފަހަރަށް މުބާރާތުގެ ޗެމްޕިއަންކަން އެގައުމުން ހޯދިއިރު މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް އާޖެންޓީނާގެ ލިއޮނެލް މެސީ ހޮވިފައިވާއިރު އެންމެ ޒުވާން ކުޅުންތެރިއަކީ އެންޒޯ ފެނާންޑޭޒް އެވެ. އަދި އެންމެ މޮޅު ކީޕަރަކަށްވެސް ހޮވިފައިވަނީ އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް އެވެ.
ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތަކީ ވޯލްޑްކަޕްގެ 21 ވަނަ މުބާރާތެވެ.
ރަޝިޔާގައި މި މުބާރާތް ބާއްވަން 2010 ވަނަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ނިންމިއިރު މިއީ މި މުބާރާތް ޔޫރަޕްގައި ބާއްވާ 11 ވަނަ ފަހަރެވެ. ނަމަވެސް މިއީ އީސްޓަރން ޔޫރަޕްގެ ގައުމެއްގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.
2018 ވަނަ އަހަރުގެ ވޯލްޑްކަޕް ބޭއްވިއިރު އެ މުބާރާތަށް ޖުމްލަ 14.2 ބިލިއަން އެމެރިކާ ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ. އަދި މިއީ އެ މުއްދަތާއި ހަމައަށް ފީފާއިން ބޭއްވި އެންމެ އަގު ބޮޑު މުބާރާތްވެސްމެ އެވެ.
ޖުމްލަ 32 ޓީމު ވާދަކުރި މި މުބާރާތުގައި ޖުމްލަ 64 މެޗު ކުޅެފައިވާއިރު, މުބާރާތަށް އަލަށް ކޮލިވެފައިވާ ދެ ގައުމަކީ ޕެނަމާ އާއި އައިސްލޭންޑް އެވެ. ރަޝިޔާގެ 11 ސިޓީއެއްގެ 12 ސްޓޭޑިއަމްގައި ކުރިއަށްދިޔަ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޖަރުމަން ކަޓާފަ އެވެ. މިއީ 1938 ވަނަ އަހަރަށްފަހު އެންމެ ފަހުގެ ޗެމްޕިއަން ގްރޫޕް ސްޓޭޖުން ކެޓި ފުރަތަމަ ފަހަރެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކްރޮއޭޝިޔާގެ ލޫކާ މޮޑްރިޗް ވަނީ އެ ޓީމު ގޮވައިގެން މުބާރާތުގެ ފައިނަލުގައި ކުޅެފަ އެވެ. ނަމަވެސް ކްރޮއޭޝިޔާ ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފްރާންސް އެވެ. މިއީ ފްރާންސް އިން ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ.
ދުނިޔޭގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕްގެ 2014 ވަނަ އަހަރުގެ މުބާރާތް ބްރެޒިލްގައި ބާއްވަން ފީފާ އިން ނިންމާފައިވަނީ 2007 ވަނަ އަހަރު އެވެ. މިއީ ވޯލްޑްކަޕް ބްރެޒިލްގައި ބާއްވާ ދެވަނަ ފަހަރެވެ. މީގެ ކުރިން 1950 ވަނަ އަހަރުގެ މުބާރާތްވެސް ބާއްވާފައިވަނީ ބްރެޒިލްގަ އެވެ.
ފުޓްބޯޅަ އަށް ޒަމާނީ ޓެކްނޮލޮޖީ ތައާރަފު ކުރަން ފަށާފައިވާއިރު 2014 ވަނަ އަހަރުގެ މުބާރާތަކީ ފުރަތަމަ ފަހަރަށް ގޯލް ލައިން ޓެކްނޮލޮޖީގެ އިތުރުން ހިލޭ ޖެހުންތަކުގައި ވެނިޝިންގ ސްޕްރޭ ބޭނުންކުރަން ފެށި މުބާރާތެވެ.
ދުނިޔޭގެ ޗެމްޕިއަންކަން ފަސް ފަހަރު މަތިން ހޯދާފައިވާ ބްރެޒިލް އިން މި މުބާރާތާއި ކުރިމަތިލިއިރު މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރި އެއް ޓީމަކީ ބްރެޒިލް އެވެ. ނަމަވެސް މުބާރާތުގެ ސެމީ ފައިނަލުގައި ޖަރުމަނުން ވަނީ 7-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކުރުމަށްފަހު ފައިނަލުގައި އާޖެންޓިނާ ބަލިކޮށް ހަތަރުވަނަ ފަހަރަށް ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފަ އެވެ.
ފައިނަލް މެޗުގައި އާޖެންޓީނާ ކޮޅަށް ޖަރުމަނުން ޖެހި ލަނޑަކީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގެ 113 ވަނަ މިނިޓުގައި މާރިއޯ ގޮޓްޒޭ ކާމިޔާބުކޮށްދިން ލަނޑެވެ. މިއީ 1996 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށްފަހު ޖަރުމަނުން ބޮޑު މުބާރާތެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
2010 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑްކަޕް ބާއްވާނެ ގައުމެއް ހޮވުމަށް ބިޑަށް ހުޅުވާލާފައިވަނީ ހަމައެކަނި އެފްރިކާގެ ގައުމުތަކަށް ކުރިމަތިލެވޭ ގޮތަށެވެ.
މި މުބާރާތް ބޭއްވުމަށް ސައުތު އެފްރިކާގެ އިތުރުން މިސްރާއި މޮރޮކޯ އިން ކުރިމަތިލި ނަމަވެސް 2004 ވަނަ އަހަރު ފީފާ އިން ނިންމާފައިވަނީ ސައުތު އެފްރިކާގައި މުބާރާތް ބޭއްވުމަށެވެ. މިއީ އެފްރިކާގެ ގައުމެއްގައި ފީފާ ވޯލްޑްކަޕް ބޭއްވި ފުރަތަމަ ފަހަރެވެ.
2015 ވަނަ އަހަރު ފަޅާއެރި ފީފާގެ ކޮރަޕްޝަނުގެ މައްސަލަތަކުގައި ވަނީ 2010 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ސައުތު އެފްރިކާގައި ބޭއްވުމަށް ފީފާގެ އެގްޒެކްޓިވް ކޮމިޓީގައި ހިމެނޭ މެމްބަރުންނަށް 10 މިލިއަން އެމެރިކާ ޑޮލަރުގެ ރިޝްވަތު ދީފައިވާކަމަށް ބުނެފަ އެވެ. އަދި މި މައްސަލަ އާއި ގުޅިގެން ފީފާގެ ގިނަ އިސްވެރިންތަކެއްވަނީ ފުޓްބޯޅައިން ސަސްޕެންޑްކޮށްފަ އެވެ.
ޖުމްލަ 32 ޓީމު ވާދަކުރި މި މުބާރާތުގެ ޗެމްޕިއަންކަން ސްޕެއިން އިން ހޯދާފައިވަނީ ފައިނަލުގައި ނެދަލޭންޑްސް ބަލިކުރުމަށްފަހުގަ އެވެ. މިއީ ސްޕެއިން އިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. މުބާރާތުގެ ތިންވަނަ މަގާމް ޖަރުމަނުން ހޯދިއިރު ހަތަރުވަނަ އަށް ގޮސްފައިވަނީ އުރުގުއޭ އެވެ.
ޖަރުމަނުގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ބިޑް އެ ގައުމުން ކާމިޔާބުކޮށްފައިވަނީ 2000 ވަނަ އަހަރު އެވެ. މިއީ ފީފާ ވޯލްޑްކަޕް ޖަރުމަނުގައި ބާއްވާ ދެވަނަ ފަހަރެވެ.
ދުނިޔޭގެ ހަ ބައްރުގެ 198 ގައުމުން ކޮލިފައިންގައި ވާދަކުރި މި މުބާރާތަށް ކޮލިފައިވެފައިވަނީ 31 ޓީމެވެ. އަދި ޖަރުމަން މުބާރާތަށް ކޮލިފައިވެފައިވަނީ މުބާރާތް ބާއްވާ ގައުމުގެ ގޮތުގަ އެވެ.
މި މުބާރާތުގެ ފައިނަލުގައި ފްރާންސް އާއި ދެކޮޅަށް އިޓަލީ ކުޅުނު މެޗުން އިޓަލީ މޮޅުވެފައިވަނީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 ގެ ނަތީޖައަކުން ދެ ޓީމު އެއްވަރުވެފައިވާތީ ޕެނަލްޓީ ޖަހައިގެން 5-3 ގެ ނަތީޖާއަކުންނެވެ. މިއީ އިޓަލީއިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ހަތަރުވަނަ ފަހަރެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ފްރާންސްގެ ޒިނެޑިން ޒިދާން ހޮވިފައިވާއިރު އެންމެ ގިނަ ލަނޑު ޖަހައިގެން ރަން ބޫޓް ހޯދާފައިވަނީ 5 ގޯލު ޖަހައިގެން ޖަރުމަނުގެ މިރޮސްލާވް ކްލޯސާ އެވެ. އަދި އެންމެ މޮޅު ޒުވާން ކުޅުންތެރިއަކަށް ޖަރުމަނުގެ ލޫކަސް ޕޮޑޮލްސްކީ ހޮވުނުއިރު އެންމެ މޮޅު ކީޕަރަކަށް ހޮވިފައިވަނީ އިޓަލީ ޖިއަންލުއިޖީ ބުފޮން އެވެ.
ފީފާ ވޯލްޑްކަޕްގެ 17 ވަނަ އަދަދަކީ އޭޝިޔާގައި ބޭއްވި ފުރަތަމަ ވޯލްޑްކަޕެވެ. އެގޮތުން މި މުބާރާތް ބާއްވާފައިވަނީ ދެކުނު ކޮރެއާ އާއި ޖަޕާން ގުޅިގެން ހުށައެޅި ބިޑު ކާމިޔާބުކޮށްގެން މި ދެ ގައުމުގަ އެވެ.
ކޮރެއާ އާއި ޖަޕާނުގެ 20 ސިޓީއެއްގައި މެޗުތައް ކުޅުނު މި މުބާރާތަށް ކޮލިފައިވުމަށްޓަކައި ދުނިޔޭގެ 199 ގައުމުން ވަނީ ކޮލިފައިން މެޗުތައް ކުޅެފަ އެވެ. މުބާރާތުގައި ވާދަކުރާ 32 ޓީމުގެ ތެރެއިން ޔުރަޕްގެ ގައުމުތަކަށް 14 ޖާގަ ދީފައިވާއިރު, އެފްރިކާއަށް 5 ޖާގަ, ދެކުނު އެމެރިކާއަށް 4 ޖާގަ, އޭޝިޔާއަށް 4 ޖާގައިގެ އިތުރުން އުތުރު އަދި ސެންޓްރަލް އެމެރިކާއަށް ވަނީ ތިން ޖާގަ ދީފަ އެވެ.
އޭޝިޔާގައި ބޭއްވި މި މުބާރާތަށް އަލަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި ޗައިނާ އާއި ސެނެގާލްގެ އިތުރުން ސްލޮވޭނިޔާ ހިމެނެ އެވެ.
ޖަޕާނުގެ ޔޮކޮހާމާ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި ޖަރުމަން 2-0 ގެ ނަތީޖާއަކުން ބަލިކޮށް ބްރެޒިލް އިން މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު މިއީ އެ ގައުމުން ދުނިޔޭގެ ޗެމްޕިއަންކަން ހޯދި ފަސްވަނަ ފަހަރެވެ. އަދި މިހާތަނަށް ވޯލްޑްކަޕްގެ ޗެމްޕިއަންކަން ބްރެޒިލް ފިޔަވާ ފަސް ފަހަރު އެހެން އެއްވެސް ގައުމަކަށް ހޯދިފައެއް ނުވެއެވެ.
މި މުބާރާތުގައި ބްރެޒިލްގެ ރޮނާލްޑ) 8 ލަނޑު ޖަހައިގެން ރަން ބޫޓް ހޯދާފައިވާއިރު މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޖަރުމަނުގެ އޮލިވަ ޚާން އެވެ. މުބާރާތުގެ ތިންވަނަ މަގާމް ހޯދާފައިވަނީ 1954 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް ވޯލްޑްކަޕަށް ކޮލިފައިވި ތުރުކީ އިންނެވެ.
1998 ވަނަ އަހަރު ފްރާންސް ގައި ބޭއްވި ވޯލްޑްކަޕަކީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު 32 އަށް ބަދަލުކޮށްގެން ބާއްވާފައިވާ ފުރަތަމަ ވޯލްޑްކަޕެވެ.
ޔޫރަޕްގެ 9 ވަނަ ފަހަރަށް ބޭއްވި ފީފާ ވޯލްޑްކަޕްގެ ބިޑް ފްރާންސް އިން ކާމިޔާބުކޮށްފައިވަނީ މޮރޮކޯ ފަހަތަށް ޖައްސާލުމަށްފަހުގަ އެވެ.
މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުވުމާއިއެކު މުބާރާތުގެ ފޯމެޓަށްވެސްވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މުބާރާތުގައި ވާދަކުރާ 32 ޓީމު 8 ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ދެވަނަ ބުރަށް ހޮވޭނީ ކޮންމެ ގްރޫޕަކުންވެސް 1 ވަނަ އަދި 2 ވަނަ ޓީމެވެ. އަދި މި 16 ޓީމުގެ މެދުގައި ނޮކްއައުޓް މެޗުތަކެއް ކުޅުމަށްފަހު މޮޅުވާ ޓީމުތަކަށް މުބާރާތުގެ ކުއާޓަރ ފައިނަލަށް ކޮލިފައިވާނެ އެވެ.
ދުނިޔޭގެ 6 ބައްރުގެ ޖުމްލަ 174 ގައުމު މި މުބާރާތުގެ ކޮލިފައިންގެ މެޗުތައް ކުޅެފައިވާއިރު މުބާރާތަށް އަލަށް ކޮލިފައިވެފައިވަނީ ސައުތު އެފްރިކާ އާއި ޖަޕާންގެ އިތުރުން ޖެމެއިކާ އަދި ކްރޮއޭޝިޔާ އެވެ.
މުބާރާތުގައި އަލަށް ވާދަކުރި ފަހަރު ކްރޮއޭޝިޔާގެ ފޯވަޑް ޑާވޯ ސުކާ ވަނީ މުބާރާތުގައި މޮޅު ކުޅުމެއް ދައްކާ 6 ލަނޑު ޖަހައިގެން ރަން ބޫޓު ހޯދާފަ އެވެ. މީގެ އިތުރުން މި މުބާރާތަކީ ފުޓްބޯޅައިގެ އެތައް ތަރިންނެއްގެ ވިދުން ގަދަވެގެންދިޔަ މުބާރާތެވެ. އޭގެ ތެރޭގައި ފްރާންސްގެ ގޯލުކީޕަރު ފަބިއަން ބާތޭޒް އާއި އިންގްލެންޑްގެ މައިކަލް އޮވެން, ކްރޮއޭޝިޔާގެ ޑާވޯ ސުކާ އަދި ބްރެޒިލްގެ ރޮނާލްޑޯގެ އިތުރުން ފްރާންސްގެ ޒިނެޑިން ޒިދާން ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ފްރާންސް އިން އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑްކަޕްގެ ފައިނަލުގައި 3-0 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށް ޗެމްޕިއަންކަން ހޯދި މެޗުގައި ޒިނެޑިން ޒިދާން ވަނީ ދެ ލަނޑު ޖަހާފަ އެވެ.
1994 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް އެމެރިކާގައި ބާއްވަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން ނިންމުމުން ގިނަ ބަޔަކު ވަނީ ފާޑުކިޔާފަ އެވެ.
ފުޓްބޯޅައިގެ މަގުބޫލުކަން އިންތިހާއަށް ކުޑަ ގައުމެއްގައި ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ބާއްވަން ފީފާ އިން ނިންމާފައިވަނީ 1988 ވަނަ އަހަރު އެވެ. ނަމަވެސް މުބާރާތް ފެށުމާއިއެކު މި މުބާރާތް ވެފައިވަނީ ވޯލްޑްކަޕްގެ ތާރީޚުގައިވެސް އެންމެ ކާމިޔާބު އެއް މުބާރާތަށް ވެފައެވެ. މުބާރާތް ބެލުމަށް ޖުމްލަ 3.5 މިލިއަނަށްވުރެ ގިނަ މީހުން ދަނޑަށް ވަދެފައިވާއިރު, މި އަދަދު 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕާއި ހަމައަށް ބަދަލުވެފައެއް ނުވެއެވެ. ޖުމްލަ 52 މެޗު ކުޅެފައިވާއިރު އެވްރެޖްކޮށް މެޗަކަށް 68,991 މީހުން ދަނޑަށް ވަދެފައިވެ އެވެ.
މި މުބާރާތް ބޭއްވުމަށް ބިޑުކުރި ގައުމުތަކުގެ ތެރޭގައި އެމެރިކާގެ އިތުރުން ބްރެޒިލް އާއި މޮރޮކޯ ހިމެނެ އެވެ. އެމެރިކާއިން ވަނީ މި މުބާރާތް ކާމިޔާބު ކަމާއިއެކު ބޭއްވުމަށް 500 މިލިއަން އެމެރިކާ ޑޮލަރު ވަނީ ޚަރަދުކޮށްފަ އެވެ.
އީސްޓް ޖަރުމަން އަދި ވެސްޓް ޖަރުމަން އެއް ކުރުމަށްފަހު ޖަރުމަންގެ ނަމުގައި އެ ގައުމު ވޯލްޑްކަޕްގައި ކުޅުނު މިއީ ފުރަތަމަ ފަހަރެވެ. މި މުބާރާތަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި މުޅިން އަލަށް ވޯލްޑްކަޕަށް ކޮލިފައިވެފައިވަނީ ސައުދި އަރަބިއްޔާ އާއި ނައިޖީރިއާގެ އިތުރުން ގްރީސް އެވެ.
1994 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އިޓަލީ ބަލިކޮށް ބްރެޒިލް އިން ވަނީ ހޯދާ ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު މަތިން ހޯދާފަ އެވެ. ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައިވާތީ ބްރެޒިލް 3-2 ގެ ނަތީޖާއަކުން މޮޅުވެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ބްރެޒިލްގެ ރޮމާރިއޯ ހޮވިފައިވާއިރު އެންމެ ޒުވާން ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ނެދަލޭންޑްސްގެ މާކް އޮވަމާސް އެވެ. އަދި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ގޮތުގައި 6 ލަނޑު ޖަހައިގެން ބުލްގޭރިޔާގެ ހްރިސްޓޯ ސްޓޮއިޗްކޯވް އާއި ރަޝިޔާގެ އޮލެގް ސަލެންކޯ ވަނީ ރަން ބޫޓް ހޯދާފައެވެ.
1990 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑްކަޕާއިއެކު އެ ގައުމު ވެފައިވަނީ މި މުބާރާތް ދެވަނަ ފަހަރަށް ބޭއްވި ޔޫރަޕްގެ ފުރަތަމަ ގައުމަށް ވެފަ އެވެ.
ދުނިޔޭގެ 5 ބައްރަކުން ޖުމްލަ 116 ޓީމު ކޮލިފައިންގައި ވާދަކުރި މި މުބާރާތަށް 22 ޓީމު ކޮލިފައިވިއިރު އެންމެ ފަހުގެ ޗެމްޕިއަން ޓީމާއި މުބާރާތް ބާއްވާ ގައުމަށް ވަނީ ކޮލިފިކޭޝަނަކާއި ނުލައި މުބާރާތުން ފުރުސަތު ދީފަ އެވެ.
ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ 1-0 ގެ ނަތީޖާއަކުން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ވެސްޓް ޖަރުމަނުންނެވެ. މިއީ ވެސްޓް ޖަރުމަނުން މުބާރާތުގެ ތަށި ހޯދި ތިންވަނަ ފަހަރެވެ.
މި މުބާރާތުގެ ފައިނަލުން އާޖެންޓީނާ އާއި ވެސްޓް ޖަރުމަން ފުރުސަތު ހޯދާފައިވަނީ ސެމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެންނެވެ. އަދި މިއީ ވެސްޓް ޖަރުމަނުގެ ނަމުގައި އެ ގައުމުން މި މުބާރާތުގައި ކުޅުނު އެންމެ ފަހު ފަހަރުވެސްމެ އެވެ.
ފީފާ ވޯލްޑްކަޕަށް އަލަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއި ކޮސްޓަރިކާގެ އިތުރުން ރިޕަބްލިކް އޮފް އަޔަރލޭންޑް ހިމެނެ އެވެ. 2026 ވަނަ އަހަރާއި ހަމައަށް މިއީ ޔުނައިޓެޑް އަރަބް އެމިރޭޓްސް ވޯލްޑްކަޕަށް ކޮލިފައިވި ހަމައެކަނި ފަހަރެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން ޖަރުމަނުން ހޯދި ނަމަވެސް މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ އިތުރުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ އިޓަލީގެ ސަލްވަޓޯ ސިލާޗީ އެވެ.
ދުނިޔޭގެ ފަސް ބައްރެއްގެ 24 ޓީމުން ވާދަކޮށްފައިވާ 1986 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ބާއްވާފައިވަނީ މެކްސިކޯގަ އެވެ.
މި މުބާރާތް ބޭއްވުމަށް އެންމެ ފުރަތަމަ ކޮލަމްބިއާ ހަމަޖެއްސި ނަމަވެސް އެ ގައުމަށް ކުރިމަތިވި އިގްތިސާދީ ދަތިތަކާއިހުރެ ފަހުން އެ ނިންމުން ބަދަލުކޮށް މުބާރާތް މެކްސިކޯގައި ބޭއްވުމަށް ފީފާ އިން ވަނީ ނިންމާފަ އެވެ. 1983 ވަނަ އަހަރު މެކްސިކޯގައި މި މުބާރާތް ބޭއްވުމަށް ނިންމުމާއިއެކު އެ ގައުމު ވެފައިވަނީ މި މުބާރާތް ދެ ފަހަރު މަތިން ބޭއްވި ފުރަތަމަ ގައުމަށް ވެފައެވެ.
މުޅި ދުނިޔޭގެ ސަމާލުކަން އާޖެންޓީނާގެ އުމުރުން 25 އަހަރުގެ ޑިއެގޯ މެރެޑޯނާއަށް ލިބިގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އަށް ހޯދަދީފައިވަނީ މެރެޑޯނާ ދެއްކި މޮޅު ކުޅުމާއިއެކުގަ އެވެ. އަދި މިއީ އަދި މިހާތަނަށްވެސް އެންމެ ގިނަ ބަޔަކު ދައްކަމުންދާ "ގޯލް އޮފް ދަ ސެންޗަރީ" ނުވަތަ ހޭންޑް އޮފް ގޯޑް" ގެ ނަން ދީފައިވާ ލަނޑު ފެނިގެންދިޔަ މުބާރާތްވެސްމެ އެވެ. އެއީ މުބާރާތުގެ ކުއާޓަރ ފައިނަލުގައި އިންގްލެންޑް ކޮޅަށް މެރެޑޯނާ އަތުން ޖެހި ލަނޑެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް މެރެޑޯނާ ހޮވުނުއިރު އޭނާ ވަނީ ޖުމްލަ 5 ލަނޑު ޖަހާފަ އެވެ. ނަމަވެސް މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމަށް ހޮވިފައިވަނީ ޖުމްލަ 6 ލަނޑު ޖެހި އިންގްލެންޑްގެ ގެރީ ލިނެކާ އެވެ.
މި މުބާރާތަށް އަލަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި ޑެންމާކް, ކެނެޑާގެ އިތުރުން އިރާގް ހިމެނެ އެވެ. މި އިރާގުން މި މުބާރާތުގެ ކޮލިފައިންގައި ކުޅުނު ހުރިހާ ހޯމް މެޗެއްވެސް ކުޅެފައިވަނީ ސައުދި އަރަބިއްޔާގަ އެވެ. އެއީ އޭރު އިރާނާއި އިރާގާއި ދެމެދު ހިނގަމުންދިޔަ ހަނގުރާމައިގެ ސަބަބުންނެވެ.
1982 ވަނަ އަހަރު ސްޕެއިންގައި ބޭއްވި ފީފާ ވޯލްޑްކަޕަކީ މެޗެއްގެ ނަތީޖާ އެއްވަރުވުމުން ފުރަތަމަ ފަހަރަށް ޕެނަލްޓީ ޖަހަން ނިންމާފައިވާ މުބާރާތެވެ. އަދި މިއީ ފުރަތަމަ ފަހަރަށް 24 ޓީމު ވާދަކުރާ ގޮތަށް ކުރިއަށް ގެންދިޔަ ވޯލްޑްކަޕްވެސްމެ އެވެ.
ޖުމްލަ 24 ޓީމު ވާދަކުރި މި މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަންގެ އިތުރުން މުބާރާތް ބާއްވާ ސްޕެއިން ފިޔަވައި އަނެއް 22 ޖާގައަށް ޓީމުތައް ހޮވިފައިވަނީ ކޮލައިން މެޗުތަކަށްފަހުގަ އެވެ. މި މުބާރާތުގައި ފުރަތަމަ ފަހަރަށް ވާދަކުރި ގައުމުތަކުގެ ތެރޭގައި އަލްޖީރިއާ, ކެމަރޫން, ހޮންޑިއުރާސް, ކުވެއިތުގެ އިތުރުން ނިއު ޒިލޭންޑް ހިމެނެ އެވެ.
އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ މުބާރާތުގެ ދެވަނަ ބުރުން ކަޓާފައިވާއިރު, މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އިޓަލީ އެވެ. މިއީ އިޓަލީ އިން ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ތިންވަނަ ފަހަރެވެ. އިޓަލީ އިން ޗެމްޕިއަންކަން ހޯދާފައިވަނީ ފައިނަލުގައި ވެސްޓް ޖަރުމަން 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އެލް ސަލްވަޑޯ އަތުން ހަންގޭރީ 10-1 ގެ ނަތީޖާއަކުން މޮޅުވިއިރު މިއީ ވޯލްޑްކަޕް ތާރީޚުގައި އެ މުއްދަތާއި ހަމައަށް ނެރެވުނު އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ.
މި މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގައި އިޓަލީއަށް 6 ލަނޑު ޖަހައިދިން ޕައޮލޯ ރޮސީ އެވެ.
ފީފާ ވޯލްޑްކަޕްގެ 11 ވަނަ އަދަދު ބާއްވާފައިވަނީ ދެކުނު އެމެރިކާގެ އާޖެންޓީނާގަ އެވެ.
މި މުބާރާތް އާޖެންޓީނާގައި ބޭއްވުމަށް ޖުމްލަ 700 މިލިއަން އެމެރިކާ ޑޮލަރު ހޭދަކޮށްފައިވާއިރު މުޅިން އަލަށް ވަނީ ތިން ސްޓޭޑިއަމެއް ބިނާކޮށްފަ އެވެ. މި މުބާރާތުގެ ތެރޭގައި އާޖެންޓީނާގައި އޭރު އޮތް މިލިޓަރީ ވެރިކަން ކުރި ފަރާތުންވަނީ ވޯލްޑްކަޕްގެ ފައިދާ ވަރަށް ބޮޑަށް ނަގާފަ އެވެ.
ޖުމްލަ 16 ޓީމު ވާދަކުރި މި މުބާރާތުގެ ކޮލިފައިންގައި ޖުމްލަ 100 އަށްވުރެ ގިނަ ގައުމުތަކުން ވަނީ ވާދަކޮށްފަ އެވެ. މިއީ މި އަދަދަށް ކޮލިފައިންގައި ޓީމުތައް ވާދަކުރި ފުރަތަމަ ފަހަރެވެ. މި މުބާރާތަށް އަލަށް ކޮލިފައިވި ގައުމުތަކުގެ ތެރޭގައި އިރާން އާއި ޓީއުނީޝިޔާ ހިމެނެ އެވެ.
މި މުބާރާތުގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދާފައިވަނީ ފައިނަލުގައި ނެދަލޭންޑްސް 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. މިއީ އާޖެންޓީނާ އިން ވޯލްޑްކަޕްގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ. އަދި މި މުބާރާތުގެ ތަށި އާޖެންޓީނާއިން ހޯދިއިރު އެ ގައުމު ވެފައިވަނީ ވޯލްޑްކަޕް ބޭއްވި ގައުމުގެ ގޮތުގައި މުބާރާތް ކާމިޔާބުކުރި ފަސްވަނަ ގައުމަށެވެ. މީގެ ކުރިން އުރުގުއޭ އާއި އިޓަލީގެ އިތުރުން އިންގްލެންޑް އާއި ވެސްޓް ޖަރުމަން ވެސް ވަނީ މުބާރާތް އަމިއްލަ ގައުމުގައި ބާއްވާ ޗެމްޕިއަންކަން ހޯދާފަ އެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މުބާރާތުގައި 6 ލަނޑު ޖަހައިގެން ރަން ބޫޓުވެސް ހޯދި އާޖެންޓީނާގެ މާރިއޯ ކެމްޕެސް އެވެ.
1974 ވަނަ އަހަރު ވެސްޓް ޖަރުމަންގައި ބާއްވާފައިވާ ފީފާ ވޯލްޑްކަޕަކީ މިހާރު ބޭނުންކުރަމުންދާ ޓްރޮފީ ފުރަތަމަ ފަހަރަށް ބޭނުންކޮށްފައިވާ މުބާރާތެވެ.
އިޓަލީގެ ޑިޒައިނަރ ސިލްވިއޯ ގަޒޭނިގާ ފަރުމާކޮށްފައިވާ މި ޓްރޮފީގެ ކުރިން ބޭނުން ކޮށްފައިވާ ޖޫލްސް ރިމޭ ޓްރޮފީ ވަނީ ބްރެޒިލް އިން ތިން ފަހަރު މުބާރާތް ހޯދުމާއިއެކު އެ ގައުމަށް ދީފަ އެވެ.
ޖުމްލަ 16 ޓީމު ވާދަކޮށްފައިވާ މި މުބާރާތް ޖަރުމަނުގެ 9 ސިޓީއެއްގައި ކުރިއަށް ގެންގޮސްފައިވާއިރު, މި މުބާރާތުގެ ޗެމްޕިއަންކަން ވެސްޓް ޖަރުމަނުން ހޯދާފައިވަނީ ފައިނަލުގައި ނެދަލޭންޑްސް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
މިއުނިކްގެ އޮލިމްޕިއާ ސްޓޭޑީއަމްގައި ކުޅުނު ފައިނަލް މެޗުން މޮޅުވެ މުބާރާތް ކާމިޔާބު ކުރުމާއިއެކު ވެސްޓް ޖަރުމަނުން ވަނީ މި މުބާރާތުގެ ޗެމްޕިއަންކަން ދެ ފަހަރު މަތިން ހޯދާފަ އެވެ.
1974 ވަނަ އަހަރުގެ މުބާރާތުގައި ޖުމްލަ ހަތަރު ގައުމެއް އަލަށް ވޯލްޑްކަޕްގައި ވާދަކޮށްފައިވާއިރު, އޭގެ ތެރޭގައި އީސްޓް ޖަރުމަން, އޮސްޓްރޭލިއާ, ހެއިޓީގެ އިތުރުން ޒެއިރޭ ހިމެނެ އެވެ. މިއީ 1990 ވަނަ އަހަރު ދެ ޖަރުމަން އެއްކޮށްލުމާއި ހަމައަށް އީސްޓް ޖަރުމަނުން ވޯލްޑްކަޕްގައި ކުޅުނު ހަމައެކަނި ފަހަރެވެ.
މި މުބާރާތުގެ ފައިނަލުގައި ޖަރުމަނުގެ ގާރޑޤ މުލާ ޖެހި ލަނޑާއެކު އޭނާ ތިން ވޯލްޑްކަޕްގައި ޖެހި ލަނޑުގެ އަދަދު ވަނީ 14 އަށް އަރާފަ އެވެ. 2006 ވަނަ އަހަރު ބްރެޒިލްގެ ރޮނާލްޑޯ ޖެހި 15 ލަނޑާއެކު އެ ރެކޯޑް މުގުރާލިއިރު, އޭގެ ފަހުން 2014 ވަނަ އަހަރު ޖަރުމަނުގެ މިރޮސްލާވް ކްލޯސާ ވަނީ ހަތަރު ވޯލްޑްކަޕްގައި ޖުމްލަ 16 ލަނޑު ޖަހާފަ އެވެ.
1970 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕް ބާއްވަން ނިންމާފައިވަނީ 1964 ވަނަ އަހަރު ޖަޕާނުގައި ބޭއްވި ފީފާގެ ކޮންގްރެސްގަ އެވެ. މި މުބާރާތް ބާއްވަން މެކްސިކޯގެ އިތުރުން ބިޑު ހުށައަޅާފައިވަނީ އާޖެންޓީނާ އެވެ.
ޖުމްލަ 16 ޓިމު ވާދަކުރި މި މުބާރާތުގެ ކޮލިފައިންގައި ކުޅުނު މެޗުތަކުގެ 14 ޓީމަކަށް ފުރުސަތު ދީފައިވާއިރު މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި މިކްސިކޯ އާއި އެންމެ ފަހުގެ ޗެމްޕިއަން އިންގްލެންޑަށް ވަނީ ފުރުސަތު ދީފަ އެވެ. މި މުބާރާތަށް އަލަށް ކޮލިފައިވެފައިވާ ދެ ގައުމަކީ އެލް ސަލްވަޑޯ އާއި އިޒްރޭލް އެވެ. ކޮލިފައިންގައި ފުރަތަމަ 73 ގައުމު ވާދަކުރަން ނިންމި ނަމަވެސް އެކި ސަބަބުތަކާއިހުރެ ބައެއް ގައުމުތަކުން ވަކިވެފައިވާތީ ކޮލިފައިންގައި ފަހު ވަގުތު ވާދަކޮށްފައިވަނީ 68 ގައުމެވެ.
ޖުމްލަ 32 މެޗު ކުޅުނު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފައނަލުގައު އިޓަލީ 4-1 ގެ ނަތީޖާއަކުން ބަލިކޮށް ބްރެޒިލް އެވެ. މިއީ ބްރެޒިލް އިން ވޯލްޑްކަޕް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. ބްރެޒިލް އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދިއިރު އެ ޓީމުން ވަނީ އުރުގުއޭގެ އިތުރުން އިންގްލެންޑް ވެސް ބަލިކޮށްފަ އެވެ.
ބްރެޒިލް އިން މި މުބާރާތުގެ ޗެމްޕިއަންކަން ތިންވަނަ ފަހަރަށް ހޯދުމާއެކު ފީފާ އިން ވަނީ ޖޫލްސް ރިމޭ ޓްރޮފީ އެ ގައުމުގައި ދާއިމީކޮށް ބެހެއްޓުމުގެ ހުއްދަ ދީފަ އެވެ. އަދި އޭގެ ފަހުން ފީފާއިން ވަނީ ވޯލްޑްކަޕަށް މުޅި އައު ޑިޒައިނެއްގެ ޓްރޮފީއެއް ހަދާފަ އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިއަކަށް ބްރެޒިލް ޕެލޭ ހޮވުނުއިރު އެންމެ ގިނަ ލަނޑު ޖަހާފައިވަނީ ޖުމްލަ 10 ލަނޑު ޖެހި ވެސްޓް ޖަރުމަންގެ ގާރޑް މުލާ އެވެ.
ފީފާ ވޯލްޑްކަޕްގެ އަށް ވަނަ އަދަދު 1966 ވަނަ އަހަރު ބާއްވާފައިވަނީ އިންގްލެންޑް ގަ އެވެ.
1966 ވަނަ އަހަރުގެ ޖުލައި 11 އިން 30 ގެ ނިޔަލަށް ކުރިއަށްދިޔަ ފީފާ ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ ދުނިޔޭގެ ހަތަރ ބައްރެއްގެ ޖުމްލަ 16 ޓީމެވެ. މި މުބާރާތް އިންގްލެންޑްގައި ބާއްވަން ފީފާ އިން ނިންމާފައިވަނީ އެކަމަށް ކުރިމަތިލި ސްޕެއިން އާއި ވެސްޓް ޖަރުމަން ފަހަތަށް ޖެއްސުމަށްފަހު 1960 ވަނަ އަހަރު އިޓަލީގެ ރޯމް ގައި ބޭއްވި ފީފާގެ ބައްދަލުވުމުގަ އެވެ.
މި މުބާރާތުގެ ކޮލިފައިން މެޗުތައް ކުރިއަށް ދަނިކޮށް ޓީމުތަކުގެ ދަތުރުފަތުރާއި އަދި އެހެނިހެން ސަބަބުތަކާއިހުރި ފީފާ އިން ވަނީ އެފްރިކާގެ އެއްވެސް ޓީމަކަށް ސީދާ ވޯލްޑްކަޕްގެ ޖާގައެއް ނުލިބޭނެކަމަށް ބުނެފަ އެވެ. އަދި އެ ސަބަބާއިހުރެ އެފްރިކާގެ 15 ގައުމުން ވަނީ މުބާރާތް ބޮއިކޮޓް ކޮށްފަ އެވެ.
1966 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އަމިއްލަ ގައުމުގައި ކުޅެ އިންގްލެންޑް އިން ހޯދިއިރު މިއީ ވޯލްޑްކަޕްގެ ޗެމްޕިއަންކަން އެ ގައުމަށް ހޯދުނު ފުރަތަމަ އަދި ހަމައެކަނި ފަހަރެވެ.
މުބާރާތުގެ ފައިނަލް މެޗުގައި ވެސްޓް ޖަރުމަނާއި ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 2-2 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެފައިވާތީ އިތުރު ވަގުތުގެ ކުޅުމުގައި އިންގްލެންޑްގެ ޖިއޮފް ހާރސްޓް ވަނީ ތިން ލަނޑު ޖަހާ ހެޓްރިކް ހަދާފަ އެވެ. މި މެޗުން އިންގްލެންޑް މޮޅުވި ދެ ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދީ ޖިއޮފް ހާރސްޓް ވަނީ 4-2 ގެ ނަތީޖާއަކުން އިންގްލެންޑް މޮޅުކޮށްދީފަ އެވެ.
މި މުބާރާތުގެ ތިންވަނަ މަގާމް ސޯވިއެޓް ޔޫނިއަން ބަލިކޮށް ޕޯޗުގަލް އިން ހޯދިއިރު އެ ޓީމުގެ ޔޫސޭބިއޯ ވަނީ މުބާރާތުގައި 9 ލަނޑު ޖަހާ ރަން ބޫޓް ހޯދާފަ އެވެ.
ފީފާ ވޯލްޑްކަޕްގެ ހަތްވަނަ އަދަދު ދެކުނު އެމެރިކާގެ ޗިލީ ގައި ބާއްވާފައިވާއިރު މި މުބާރާތުގައިވެސް ވަނީ ޖުމްލަ 16 ޓީމު ވާދަކޮށްފަ އެވެ.
މުބާރާތް ބާއްވާ ގައުމީ އެންމެ ފަހުގެ ޗެމްޕިއަން ޓީމަށް ވޯލްޑްކަޕްގެ ސީދާ ޖާގައެއް ލިބިގެންދާއިރު ބާކީ 14 ޖާގައަށް ވަނީ ކޮލިފައިން މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން ކޮލިފައިންގައި ވާދަކޮށް މި މުބާރާތަކީ ބުލްގޭރިޔާ އާއި ކޮލަމްބިއާ ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ވާދަކުރި ފަހަރެވެ.
ބްރެޒިލް އިން މި މުބާރާތުގެ ތަށި ދިފާއު ކޮށްފައިވަނީ ފައިނަލުގައި ޗެކޮސްލޮވޭކިޔާ 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. ބްރެޒިލް އިން ފައިނަލުގެ ޖާގަ ހޯދާފައިވަނީ ސެމީ ފައިނަލުގައި މުބާރާތް ބޭއްވި ޗިލީ ބަލިކުރުމަށްފަހުގަ އެވެ.
1962 ވަނަ އަހަރުގެ ވޯލްޑްކަޕަކީ މެޗުތަކުގައި ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވާ މުބާރާތެކެވެ. އޭގެ ތެރެއިންވެސް ޗިލީ އާއި އިޓަލީ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތައް ފާހަގަކޮށްލެވެއެވެ. މި މުބާރާތުގައި ޖުމްލަ 6 ކުޅުންތެރިއަކަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައިވާއިރު މިއީ އޭރުގެ ރެކޯޑެކެވެ.
ހަތްވަނަ ވޯލްޑްކަޕަކީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗުތަކުގައި ޕޮއިންޓުގެ ގޮތުން ދެ ޓީމު އެއްވަރުވެއްޖެނަމަ ގޯލް އެވްރެޖަށް ބަލަން ފެށި މުބާރާތެވެ.
ވޯލްޑްކަޕްގެ ހަވަނަ އަދަދަކީ އުތުރު ޔޫރަޕްގެ ގައުމެއް ކަމުގައިވާ ސްވިޑަންގައި ބާއްވާފައިވާ މުބާރާތެކެވެ. މިއީ މި މުބާރާތުގެ ތާރީޚުގައިވެސް ނޯޑިކް ގައުމެއްގައި ވޯލްޑްކަޕް ބޭއްވި ފުރަތަމަ ފަހަރެވެ.
އެމެރިކާ އާއި ޔޫރަޕްގެ ގައުމުތައް ވާދަކޮށްފައިވާ މި މުބާރާތުގެ ޗެމްޕިއަންކަން ބްރެޒިލް އިން ހޯދާފައިވަނީ ފައިނަލުގައި މުބާރާތް ބޭއްވި ގައުމު ކަމުގައިވާ ސްވިޑަން 5-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ. މިއީ ބްރެޒިލް އިން ވޯލްޑްކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްބޯޅަ ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ބްރެޒިލްގެ ޕެލޭ އެންމެ 17 އަހަރުގައި އޭނާގެ ހުނަރު ދައްކާލާފައިވަނީ 1958 ވަނަ އަހަރުގެ ވޯލްޑްކަޕްގަ އެވެ. ޕެލޭ ވަނީ މި މުބާރާތުގައި ބްރެޒިލް ކުޅުނު ނޮކްއައުޓް ތިން މެޗުގައިވެސް ލަނޑު ޖަހާފަ އެވެ.
1958 ވަނަ އަހަރުގެ ވޯލްޑްކަޕް ވެފައިވަނީ މި މުބާރާތުގެ ތާރީޚުގައި ގިނަ ކަންތައްތަކެއް ހިނގާފަ އެވެ. އެގޮތުން ވޯލްޑްކަޕްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ގޮތުގައި ޕެލޭ މި މުބާރާތުގައި ކުޅެފައިވާއިރު މި މުބާރާތަކީ މުބާރާތް ބޭއްވި ގައުމު ފައިނަލުގައި ކުޅެ ބަލިވި ފުރަތަމަ ފަހަރުވެސްމެ އެވެ.
ސްވިޑަންގައި ބޭއްވި މި މުބާރާތުގައި ދެން އެންމެ ފާހަގަކޮށްލެވުނީ ފްރާންސްގެ ފޯވަޑް ޖަސްޓް ފޮންޓޭން އެވެ. އޭނާ ވަނީ މި މުބާރާތުގައި ޖުމްލަ 13 ލަނޑު ޖަހައިގެން އެއް ވޯލްޑްކަޕްގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.
ދެވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ވޯލްޑްކަޕް 12 އަހަރުގެ މެދު ކެނޑުމަކަށްފަހު 1954 ވަނަ އަހަރު ސްވިޒަލޭންޑްގައި ބާއްވާފައިވަނީ ހަތަރު ބައްރަކުން ޖުމްލަ 16 ޓީމު ބައިވެރިކޮށްގެންނެވެ.
ވޯލްޑްކަޕްގެ ޗެމްޕިއަން ޓީމުގެ އިތުރުން މުބާރާތް ބާއްވާ ގައުމު އޮޓަމެޓިކުން ކޮލިފައިވާ ގޮތަށް އޭރު މުބާރާތް ރާވާފައިވާއިރު ބާކީ 14 ޖާގައަށް ވަނީ ކޮލިފައިން މެޗުތަކެއް ކުޅެފަ އެވެ. އެގޮތުން މި މުބާރާތުގައި އަލަށް ތިން ގައުމަކުން ވަނީ ވާދަކޮށްފަ އެވެ. އެއީ ތުރުކީ އާއި ސްކޮޓްލޭންޑްގެ އިތުރުން އޭޝިޔާގެ ސައުތު ކޮރެއާ އެވެ.
ވެސްޓް ޖަރުމަނުން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް ހޯދާފައިވަނީ ފައިނަލުގައި މި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ހަންގޭރީ 3-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
1954 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވަނީ މި މުބާރާތުގެ ތާރީޚުގައިވެސް އެއް މެޗެއްގައި އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗު ކުޅެފަ އެވެ. އެއީ މުބާރާތް ބޭއްވި ސްވިޒަލޭންޑާއި ދެކޮޅަށް އޮސްޓްރިއާ ކުޅުނު މެޗެވެ. މި މެޗު 7-5 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ އޮސްޓްރިއާ އެވެ.
މި މުބާރާތަކީ ވޯލްޑްކަޕް މިހާރު މި ކުޅޭ ގޮތަށް ގްރޫޕް ސްޓޭޖުގެ މެޗުތަކަށްފަހު ކުއާޓަރ ފައިނަލާއި ސެމީ ފައިނަލް މެޗުތަކަށްފަހު މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ބަދަލުކުރި ފުރަތަމަ ފަހަރެވެ.
ދެވަނަ ބޮޑު ހަނގުރާމާއިގެ ސަބަބުން 12 އަހަރުގެ މެދު ކެނޑުމަކަށްފަހު ހަތަރުވަނަ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ބާއްވާފައިވަނީ ބްރެޒިލްގަ އެވެ.
މުބާރާތް ބާއްވާ ގައުމުގެ ގޮތުގައި ބްރެޒިލް ކޮލިފައިވެފައިވާއިރު އެންމެ ފަހުގެ ޗެމްޕިއަން އިޓަލީވެސް ވަނީ އޮޓޮމެޓިކުން ކޮލިފައިވެފަ އެވެ. އަދި ބާކީ 14 ޖާގައަށް ޓީމުތައް ކޮލިފައިން މެޗުތައް ކުޅެފައިވާއިރު އޭޝިޔާއަށް ދީފައިވާ ޖާގައަށް އިންޑިޔާ ކޮލިފައިވެފައިވަނީ ފިލިޕީންސް އާއި އިންޑޮނޭޝިޔާގެ އިތުރުން ބަރުމާ މުބާރާތުން ވަކިވުމުންނެވެ. އިންޑިޔާ މުބާރާތަށް ކޮލިފައިވި ނަމަވެސް މުބާރާތުގެ ކުރިން އެ ގައުމުން ވަނީ ވޯލްޑްކަޕުން ވަކިވެފަ އެވެ.
ޖުމްލަ ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ފުރަރަމަ ބުރުން ޖެހިޖެހިގެން ދެ ފަހަރު މަތިން ވޯލްޑްކަޕް ކާމިޔާބުކޮށްފައިވާ އިޓަލީ ވަނީ ކަޓާފަ އެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަށް ދިޔަ ޓީމުތަކުގެ މެދުގައި ލީގު އުސޫލުން ފައިނަލް ބުރެއް ކުޅުމަށްފަހު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ އުރުގުއޭ އެވެ. އުރުގުއޭ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފަހު މެޗުގައި މުބާރާތް ބޭއްވި ބްރެޒިލް 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
1950 ވަނަ އަހަރުގެ ވޯލްޑް ކަޕަކީ ފީފާގެ ރައީސްގެ މަގާމުގައި ޖޫލްސް ރިމޭ 25 އަހަރު ހޭދަކުރި އަހަރަށް ވުމާއިއެކު ވޯލްޑްކަޕްގެ ޓްރޮފީގެ ނަން ވަނީ ޖޫލްސް ރިމޭ ކަޕްގެ ނަމަށް ބަދަލުކޮށްފަ އެވެ. އަދި މިއީ ވޯލްޑްކަޕްގެ ތަރީޚުގައިވެސް ފައިނަލް މެޗެއް ނުކުޅެ ވޯލްޑްކަޕްގެ ޗެމްޕިއަންކަން ކަނޑައެޅި މުބާރާތެވެ.
1938 ވަނަ އަހަރުގެ ޖޫން މަހުގެ 4-19 އަށް ފްރާންސްގައި ބޭއްވި ވޯލްޑްކަޕްގައި ޖުމް 15 ޓީމަކުން ބައިވެރިވެފައިވެ އެވެ.
މި މުބާރާތަށް ޖުމްލަ 16 ޓީމަކުން ކޮލިފައިވި ނަމަވެސް އެންމެ ފަހު ވަގުތު އޮސްޓްރިއާ އިން ވަނީ މުބާރާތުގައި ވާދަނުކުރަން ނިންމާފަ އެވެ. އެއީ އޮސްޓްރިއާގެ ސްކޮޑުގައި ހިމެނޭ ބައެއް ކުޅުންތެރިން ޖަރުމަންގެ ޓީމާއި ގުޅުމުގެ ސަބަބުން އުފެދުނު މައްސަލައިގެ ސަބަބުންނެވެ.
ފްރާންސްގެ 8 ސިޓީ އެއްގެ 10 ސްޓޭޑިއަމްގައި ކުޅުނު މި މުބާރާތުގެ މެޗުތައް ބެލުމަށް ޖުމްލަ 374,835 ސަޕޯޓަރުން ވަނީ ދަނޑަށް ވަދެފަ އެވެ.
ވޯލްޑްކަޕްގެ ތިންވަނަ މުބާރާތުގައިވެސް އުރުގުއޭގެ އިތުރުން އާޖެންޓީނާ ވަނީ ވާދަކުރަން ދެކޮޅު ހަދާފަ އެވެ. މި ފަހަރު ޖެހުނު މައްސަލައަކީ 1936 ވަނަ އަހަރުގެ ސަމަރ އޮލިމްޕިކްސް ގައި ޕެރޫ އާއި އޮސްޓްރިއާ ކުޅުނު މެޗުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެންނެވެ.
ފްރާންސްގައި ބޭއްވި މި މުބާރާތުގެ ޗެމްޕިއަންކަން އިޓަލީ އިން ހޯދާ މުބާރާތުގެ ތަށި ޖެހިޖެހިގެން ދެވަނަ ފަހަރަށް ކާމިޔާބުކުރި ފުރަތަމަ ޓީމުގެ ޝަރަފު ހޯދާފައިވަނީ ފައިނަލުގައި ހަންގޭރީ 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
1938 ވަނަ އަހަރުގެ ވޯލްޑްކަޕްގައި ވާދަކޮށްފައިވާ އިޓަލީ ޓީމުގެ ކުޅުންތެރިންގެ އިތުރުން ކޯޗަކީ 1934 ވަނަ އަހަރުގެ ވޯލްޑްކަޕް އިޓަލީއަށް ކާމިޔާބުކޮށްދިން ޓީމެވެ. އެހެންކަމުން މި މުބާރާތް ކާމިޔާބު ކުރުމާއިއެކު އިޓަލީގެ އޭރު ކޯޗު ވިޓޯރިއޯ ޕޯޒޯ ވެފައިވަނީ ވޯލްޑްކަޕް ދެ ފަހަރު ކާމިޔާބުކުރި ހަމައެކަނި ކޯޗަށެވެ.
1934 ވަނަ އަހަރު އިޓަލީގައި ބޭއްވި ވޯލްޑްކަޕްގެ ދެވަނަ މުބާރާތުގައި ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން މުބާރާތަށް ކޮލިފައިވުމަށްޓަކައި މެޗުތަކެއް ކުޅެވޭ ގޮތަށް ވަނީ ފުރަތަމަ ފަހަރަށް ހަދާފަ އެވެ.
ފުރަތަމަ މުބާރާތާއި ޚިލާފަށް ދުނިޔޭގެ ހަތަރު ބައްރަކުން ޖުމްލަ 32 ޓީމު މި މުބާރާތުގެ ކޮލިފައިންގައި ވާދަކޮށްފައިވާއިރު މުބާރާތަށް ކޮލިފައިވެފައިވަނީ އޭގެ ތެރެއިން 16 ޓީމެވެ.
ވޯލްޑްކަޕްގެ ދެވަނަ މުބާރާތް އިޓަލީގައި ބޭއްވި އިރު އެންމެ ފަހުގެ ޗެމްޕިއަން އުރުގުއޭ އިން ވަނީ މި މުބާރާތް ބޮއިކޮޓް ކޮށްފަ އެވެ. އެއީ ފުރަތަމަ މުބާރާތަށް އުރުގުއޭއިން ދައުވަތު ދިން ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން މުބާރާތުގައި ވާދަކޮށްފައިވަނީ އެންމެ ހަތަރު ގައުމު ކަމަށްވާތީ އެވެ.
1934 ވަނަ އަހަރުގެ މުބާރާތަކީ ޔޫރަޕްގައި ބޭއްވި ފުރަތަމަ މުބާރާތަށް ވާއިރު މި މުބާރާތުގައި ޔޫރަޕްގެ ޓީމުތަކުން ވަނީ ރަގަޅު ނަތީޖާތަކެއް ހޯދާފަ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން މުބާރާތް ބޭއްވި އިޓަލީ އިން ހޯދާފައިވަނީ ފައިނަލުގައި ޗެކޮސްލޮވޭކިއާ 2-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
މި މުބާރާތުގައި އެމެރިކާ ބައްރުން ވާދަކޮށްފައިވަނީ އާޖެންޓީނާ އާއި ބްރެޒިލްގެ އިތުރުން އެމެރިކާ އެވެ. އަދި އޭޝިޔާގެ ގައުމެއްގެ ގޮތުގައި މިސްރުން ވަނީ ފުރަތަމަ ފަހަރަށް ވޯލްޑްކަޕްގައި ވާދަކޮށްފަ އެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ, ފީފާ އިން އެ އިދާރާގެ މެމްބަރު ގައުމު ތަކުގެ މެދުގައި ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ފުރަތަމަ ބާއްވަން ފަށާފައިވަނީ 1930 ވަނަ އަހަރު އެވެ. ކޮންމެ ހަތަރު އަހަރަކުން އެއް ފަހަރު ބޭއްވުމަށް ހަމަޖެއްސި މުބާރާތުގެ ފުރަތަމަ މުބާރާތް ބާއްވާފައިވަނީ އުރުގުއޭގަ އެވެ.
އުރުގުއޭގެ މޮންޓެވީޑިއޯ ގައި ޖުލައި މަހުގެ 13-30 އަށް ފުރަތަމަ ވޯލްޑްކަޕް ބާއްވާފައިވާއިރު އެ މުބާރާތުގައި ވާދަކޮށްފައިވަނީ ދުނިޔޭގެ ތިން ބައްރަކުން ޖުމްލަ 13 ޓީމެވެ.
ފުރަތަމަ ވޯލްޑްކަޕްގައި ވާދަކުރި 13 ޓީމު ހަތަރު ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ދިޔަ މި މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވެފައިވަނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނަ ޓީމެވެ. އަދި އެއްވަނައަށް ދިޔަ ޓީމުތައް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅެ މުބާރާތުގެ ފައިނަލުން ޖާގަ ހޯދާފައިވަނީ އާޖެންޓީނާ އާއި އުރުގުއޭ އެވެ.
ވޯލްޑްކަޕްގެ ފުރަތަމަ ތަށި އުރުގުއޭ އިން ކާމިޔާބުކޮށްފައިވަނީ ފައިނަލުގައި އާޖެންޓީނާ 4-2 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުގަ އެވެ.
ފައިނަލް މެޗު ބެލުމަށް ޖުމްލަ 93000 މީހުން ދަނޑަށް ވަދެފައިވާއިރު މެޗު ފެށުމުގެ ހަ ގަޑިއިރު ކުރިން ދަނޑަށް މީހުން ވައްދަން ވަނީ ފަށާފަ އެވެ. ފައިނަލް މެޗުގައި ފެނިގެންދިޔަ ތަފާތު ކަމަކީ ދެ ހާފުގައި ބޭނުންކޮށްފައިވަނީ ދެ ބޯޅައަކަށް ވުމެވެ. ފުރަތަމަ ހާފުގައި އާޖެންޓީނާ ބޭނުންވި ބޯޅައަކުން ކުޅެފައިވާއިރު ދެވަނަ ހާފުގައި ކުޅެފައިވަނީ އުރުގުއޭ އިން ބޭނުންވި ބޯޅަ އަކުންނެވެ.


ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފުވެރި ޓްރޮފީ ކަމުގައިވާ ފީފާ ވޯލްޑްކަޕް ޓްރޮފީ އަކީ ރަނުން ޖަރީ ކޮށްފައިވާ ޓްރޮފީ އެކެވެ.
1930 ވަނަ އަހަރު ފީފާ އިން ފުރަތަމަ ފަހަރަށް ވޯލްޑްކަޕް ބޭއްވިއިރު ދިން ޓްރޮފީ އަށް ކިޔާފައިވަނީ އޭރުގެ ފީފާގެ ރައީސް ޖޫލްސް ރިމޭ އަށް ނިސްބަތްކޮށް ޖޫލްސް ރިމޭ ޓްރޮފީގެ ނަމެވެ. ނަމަވެސް 1974 ވަނަ އަހަރަށްފަހު މި ޓްރޮފީގެ ނަން ފީފާ އިން ވަނީ ފީފާ ވޯލްޑްކަޕް ޓްރޮފީގެ ނަމަށް ބަދަލުކޮށްފަ އެވެ.
ޖޫލްސް ރިމޭ ޓްރޮފީ އެންމެ ފަހުން ކާމިޔާބުކުރި ޓީމަކީ 1970 ވަނަ އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ބްރެޒިލް އެވެ. ނަމަވެސް 1983 ވަނަ އަހަރު ޖޫލްސް ރިމޭ ޓްރޮފީ ވަގަށް ނަގާފައިވާއިރު މިއަދާ ހަމައަށްވެސް އެ ޓްރޮފީ ފެނިފައެއް ނުވެއެވެ.
ފީފާ އިން މިހާރު ބޭނުންކުރާ ފީފާ ވޯލްޑްކަޕް ޓްރޮފީ 1974 ވަނަ އަހަރު ޑިޒައިންކޮށް 18 ކެރެޓް ރަނުން ހަދާފައިވާއިރު މި ޓްރޮފީ ފުރަތަމަ ފަހަރަށް ކާމިޔާބުކޮށްފައިވަނީ 1974 ވަނަ އަހަރުގެ ޗެމްޕިއަން ވެސްޓް ޖަރުމަން އެވެ.
ބަރުދަނުގައި 6.175 ކިލޯ އަދި 14.5 އިންޗި ދިގު މި ޓްރޮފީ އަކީ އިޓަލީގެ ޖީޑީއީ ބެޓޯނީ ކުންފުނިން ހަދާފައިވާ ޓްރޮފީ އެކެވެ.
ސްވިޒަލޭންޑްގެ ޒިއުރިކްގައި ހުންނަ ފީފާ ވޯލްޑް ފުޓްބޯލް މިއުޒިއަމްގައި ބަހައްޓާފައިވާ ފީފާ ވޯލްޑްކަޕް ޓްރޮފީ އަކީ ފީފާގެ ހުއްދަ އާއިއެކު ވަކި ބަޔަކަށް ނޫނީ އަތް ނުލެވޭ ޓްރޮފީ އެކެވެ. މި ޓްރޮފީގައި އަތްލުމުގެ ހުއްދަ އޮންނަނީ ކުރިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ގައުމުތަކުގެ ރައީސުންނާއި ބޮޑު ވަޒީރުންނަށެވެ.
ފީފާ ވޯލްޑްކަޕް ޓްރޮފީ ހެދުމަށް މިހާރު ފީފާ އިން 18 ކެރެޓް ރަނަށް އެކަނިވެސް 4 ލައްކަ އެމެރިކާ ޑޮލަރަށްވުރެ ބޮޑު ހޭދައެއް ކުރަން ޖެހޭނެ އެވެ.

ފީފާ އިން އާންމުކުރި މި ތިން މެސްކޮޓްގެ ތެރެއިން މެޕްލް އަކީ ކެނެޑާ ރަމްޒުކޮށްދޭ މެސްކޮޓެވެ. މި ޑިޒައިނަކީ ކެނެޑާގެ ދިދައިގައި ހިމެނޭ މެޕްލް ފަތް ރަމްޒުކޮށްދޭ ގޯލުކީޕަރެކެވެ. މެކްސިކޯގެ ޖަގުއާ ރަމްޒުކޮށްދޭ ޒާޔޫގެ އިތުރުން ދެން ހިމެނެނީ އެމެރިކާ ރަމްޒުކޮށްދޭ ކްލަޗް އެވެ.
ވޯލްޑްކަޕް ގައި މި ފަހަރު ބޭނުންކުރުމަށް ފީފާ އިން ވަނީ ތިން މެސްކޮޓެއް އާންމުކޮށްފަ އެވެ. އެއީ މި މުބާރާތަކީ ތިން ގައުމުގައި ބާއްވާ މުބާރާތަކަށްވާތީ ތިން ގައުމަށްވެސް ނިސްބަތް ކުރުމުގެ ގޮތުންނެވެ.
ފީފާ އިން މި ފަހަރު އާންމުކުރި ތިން މެސްކޮޓަކީ މެޕްލް ދި މޫސް, ޒާޔޫ ދި ޖަގުއާ އަދި ކްލަޗް ދި ބޯލްޑް އީގަލް އެވެ.
2025 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 25 ވަނަ ދުވަހު ފީފާ އިން އާންމުކުރި މި ތިން މެސްކޮޓްގެ ތެރެއިން މެޕްލް އަކީ ކެނެޑާ ރަމްޒުކޮށްދޭ މެސްކޮޓެވެ. މި ޑިޒައިނަކީ ކެނެޑާގެ ދިދައިގައި ހިމެނޭ މެޕްލް ފަތް ރަމްޒުކޮށްދޭ ގޯލުކީޕަރެކެވެ. މެކްސިކޯގެ ޖަގުއާ ރަމްޒުކޮށްދޭ ޒާޔޫގެ އިތުރުން ދެން ހިމެނެނީ އެމެރިކާ ރަމްޒުކޮށްދޭ ކްލަޗް އެވެ.
ފީފާ އިން ހާމަކޮށްފައިވާ ގޮތުގައި ފީފާ ހީރޯޒް ގޭމް ކުޅޭ ފަރާތްތަކަށް ޓީމު ނަގާއިރު މި މެސްކޮޓްތައް ޓީމުގައި ބޭނުން ކުރެވޭނެ އެވެ. އެގޮތުން މެޕްލް އަކީ ގޯލުކީޕަރަކަށްވާއިރު ޖަގުއާ އަކީ ފޯވާޑެކެވެ. އަދި ކްލަޗް އަކީ މިޑްފީލްޑަރެކެވެ.