
ބޮސްނިއާ އެންޑް ހަރްޒަގޮވީނާ
ސާޖެޓް ބާބޭރެޒް

ސާޖެޓް ބާބޭރެޒް
އާބާދީ: 3 މިލިއަން މީހުން
ޔޫރަޕުގެ ދެކުނުގައި ބޮލްކަން ޕެނިންސިއުލާގައި އޮތް ބޮސްނިއާ އަކީ ޔޫގޯސްލާވިއާ ބައިބައިވެގެން އުފެދުނު ގައުމެކެވެ. ބޮސްނިއާ ހަނގުރާމައިގެ ސަބަބުން ދެ މީލިއަން މީހުން ގައުމު ދޫކޮށް ދިޔައިރު ލައްކައެއްހާ މީހުން މަރުވި އެވެ. އަލުން އާރާސްތުކޮށް މިހާރު އަހަރަކު 1.3 މިލިއަން މީހުން ޒިޔާރަތް ކުރާ ބޮސްނިއާގެ ދެބައިކުޅައެއްބައި މީހުންނަކީ މުސްލިމުންނެވެ. އެ ގައުމުގެ ދިދާގައިވާ ބޮޑު ރީނދޫ ތިނެސްކަން ރަމްޒުކޮށްދެނީ ގައުމުގެ ޗާޓެވެ. ތިނެސްކަނުގެ ކަންތަކުން ރަމްޒުކޮށްދެނީ ބޮސްނިއާ އާއި ކްރޮއޭޓުންނާއި ސާބުންނެވެ. އެ ގައުމުގެ 20 ކީލޯ މީޓަރުގެ އައްސޭރިފަށަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ކުޑަ އައްސޭރި އެވެ.
ބޮސްނިއާ އަކީ މި ފަހަރުގެ ކޮލިފައިންގައި އެންމެ ހައިރާކން ކުރުވަނިވި ޓީމެވެ. މަޝްހޫރު އިޓަލީ ކަޓުވާލުމަށްފަހު ވޯލްޑް ކަޕަށް ކޮލިފައިވި ގައުމެވެ. މި ހިސާބަށް އެ މީހުން ދަތުރު ކުރީ ޔޫރަޕުގެ ކޮލިފައިންގެ ގްރޫޕް އެޗްގައި އޮސްޓްރިއާގެ ފަހަތުން ދެ ވަނަ ހޯދައި ދެ ވަނަ ބުރުގައި ވޭލްސް ބަލިކޮށް އިޓަލީއާ ކުރިމަތި ލައިގެންނެވެ.
ބޮސްނިއާ އަކީ ޔޫގޯސްލާވިއާގެ ފުޓްބޯޅައިގެ ކާމިޔާބީއާ ގުޅިފައިވާ ބައެކެވެ. އެ ގައުމުގެ އެންމެ މަގުބޫލު ކުޅިވަރަކީ ވެސް ފުޓްބޯޅަ އެވެ. ބޮސްނިއާ ހަނގުރާމަ އަށް ފަހު އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އުފެއްދީ 1996 ވަނަ އަހަރު އެވެ. ނަމަވެސް މިހާތަނަށް ކުޅުނު ހަމައެކަނި ވޯލްޑް ކަޕަކީ 2014 ވަނަ އަހަރުގެ މުބާރާތެވެ. އެ ފަހަރު އާޖެންޓީނާ އާއި ނައިޖީރިއާ އަތުން ބަލިވި ނަމަވެސް ފަހު މެޗުގައި އިރާން ބަލިކުރި އެވެ.
ބޮސްނިއާގެ ފުޓްބޯޅައިގެ އޮނިގަނޑަށް ބަލާއިރު އެއީ ޔޫރަޕުގެ އެންމެ އާދައިގެ އެއް ލީގެކެވެ. ގައުމުގެ ގިނަ ކުޅުންތެރިން ކުޅެނީ ޖަރުމަނާއި އިޓަލީ އާއި ސްވިޒަލޭންޑް ފަދަ ގައުމުތަކުގަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | SUIސްވިޒަލޭންޑް | 3 | +4 | 7 |
| 02 | CANކެނެޑާ | 3 | +5 | 4 |
| 03 |
| 3 |
| -1 |
| 4 |
| 04 | QATގަތަރު | 3 | -8 | 1 |
ބޮސްނިއާގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ސަރަޔޭވޯ އަށް އުފަން ފޯވަޑް އެޑެން ޒެކޯ އެވެ. މެންޗެސްޓާ ސިޓީ އަށް 130 މެޗުން 50 ގޯލު ޖަހައިދިން ކުޅުންތެރިއަކީ އަކީ މިފަހަރުގެ ވޯލްޑް ކަޕުން ފެނިގެންދާނެ 40 އަހަރުން މަތީގެ މަދު ކުޅުންތެރިންގެ ތެރެއިން އެކެކެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 148 މެޗުން 73 ގޯލު ޖަހައިދީފަ އެވެ. ޒެކޯގެ ބައްޕަ އަކީ ވެސް ބޮސްނިއާގެ ކުރީގެ ކުޅުންތެރިއެކެވެ. އިޓަލީގެ އިންޓަމިލާނާއި ރޯމާ އަށް ވެސް ކުޅުނު ޒެކޯ އަކީ ގޯލާ ރައްޓެހި ހަރަކާތް އަވަސް ކުޅުންތެރިއެކެވެ. އުމުރު 40ން މަތިވިޔަސް ބޮސްނިއާގައި އޭނާ އަކީ އަދިވެސް ދެވަނަ އެއް ނެތް ތަރިއެކެވެ.
ކޯޗު ބާބޭރެޒް ޓީމާ ހަވާލުވީ ޔޫރޯ ކޮލިފައިންގެ އެންމެ ހިތްދަތިވި ހިސާބުންނެވެ. އޭނާއާއެކު 2014 ވަނަ އަހަރު ވޯލްޑް ކަޕުގައި ކުޅުނު އެމީރް ސާހިކް ޓެކްނިކަލް ޑައިރެކްޓަރު ކަމާ ހަވާލުވި އެވެ. މި ދެ މީހުންވެގެން ބިނާކުރަން ފެށި ޓީމުގެ މައިގަނޑު އަމާޒަކީ 2028ގެ ޔޫރޯ އަށް ކޮލިފައިވުމެވެ. މި މަސައްކަތުގައި ހަނގުރާމައިގެ ސަބަބުން ގައުމާ ދުރުގައި ތިބި އާއިލާތަކަށް ނިސްބަތްވި ކުޅުންތެރިން ހޮވައިގެން ގެންނަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ނުވަވަނަ މެޗާ ހަމައަށް މޮޅެއް ނުލިބި ބާބޭރެޒްގެ ކޯޗުކަމުގައި ބޮސްނިޔާ ކެތްތެރިވެގެން އޮންނަން ޖެހުނެވެ. އެކަމަކު ރޮމޭނިޔާ އަތުން މޮޅުވި މެޗާއެކު ކޮލިފައިންގައި ދެން ފެނުނީ ވަރުގަދަ ބޮސްނިއާއެކެވެ. މީގެ ކުރިން ޕްލޭއޯފް ކުޅުނު ފަސް ފަހަރު ބަލިވިޔަސް މިފަހަރުގެ ޕްލޭއޯފްގައި އިޓަލީ ކަޓުވާލައި ސަޕޯޓަރުންގެ ފުރިހަމަ އިތުބާރު ހޯދި އެވެ.
މި ކާމިޔާބީގެ މައިގަނޑު އަސްލަކީ ޓީމުގެ ޒުވާންކަމާއި ޓެކްޓިކަލް ޑިސިޕްލިން އެވެ. މާމޮޅު ރީތި ކުޅުމެއް ނުދެއްކިޔަސް ކޮންމެ މެޗެއްގައި ވެސް މަދުވެގެން ބޮސްނިއާ ގޯލެއް ޖަހަ އެވެ. މުޅި ޓީމުގެ މައިގަނޑު ބިނާކޮށްފައިވަނީ ދިފާއީ ކުޅުމަކަށެވެ. ކޯޗު ފޯމޭޝަން ބަދަލު ކުރަނީ އުމުރުން ދުވަސްވީ އިތުބާރު ފޯވަޑް އެޑެން ޒެކޯ ދަނޑޫމަތީގައި ހުންނަ ފަހަރުތަކުގައި އެކަންޏެވެ. ޒެކޯ އެރުމުން 4-4-2 ފޯމޭޝަނަށް އެތުރުނު ނަމަވެސް ބާބޭރެޒް ދެކޭ ގޮތުގައި ވޯލްޑް ކަޕުގައި ތަފާތު ގޮތަކަށް ރޭވުންތައް ހުންނަން ޖެހެ އެވެ. ދެ އަރިމަތިން ހުރަސް ކުރާ ކުޅުންތެރިންނަށް އޭނާގެ ފޯމޭޝަނުގައި މުހިންމު ރޯލެއް ދީފައިވެ އެވެ.
ކޯޗު: ސާޖެޓް ބާބޭރެޒް
އުމުރު: 54
ގައުމު: ބޮސްނިއާ
ސާޖެޓް ބާބޭރެޒް އަކީ ބޮސްނިއާގެ ފުޓްބޯޅައިގެ ލެޖެންޑެކެވެ. ކުރީގެ ކެޕްޓަން އަދި އެންމެ މުހިންމު އެއް ފޯވަޑެކެވެ. ކުޅުންތެރިއެއްގެ ގޮތުގައި ބޮޑު މުބާރާތަށް ނުދެވުނަސް އުމުރުން 54 އަހަރުގެ ކޯޗު 2024 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވީ ވަރުގަދަ އަޒުމަކާއިގެންނެވެ. މީގެ ކުރިން އޭނާ އެއްވެސް ޓީމަކަށް ކޯޗުކޮށްދީފައިނުވެ އެވެ. އޭނާގެ ބައްޕަ އަކީ ހަރްޒަގޮވީނާގެ ކުރީގެ ކުޅުންތެރިއެކެވެ. މަންމަ އަކީ ހޭންޑްބޯޅަ ކުޅުންތެރިއެކެވެ. ބާބޭރެޒް ފުޓްބޯޅަ ކުޅެން ފެށީ ދުވުމާއި ކަސްރަތުގެ ތެރޭގައި އުޅެފައި ވަސީލަތް މަދުކަމުން ކުރިއަށް ނުދެވިގެންނެވެ. ބޮސްނިއާ ހަނގުރާމައިގެ ތެރޭގައި އޭނާ އުޅުނީ ޖަރުމަނުގަ އެވެ. އޭނާ ވަނީ ޖަރުމަނުގެ ހަމްބާގެ ބޯޑް އޮފް ޑައިރެކްޓަރުކަން ވެސް ކޮށްފަ އެވެ. އަދި ކޯޗިންގައި ބޮސްނިއާ ގޮވައިގެން ޖަރުމަނު އަތުން 7-0އިން ބަލިވުމަކީ އޭނާގެ މުހިންމު ހަނދާނެއް ވެސްމެ އެވެ.
އަހަރުމެންގެ ޕްލޭނެއް އެބައޮތް. އަހަރުމެން ކެތްތެރިވެގެން ތިބެފިނަމަ ކުރިއެރުން ހޯދޭނެ. އެކަން އިޓަލީ މެޗުން އެއޮތީ ފެނިގެން ގޮސްފައި. އަހަރުމެންގެ އަސްލު އަމާޒަކީ ޔޫރޯ އަށް ކޮލިފައިވުން. އަހަރެންގެ ނަޒަރުގައި ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވަރަށް ބޮޑު ކާމިޔާބީ އެއް. އެކަމަކު އަހަރުމެން ވޯލްޑް ކަޕަށް ދާނީ އާދައިގެ މެހުމާނުން ގޮތުގައެއްނޫން. ވަރުގަދަ ފައިޓެއްދޭނެ.