
ސެނަގާލް
ޕާޕާ ތިއޯ

ޕާޕާ ތިއޯ
އާބާދީ: 19 މިލިއަން މީހުން
ސެނެގާލް އަކީ އެފްރިކާގެ ހުޅަނގު ބިތުގައި އޮތް ކުޑަގައުމެކެވެ. އާބާދީގެ 95 ޕަސެންޓަކީ މުސްލިމުންނެވެ. އިގްތިސާދީގޮތުން ގައުމަށް ކުރިމަތިވި އުނދަގޫތަކުން އަރައިގަނެ މިހާރު އެއީ އަމިއްލަ ހާލައިގެން އުޅެވޭ ގައުމެކެވެ. ކައިރި ގައުމުތަކަށްވުރެ ހުރިހާ ގޮތަކުން ވެސް ސެނެގާލްގެ ހާލަތު ރަނގަޅެވެ. އެކަމަކު އަދިވެސް ފަގީރުން ގިނަ އެވެ. އިންސާނީ ކުރިއެރުންތަކަށް ބަލާއިރު އަދިވެސް ސެނެގާލް އުޅެނީ ވަރަށް ފަހަތުގަ އެވެ. އެކަމަކު އެއީ ކުށްމަދު އަމާން ގައުމެކެވެ. ސެންގާލްގެ ގިނަ ބަޔަކު ވާހަކަ ދައްކަނީ ފްރާންސް ބަހުންނެވެ. އެކަމަކު ގައުމުގެ ގަދީމީ ބަހަކީ ވޮލޮފް އެވެ. އަރަބިންނާއި އެފްރިކާގެ ސަގާފަތް މައްސުނި ވެފައިވާ ގައުމުގައި އުމުރުން 16 އަހަރާ ހަމައަށް ސަރުކާރު ހަރަދުގައި ތައުލީމްދެ އެވެ. ތައުލީމް އުނގެނުމަކީ މަޖުބޫރު މާއްދާއެކެވެ. މިއުޒިކީ ރޮނގުން އެފްރިކާގައި އެންމެ ކުޅަދާނެ އެއް ބަޔަކީ ވެސް ސެންގާލް އެވެ. އެއީ ހުޅަނގު އެފްރިކާގެ މައި ދޮރާށި ވެސްމެ އެވެ.
ސެނެގާލް ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ބައްރުގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިވި މެޗު މޮރިޓާނިއާއާ ބައްދަލުކޮށް މޮޅުވީ 4-0އިންނެވެ. ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ.
އެގައުމުގައި އެންމެ މަގުބޫލު ކުޅިވަރުތަކަކީ ބާސްކެޓްބޯޅަ އާއި މޮޓަރސައިކަލް ރޭސިން އަދި ފުޓްބޯޅަ އެވެ. މީގެ ތެރެއިން ސެނަގާލް އަކީ އެފްރިކާ ބައްރުގައި ބާސްކެޓުގައި ނަގާކިޔާ ގައުމެކެވެ. ނަމަވެސް 2002 ވަނަ އަހަރުގެ ވޯލްޑް ކަޕާއެކު އެ ގައުމުގައި ފުޓްބޯޅަ އަންނަނީ ފަތުއަޑުކިޔާފައި ވައިގައި ހިފަމުންނެވެ. މީގެ މައިގަނޑު ސަބަބަކީ އެއަހަރުގެ ވޯލްޑް ކަޕުގައި އޭރުގެ ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން ސެނެގާލް ބަލިވުމެވެ. އަދި ފަސް އެނބުރި ބެލުމެއްނެތި ސެނަގާލް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދުމެވެ. މިހެންވެ އެމީހުން ވެގެންދިޔައީ މުބާރާތުގެ ގަދަ އަށަކަށް ދަތުރުކުރި އެފްރިކާގެ ހަމައެކަނި ޓީމަށެވެ. އެފަހަރުގެ ޓީމުގައި ކުޅުނު އަލްހާޖީ ދިއޫފް ފަދަ ކުޅުންތެރިންނަކީ އަދިވެސް ގިނަ ބައެއްގެ ތާއީދާއި ލޯބި ލިބިފައިވާ ކުޅުންތެރިންނެވެ. މިފަހަރުގެ ވޯލްޑް ކަޕަށް ސެނެގާލް ކޮލިފައިވީ ނަސީބުވެސް ރަނގަޅުވުމުންނެވެ. ދެކުނު އެފްރިކާ އަތުން 2-1އިން ބަލިވި މެޗު ފީފާއިން އަލުން ކުޅެން ނިންމީ އެ މެޗުގައި ރިޝަވަތުގެ އަމަލުތަކެއް ހިންގާފައިވާކަން ފަޅާއެރުމުންނެވެ. މިހެންވެ ފަހުން ކުޅުނު މެޗު ސެނަގާލް ވަނީ ކާމިޔާބުކޮށްފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | FRAފްރާންސް | 3 | +8 | 9 |
| 02 | NORނޯވޭ | 3 | +1 | 6 |
| 03 |
| 3 |
| +2 |
| 3 |
| 04 | IRQއިރާގް | 3 | -11 | 0 |
ސެނަގާލްގެ އެންމެ އަލިގަދަ ތަރިއަކީ ފޯވަޑް ސާދިއޯ މާނޭ އެވެ. އޭނާ އަކީ އެފްރިކާގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ. ސައުތެމްޓަނުން ލިވަޕޫލަށް އޭނާ ގަތީ 34 މިލިއަން ޕައުންޑަށެވެ. އޭނާ އަކީ އިނގިރޭސި ޕްރެމިއާ ލީގުގައި އެންމެ އަވަސް ހެޓްރިކް ހެދި ކުޅުންތެރިޔާ ވެސްމެ އެވެ. އެއީ އެސްޓަން ވިލާ އަތުން ސައުތެމްޓަން 2015 ވަނަ އަހަރު 6-1އިން މޮޅުވި މެޗުގައި އެންމެ 176 ސިކުންތް ތެރޭގައި ގޯލް ޖަހައިގެންނެވެ. މާނޭ އަކީ މުސްލިމެކެވެ. ކޮންމެ މެޗެއް ފެށުމުގެ ކުރިން ﷲގެ ހަޒްރަތަށް ދުއާ ދެންނެވުމަކީ އޭނާގެ އާދައެކެވެ. އަދި ލަނޑު ޖަހާފައި ސަޖިދަ ކުރުމަކީ ވެސް އޭނާގެ ފުށުން ފެންނަ އިސްލާމީ ރިވެތި އާދައެކެވެ. މާނޭ އަކީ ކުރީގައި ބޯޅަ ހިފަހައްޓައިގެން ކުޅެ، އެހެން ކުޅުންތެރިންނަށް ފުރުސަތު ފަހިކޮށްދީ ގޯލާ ވެސް ރައްޓެހި ކުޅުންތެރިއެކެވެ. ލިވަޕޫލަށް އޭނާ ގެނައިއިރު ބައެއް މީހުން އެއީ ކާކުތޯ ސުވާލު ކުރުމުން ކޯޗު ޔާގެން ކްލޮޕް ބުނީ މަދުވެގެން އެއް ސީޒަން ތެރޭގައި މާނޭ އަށް އެންމެން ތައުރީފް ކުރަން ފަށާނެ ކަމަށެވެ. ބައެއް މީހުންގެ ނަޒަރުގައި އޭނާ އަކީ އެފްރިކާގެ މުޅި ތާރީހުގައި ވެސް ފެނިގެންދިޔަ އެންމެ މޮޅު އެއް ކުޅުންތެރިޔާ އެވެ. ސައޫދީ އަރަބިއާގެ އައް ނަސްރަށް ކުޅޭ ކުޅުންތެރިޔާ ވަނީ ލިވަޕޫލްގައި ޗެމްޕިއަންސް ލީގާއި އިނގިރޭސި ޕްރެމިއާ ލީގު ވެސް ކާމިޔާބު ކޮށްދިނެވެ. އެންމެ ފަހުގެ އެފްރިކާ ކަޕް ސެނަގާލް ކާމިޔާބު ކުރުމުގައި ވެސް އޭނާގެ ހިއްސާ ބޮޑެވެ.
އިދްރީސާ ގުޔޭ އަކީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އެވަޓަން އާއި ޕީއެސްޖީގައި މޮޅަށް ކުޅުނު މީޑްފީލްޑަރަކީ އެފްރިކާ ކަޕް ހޯދި ޓީމުގެ މުހިންމު ތަނބެކެވެ. ޑިފެންޑަރު ހާލިދޫ ކުލިބާލޭ އަކީ އެކަތައިގެ ޑިފެންޑަރެވެ. އޭނާ އަކީ މިވަގުތު ޓީމުގެ ކެޕްޓަނެވެ. އަނިޔާގައި ހުއްޓަސް އޭނާ ޓީމުގައި ހިމެނެނީ ތަޖުރިބާ އާއި ލީޑަރޝިޕް ވަރުގަދަ ވުމުންނެވެ.
ސެނެގާލްގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ ދެ އަރިމައްޗެވެ. އެ މީހުންގެ ހުނަރާއި ސްޕީޑެވެ. މެދުތެރެއިން ވަރުބަލި ވުމެއްނެތި ކުޅޭ މިޑްފީލްޑަރުންނެވެ. މި ކުޅުންތެރިންގެ މައިގަނޑު އުސޫލަކީ ބޯޅަ ލިބުމާއެކު އަވަހަށް އެޓޭކަށް ބަދަލުކޮށްލުމެވެ. އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިން ލައްވައި އިދިކޮޅު ޑިފެންސް ހާވާލުމެވެ. އެފްރިކާގެ ޗެމްޕިއަންކަން އެ މީހުން ހޯދީ މި އުކުޅުތައް ބޭނުންކޮށްގެންނެވެ. އެކަމަކު މި ފަހަރުގެ ވޯލްޑް ކަޕާ ކުރިމަތިލާއިރު އެންމެ ބޮޑު ކަންބޮޑުވުމަކީ ޑިފެންސް ލައިނުގެ މައްސަލަ އެވެ.
ކޯޗު: ޕާޕާ ތިއޯ:
އުމުރު: 45
ގައުމު: ސެނެގާލް
ޕާޕާ ތިއޯ އަކީ ސެނަގާލަށް އެފްރިކާ ކަޕް ކާމިޔާބު ކޮށްދިން ކޯޗެވެ. އޭނާ އަކީ ކުރީގެ ފޯވަޑެކެވެ. ސްޕޭނާއި ފްރާންސްގައި ކުޅުނު ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް 16 މެޗުން ފަސް ގޯލު ޖަހައިދީފަ އެވެ. އޭނާ ކޯޗުކަން ކުރަން ފެށީ 2018 ވަނަ އަހަރު އެވެ. ގައުމީ ޓީމާ ހަވާލުވީ 2022 ވަނަ އަހަރު އެވެ. އެނާގެ ކޯޗުކަމުގައި މިހާތަނަށް ކުޅުނު 23 މެޗުގެ ތެރެއިން 18 މެޗުން މޮޅުވެ ބަލިވީ ދެ މެޗުންނެވެ.
އަހަރެންގެ އަމާޒަކީ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައި ގައުމީ ޓީމާ ވަކިވުން. އެކަން ނުކުރެވެންވީ ސަބަބެއް ނެތް. ފްރާންސަކީ އަހަރުމެން ދަންނަ ގައުމެއް. 2002ގައި އަހަރުމެން އެ މީހުންނާ ދެކޮޅަށް މޮޅަށް ކުޅުނިން. މި ފަހަރު ވެސް އެކަން ކުރެވިދާނެ. ނޯވޭ އާއި އިރާގަކީ ވެސް ވަރުގަދަ ދެ ގައުމު. އެހެންވީމާ މި ގްރޫޕް ފަސޭހަވާނެ ކަމަކަށް ނުބަލަން.