
ސްވިޒަލޭންޑް
މުރަތް ޔަކީން

މުރަތް ޔަކީން
އާބާދީ: 9 މިލިއަން މީހުން
މައިގަނޑު ހަތަރު ބަހަކުން ވާހަކަ ދައްކައި އުޅޭ ސްވިޒަލޭންޑް ވޯލްޑް ކަޕުގައި މިހާތަނަށް 12 ފަހަރު ކުޅެފައިވީ ނަމަވެސް އެ މީހުންނަކީ މާބޮޑު ކާމިޔާބީތަކެއް ހޯދިފައިވާ ބައެއްނޫނެވެ. ވޯލްޑް ކަޕުގެ ތަޖުރިބާ އަކީ އެ ޓީމުގައި ނަގާކިޔަން މިހާރު ތިބި ގިނަ ޒުވާން މޫނުތަކަށް ނުވެސް އެނގޭ އެއްޗެކެވެ. ނަމަވެސް ސްވިސް ޓީމުގެ އެކުލުންތެރިކަމާއި ޓީމުވަންތަކަން ބޮޑު ކަމުން ކުޅުންތެރިންގެ ތަޖުރިބާމަދު ތަންކޮޅު ނުދައްކާނެ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ. އޭގެ އިތުރުން އެ ޓީމުގެ އެންމެ ނުރައްކާތެރި އެއް ހަތިޔާރަކީ މެދުތެރޭގައި ވަރުބަލިވުމެއްނެތި ހެލިފެލިވާ ކުޅުންތެރިންކަމަށް ވެސް ފާޑު ކިޔާ މީހުން ބުނެ އެވެ. ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބާރުގަދަ ދެ އިދާރާ ކަމަށްވާ ފީފާ އާއި ޔޫއެފާގެ މައިއިދާރާ ވެސް ހުރީ ސްވިޒަލޭންޑްގަ އެވެ. ކަނޑުން ފެށިގެން އެންމެ އުސްކޮށް ޔޫރަޕުގައި ހަދާފައިވާ ސްޓޭޑިއަމް އޮތީ ވެސް ސްވިޒަލޭންޑްގަ އެވެ. ނަމަވެސް ފުޓްބޯޅައަކީ އެ ގައުމުގައި ފަރުބަދަ އަށް އެރުމާއި ސްނޯބޯޑިން ފަދަ ކުޅިވަރުތަކަށްވުރެ ފަހަތުން ގުނާލެވޭ ކުޅިވަރެކެވެ. މި ފަހަރުގެ ވޯލްޑް ކަޕަކީ ސްވިޒަލޭންޑްގެ 13ވަނަ ވޯލްޑް ކަޕެވެ. މީގެ ކުރިން ސްވިޒަލޭންޑް ވަނީ ތިން ފަހަރެއްގެ މަތީން މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޅެފަ އެވެ. އެއީ 1934، 1938 އަދި 1954 ވަނަ އަހަރުގެ މުބާރާތުގަ އެވެ. މިފަހަރުގެ އަމާޒަކީ ވެސް ކުއާޓާ ފައިނަލާ ހިސާބަށް ދިއުމެވެ.
ސްވިޒަލޭންޑް މި ފަހަރުގެ މުބާރާތަށް ކޮލިފައިވީ ޔޫއޭފާ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު އެއްވެސް މެޗަކުން އެ ޓީމު ބަލިނުވެ އެވެ. ހަތަރު މެޗުން މޮޅުވެ، ދެ މެޗު އެއްވަރުވިއިރު އެއްވަނަ މަގާމަށް ދަތުރުކޮށް އޮޓެމެޓިކް ޖާގަ ކަށަވަރުކުރީ ކޮސޯވޯ މެޗު އެއްވަރު ކޮށްގެންނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | SUIސްވިޒަލޭންޑް | 3 | +4 | 7 |
| 02 | CANކެނެޑާ | 3 | +5 | 4 |
| 03 |
| 3 |
| -1 |
| 4 |
| 04 | QATގަތަރު | 3 | -8 | 1 |
ފުޓްބޯޅަ އަކީ ސްވިޒަލޭންޑްގެ އެންމެ މަގުބޫލު ކުޅިވަރެވެ. އާބާދީގެ 65 ޕަސެންޓް މީހުން ފުޓްބޯޅައިގައި ޝާމިލްވެ އެވެ. 18 ވަނަ ގަރުނުގެ މެދުތެރެއިން ފެށިގެން ފުޓްބޯޅަ ކުޅެމުންދާ މި ގައުމުގެ ފުޓްބޯޅައިގެ އެންމެ ބޮޑު ކުރިއެރުމަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ސްވިސް ދަރިކޮޅުގެ ކުޅުންތެރިން ގައުމަށް ގެނެސް ޓީމު ވަރުގަދަ ކުރުމެވެ. މިކަމަށް އެ ގައުމުގެ ނުވަ ޑިވިޝަނުގެ ކުލަބުތަކުން ވެސް ބޮޑު ހޭދައެއްކޮށްފައިވާއިރު މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުރާ ހޭދައާ އެއްވަރުގެ ކާމިޔާބީއެއް ލިބިފައިނުވުމެވެ. މިހާތަނަށް ސްވިޒަލޭންޑްގެ ޓީމަކަށް ޔޫރަޕުގެ މުބާރާތެއް ބޮޑު މުބާރާތެއް ކާމިޔާބު ވެފައިނެތެވެ. ވޯލްޑް ކަޕުގައި ވެސް އެންމެ ދުރަށް ދެވުނީ ކުއާޓާ ފައިނަލާ ހަމައަށެވެ.
ސްވިސް ޓީމުގެ މައި ތަނބަކީ ގްރަނިތް ޝަކާ އެވެ. އާސެނަލް އާއި ބަޔާ ލެވަކޫސެން އަށް ވެސް ކުޅުނު ސަންޑަލޭންޑްގެ މިޑްފީލްޑަރަކީ ޓީމުގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ އެވެ. ގައުމީ ޓީމަށް 143 މެޗު ކުޅެދީފައިވާ ޝަކާ އަކީ ބަޔާން މިއުނިކް ފަހާލައި ލެވެކޫސެން ޖަރުމަނު ލީގު ހޯދި ޓީމުގެ ވެސް މުހިންމު ތަނބެކެވެ. އާސެނަލްގެ ކުރީގެ ކޯޗު އާސެން ވެންގާ 30 މިލިއަން ޕައުންޑް ދީފައި ޝަކާ ގަތީ ކުޅުންތެރިޔާގެ ލީޑަރޝިޕާއި ހުނަރުގެ މޮޅު ކަމުންނެވެ. ޝަކާ އަލްބޭނިޔާ އަށް އުފަން ދެމީހެއްގެ ދަރިއެކެވެ. އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކުޅެނީ ވެސް އަލްބޭނިޔާގެ ގައުމީ ޓީމަށެވެ. 2009 ވަނަ އަހަރު 17 އަހަރުން ދަށުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްވިސް ޓީމުގެ މުހިންމު ކުޅުންތެރިއަކަށްވި ޝަކީ އަކީ މާގިނަ ގޯލު ޖަހާ ކުޅުންތެރިއެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނާ އަކީ ކުރިއަށް ކުޅޭ ކުޅުންތެރިންނަށް ފުރުސަތު ތަނަވަސްކޮށްދީ ޓީމުގެ ފަހަތް އޮގަނައިޒްކޮށްދޭ ކުޅުންތެރިއެކެވެ.
ޑިފެންޑަރު މެނުއަލް އަކަންޖީ އަކީ އިންޓަމިލާނުގެ ފަހަތުގައި އިތުބާރު ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް 77 މެޗު ކުޅެދީފައިވާއިރު އެންމެ ފަހުގެ ދެ ވޯލްޑް ކަޕާއި ޔޫރަޕުގެ ބޮޑެތި ކުލަބުތަކުގެ ތަޖުރިބާގެ އަލީގައި އޭނާ އަކީ ސްވިޒަލޭންޑް އެހެން ލެވެލަކަށް ގެންދިއުމަށް މުހިންމު ދައުރެއް އަދާ ކުރަންޖެހޭ ކުޅުންތެރިއެކެވެ.
ގޯލްކީޕަރު ގްރެގޯ ކޯބެލް ބޮރޫޝިޔާ ޑޯޓްމުންޑްގެ ކީޕަރެވެ. ގައުމީ ޓީމަށް 19 މެޗު ކުޅެދީފައިވާ ކީޕަރަކީ މުޅި ކޮލިފައިންގައި ވެސް ޓީމުގައި އެންމެ ރަނގަޅަށް ކުޅުނު އެއް ކުޅުންތެރިޔާ އެވެ. ސްވިސް ޓީމު އެހެން ލެވެލަކަށް ގެންދިއުމަށް ޖަރުމަނުގެ ބުންޑަސްލީގާ އާއި ޔޫރަޕިއަންސް ޗެމްޕިއަންސް ލީގުގެ ފައިނަލަށް އޭނާގެ ކުލަބު ގެންގޮސްދިނުމުގައި ދެއްކި މޮޅު ކުޅުން ކޯބެލް ތަކުރާރު ކުރަން ޖެހެ އެވެ.
ވޯލްޑް ކަޕް ގުރު ނެގުމާއެކު ސްވިޒަލޭންޑުން ބުނީ މިއީ ކުޑަ ވެސް ގޯހެއް ހަދައިގެން ފަރުޖެހޭނެ ގްރޫޕެއް ނޫން ކަމަށެވެ. އެއް ސަބަބަކީ ތަޖުރިބާކާރު އަދި ޔޫރަޕުގައި ވަރުގަދަ އަށް ކުޅެމުންދިޔަ ބައެއް ކުޅުންތެރިން ރިޓަޔާ ކުރުމެވެ. ޔޫރޯ 2024އިން ފެށިގެން ސްވިސް ކުޅެމުންދަނީ ފަހަތަށް ތިން ޑިފެންޑަރުން ލައިގެންނެވެ. މި ސިސްޓަމް ކާމިޔާބުވެއްޖެކަން އެ މުބާރާތުގެ ކުއާޓާ ފައިނަލަށް ދެވުމުން ޔަގީންވި އެވެ. އެކަމަކު ނޭޝަންސް ލީގުގައި ނެރުނު ދަށް ނަތީޖާއާއެކު އަނެއްކާ ވެސް ފަހަތަށް ހަތަރު ޑިފެންޑަރުން ލައިގެން ކުޅެން ފަށައި ޓީމު ހަމަޔަކަށް އެޅުވި އެވެ. 4-2-3-1 ފޯމޭޝަނަށް ކުޅޭއިރު ސްވިސްގެ އެންމެ ބޮޑު މައްސަލައަކީ ފޯވަޑެއްގެ ފަހަތުން އެއް ފެންވަރެއްގައި ކުޅޭނެ ކުޅުންތެރިން ނެތުމެވެ.
ސްވިޒަލޭންޑްގެ ގައުމީ ޓީމަށް 49 މެޗު ކުޅެދީ ހަތަރު ގޯލު ޖަހައިދިން މުރަތް ޔަކީން ކޯޗިން ކެރިއަރު ފެށީ 2006 ވަނަ އަހަރު އެވެ. އޭނާ އަކީ ތުރުކީ ދަރިކޮޅުގެ މީހެކެވެ. 2021 ވަނަ އަހަރު ވެސް ސްވިޒަލޭންޑަށް ކޯޗުކޮށްދެމުން އަންނަ މުރަތް ޔަގީން އަކީ އެ ގައުމުގެ ކުލަބުތަކުގައި ކާމިޔާބު ކޯޗެކެވެ. ގައުމީ ޓީމުގައި ހައެއްކަ އަހަރުގެ ތަޖުރިބާއާއެކު އޭނާ ވޯލްޑް ކަޕާ ކުރިމަތިލަނީ މުބާރާތުގައި ވާދަކުރާ ކޯޗުންގެ ތެރެއިން ވަޒީފާ ގެއްލުމުގެ ކަންބޮޑުވުން އެންމެ ކުޑަ އެއް ކޯޗުގެ ގޮތުގަ އެވެ. އޭނާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ޓީމު ޒުވާންކޮށް 2024 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރު ކުރުމެވެ.
އަހަރުމެންގެ ޓީމުގައި ތަޖުރިބާ އެބަހުރި. ޒުވާން ކުޅުންތެރިން ވެސް އެހާމެ ހިތްވަރު ކުރޭ. މި ޓީމު އަހަރެން ގަބޫލު ކުރަނީ ޑިސިޕްލިންކޮށް ކުޅެފިނަމަ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދާނެ ކަމަށް.