
ޕެރަގުއޭ
ގުސްޓާވޯ ހޫލިއޯ އަލްފާރޯ

ގުސްޓާވޯ ހޫލިއޯ އަލްފާރޯ
އާބާދީ: 7 މިލިއަން މީހުން
ޕެރަގުއޭ އަކީ ދެކުނު އެމެރިކާގެ މެދުތެރޭގައި ވަށައިގެން ބެދިފައި އޮތް ތަރައްގީ ވަމުން އަންނަ ކުޑަ ގައުމެކެވެ. އިހުގައި އެއީ ސްޕޭނުގެ އަޅުވެތިކަމުގައި އޮތް ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން އަދިވެސް ގިނަ ބަޔަކު ވާހަކަ ދައްކާ ބަހަކީ ސްޕެނިޝް ބަހެވެ. މިނިވަންވީ 18 ވަނަ ގަރުނުގަ އެވެ. ހުސްވި ގަރުނުގެ ފަހުކޮޅު ޕެރަގުއޭ މަޝްހޫރުވެފައިއޮތީ އިލެކްޓްރޯނިކް ސާމާނާއި ހަތިޔާރާއި ޑްރަގުގެ ހާއްޔެއްގެ ގޮތުގަ އެވެ. މިކަންކަން ބަދަލުކޮށް ގައުމުގެ އިގްތިސާދު ކޮޅަށް ޖަހައި 2024 ވަނަ އަހަރު ދުނިޔޭގެ އެންމެ އުފާވެރި ގައުމަކަށްވީ ވެސް ޕެރަގުއޭ އެވެ. ފަގީރުންގެ ނިސްބަތަކީ 24 ޕަސެންޓެވެ. އެއީ ދުނިޔޭގެ ހަތް ވަނަ އަށް ސޮއިބީން ތެޔޮ އުފައްދާ ގައުމެވެ. އެ ގައުމުގެ ޕަރާނާ ކޯރަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ދިގު ކޯރެވެ.
ވޯލްޑް ކަޕް ފުޅާ ކުރުމުން ދެކުނު އެމެރިކާ އަށް އޮޓެމެޓިކް ހަ ޖާގަ ލިބުނެވެ. ޕެރަގުއޭ އަކީ މި ފަހަރުގެ ކޮލިފައިންގައި ހަ ވަނަ އަށް ދިޔަ ގައުމެވެ. ވޯލްޑް ކަޕުގައި ޕެރަގުއޭ ހިމެނެނީ އެމެރިކާ އާއި އޮސްޓްރޭލިޔާ އާއި ތުރުކީއާ އެއް ގްރޫޕެއްގަ އެވެ.
ޕްރެގުއޭ މީހުންނަށް ފުޓްބޯޅަ ތައާރަފް ކޮށްދިނީ އެ ގައުމަށް ދިޔަ ނެދަލޭންޑްސްގެ މީހެކެވެ. އެއީ 18 ވަނަ ގަރުނުގެ ފަހުކޮޅު އެވެ. ފުޓްބޯޅަ އަކީ އެ ގައުމުގެ އެއްވަނަ ކުޅިވަރެވެ. ތިން ބައިކުޅަ އެއްބައި މީހުން ޝައުގުވެރިވާ ކުޅިވަރަކީ ފުޓްބޯޅަ އެވެ. ގައުމީ ޓީމު މަޝްހޫރުވެފައިވަނީ އަލްބްރޯޖާގެ ނަމުންނެވެ. ގައުމީ ޓީމުގެ އެންމެ ފުރިހަމަ ކާމިޔާބީ އަކީ 1953 އާއި 1979ގެ ކޮޕާ އެމެރިކާ ކާމިޔާބު ކުރުމެވެ. އޭގެ ފަހުން ފުޓްބޯޅަ ކުރިނޭރުމުގެ އެންމެ ބޮޑު ސަބަބަކު ތަކަކީ ދެފުށް ފެންނަ ނިޒާމެއް ނެތުމާއި މެޗު ފިކްސިން އާއި ކޮރަޕްޝަނުގެ މައްސަލަ އެވެ. މީގެ ސަބަބުން ގައުމުގައި ވަރުގަދަ ލީގެއް ވެސް ނެތެވެ. މޮޅު ކުޅުންތެރިން ދަނީ ޔޫރަޕުގެ ލީގުތަކަށެވެ. ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވުނީ 2010 ވަނަ އަހަރު ކުއާޓާ ފައިނަލަށެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | USAއެމެރިކާ | 3 | +4 | 6 |
| 02 | AUSއޮސްޓްރޭލިޔާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | TURތުރުކިޔޭ | 3 | -2 | 3 |
ހޫލިއާ އެންސީސޯ އަކީ ޓީމުގެ އެންމެ ވިދުންގަދަ ފޯވަޑެވެ. ޒުވާން ކުޅުންތެރިޔާ އަކީ އުފެއްދުންތެރި އަދި ގޯލާ ރަށްޓެހި ފޯވަޑެކެވެ. އޭނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 29 މެޗުން 4 ގޯލު ޖަހައިދީފަ އެވެ. އޭނާއާއެކު ޓީމުގެ ކުރި ބަލަހައްޓާނެ ކަމަށް ބެލެވެނީ މިގުއަލް އަލްމިރޮން އާއި އެންޓޯނިއޯ ސަނަބްރިއާ އެވެ.
ބްރައިޓަންގެ ޑިއެގޯ ގޯމޭޒް އަކީ މެދުތެރެއިން މުހިންމު ދައުރެއް އަދާ ކުރާނެ ކުޅުންތެރިއަކެވެ. ޕޯޓްސްމައުތުގެ ގުސްޓާވޯ ކަވަޔޭރޯ އާއި ޕަލްމެއިރާސްގެ މައުރީސިއޯ މަގަޅޭސް އަކީ މުހިންމު ދެ މިޑްފީލްޑަރުންނެވެ. ފަހަތަށް ބަލާއިރު ބްރެޒިލްގެ ޕަލްމެއިރާސް އަށް ކުޅޭ ކެޕްޓަން ގުސްޓާވޯ ގޯމޭޒް އާއި ސަންޑަލޭންޑްގެ އޮމަރް އަލްޑެރޭޓޭ އަކީ ވަރުގަދަ ދެ ސެންޓަ ބެކުންނެވެ.
މި ފަހަރުގެ ވޯލްޑް ކަޕުގައި ކުޅޭ ޓީމުތަކަށް ބަލާއިރު ޓެކްޓިކްސްގެ ގޮތުން ތަފާތުތަކެއް ފެންނާނެ ކަމަށް ބެލެވޭ އެއް ޓީމަކީ ޕެރަގުއޭ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގައި ވެސް އެ މީހުން ކުޅުނު ތިން މެޗުގައި ބޭނުން ކުރީ ތަފާތު ތިން ފޯމޭޝަނެކެވެ. މި ފަހަރުގެ ކޮލިފިކޭޝަންގައި ދެ މެޗެއްގައި ފަހަތަށް ތިން ޑިފެންޑަރުން ލައިގެން މެދުތެރެ އަށް ދެން ތިބި ހުރިހާ ކުޅުންތެރިން ލައިގެން ވެސް ކުޅުވި އެވެ. މިހެންވެ ޕެރަގުއޭ ފާހަގަ ކުރެވެނީ ހާލަތަށް ބަލާފައި ބޮޑެތި ބަދަލުތަކެއް ގެންނަ ޓީމެގެ ގޮތުގަ އެވެ. މީގެ އެންމެ ބޮޑު ސަބަބަކީ ފަހަތް ދިފާއު ކުރަން ކޯޗު އިސްކަން ދިނުމެވެ.
ކޯޗު: ގުސްޓާވޯ ހޫލިއޯ އަލްފާރޯ
އުމުރު: 63
ގައުމު: އާޖެންޓީނާ
ޕްރަގުއޭގެ ކޯޗަކީ ގުސްޓާވޯ ހޫލިއޯ އަލްފާރޯ އެވެ. އުފަންވީ އާޖެންޓީނާ އަށެވެ. އުމުރުން 63 އަހަރުގެ ކޯޗު ގައުމީ ޓީމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އޭގެ ކުރިން އޭނާ ކޯޗުކޮށްދިނީ އިކުއެޑޯ އާއި ކޮސްޓަރިކާ އަށެވެ. ކުލަބު ކެރިއަރުގައި 126 މެޗު ކުޅުނު ކުރީގެ މިޑްފީލްޑަރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ އާޖެންޓީނާގެ ބޮކާ ޖޫނިއާސް އަށް ސުޕަކޮޕާ ތައްޓާއި ލީގު ކާމިޔާބު ކޮށްދިނުމެވެ. ޕެރަގުއޭގެ ގައުމީ ޓީމަށް ހަވާލުވުމަށްފަހު މިހާތަނަށް އޭނާ އިރުޝާދު ދިނީ 18 މެޗުގަ އެވެ. މޮޅުވީ އަށް މެޗުންނެވެ. ހަތަރު މެޗަކުން ވަނީ ބަލިވެފަ އެވެ.
އަހަރެން މަގާމާ ހަވާލުވުމަށްފަހު ފުރަތަމަ ވެސް ބެލީ ކުޅުންތެރިން ހިތްހަމަ ޖައްސަން. މިހާރު މި ޓީމު ވަނީ ވަރަށް އެއްބައިވަންތަ ވެފައި. ޕެރަގުއޭ ދިފާއު ކުރަން ކޮންމެ ކުޅުންތެރިއަކު ވެސް މިހާރު އެތިބީ ކެތްމަދުވެފައި. ބަޔަކަށް ކާމިޔާބު ހައްގުވާނަމަ އަހަރުމެން މިތިބީ ގައުމަށްޓަކައި އެކަން ކުރަން ތައްޔާރަށް.