
އިރާގް
ގްރެހަމް އާނޮލްޑް

ގްރެހަމް އާނޮލްޑް
އާބާދީ: 48 މިލިއަން މީހުން
އިރާގަކީ ވަރަށް ތަހުޒީބީ ގައުމެކެކެވެ. ދުނިޔެއަށް ގަނޑާއި ގަލަން ތައާރަފްވުމުގެ ކުރިން ލިޔެކިއުމުގެ ނިޒާމް އުފަންކުރި ބަޔަކީ އިރާގު މީހުންނެވެ. މިހާރު ގައުމުގައި ގިނައީ ޒުވާނުންނެވެ. ގައުމުގެ އާބާދީގެ 40 ޕަސެންޓަކީ އެމެރިކާއިން އިރާގަށް 2003 ވަނަ އަހަރު އަރައިގަތް ފަހުން އުފަންވި ކުދިންނެވެ. މުޅި ގައުމު ބަދަލު ކުރަމުންދަނީ އެ މީހުންގެ ޒުވާން ވިސްނުމުގަ އެވެ. އިރާގުން މިހާރު ފެނިގެންދާ ޒަމާނީ ބަދަލުތަކުގެ ސަބަބަކީ ވެސް މި ޒުވާނުންނެވެ. މީގެ އެއް މިސާލަކީ އިލެކްޓްރޯނިކް ވިސާ ސިސްޓަމް ބޭނުން ކުރަން ފެށުމެވެ. ގައުމުގައި ހަ އަހަރު ވަންދެން ތައުލީމް ވަނީ ހިލޭކޮށްފަ އެވެ. އަވަށްޓެރި ގައުމުތަކާ އަޅާ ބަލާއިރު ތައުލީމަށް އިރާގުންދޭ އަހަންމިއްޔަތުގެ ބޮޑުކަމުން އެ ގައުމުގެ 80 ޕަސެންޓް މީހުންނަކީ ލިޔަންކިޔަން ދަންނަ މީހުންނެވެ.
އިރާގަކީ ވޯލްޑް ކަޕަށް އެންމެ ފަހުން ކޮލިފައިވި ގައުމެވެ. އެ މީހުން ކޮލިފައިވީ އިންޓަ ކޮންޓިނެންޓަލް ޕްލޭއޯފް ފައިނަލުގައި ދެކުނު އެމެރިކާ އަށް ނިސްބަތްވި ބޮލީވިއާ 2-1އިން ބަލިކޮށްގެންނެވެ.އެމެރިކާ އިން އިރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމައިގެ ސަބަބުން އިރާގު ޓީމު މެޗު ކުޅެން މެކްސިކޯ އަށް ދިޔައީ ވެސް ދަތިތަކާއެކުގަ އެވެ. އެއީ މެދުއިރުމަތީގެ ގިނަ ގައުމުތަކުގެ ވައިގެ ސަރަހައްދު ބަންދުވެފައި އޮތުމުން ކޯޗު ގްރެހަމް އާނޮލްޑާއި ޓީމުގެ އެކިއެކި ކުޅުންތެރިން އެކި ގައުމުތަކުގައި ތިބެން ޖެހުމުން އެކަށީގެންވާ ޕްރެކްޓިސް ވެސް ނުކުރެވި އެވެ.އިރާގު ހިމެނެނީ މި މުބާރާތުގައި ފްރާންސާއި ނޯވޭ އާއި ސެނެގާލްއާއެކު ގްރޫޕް އައިގަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | FRAފްރާންސް | 3 | +8 | 9 |
| 02 | NORނޯވޭ | 3 | +1 | 6 |
| 03 |
| 3 |
| +2 |
| 3 |
| 04 | IRQއިރާގް | 3 | -11 | 0 |
ފުޓްބޯޅަ އަކީ އިރާގުގެ އެންމެ މަގުބޫލު ކުޅިވަރެވެ. މީގެ ސަބަބުން އިރާގު ސަރުކާރުން ވަނީ އެ ގައުމުގައި ފުޓްބޯޅަ ދަނޑުތައް ބިނާކުރުމަށް 2.5 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގައިފަ އެވެ. މީގެ ކުރިން އިރާގު ކުޅެފައިވަނީ އެންމެ ވޯލްޑް ކަޕެކެވެ. އެއީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި މުބާރާތެވެ. އިރާގު ހިމެނުނީ މެކްސިކޯ އާއި ޕެރަގުއޭ އާއި ބެލްޖިއަމާ އެއް ގްރޫޕެއްގަ އެވެ. މިއިން އެއްވެސް މެޗަކުން އިރާގު މޮޅެއް ނުވެ އެވެ. ޕެރަގުއޭ އަތުން 1-0އިން ބަލިވެ، ބެލްޖިއަމް އަތުން 2-1އިން ބަލިވެ، ފަހު މެޗުގައި މެކްސިކޯ އަތުން ބަލިވީ 1-0އިންނެވެ.
ސަރަހައްދީ ފުޓްބޯޅައިގައި އިރާގުގެ އެންމެ ބޮޑު ކާމިޔާބީ އަކީ 2007 ވަނަ އަހަރު އޭޝިޔާގެ ޗެމްޕިއަންކަން ހޯދުމެވެ.
އިރާގުގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫއޭއީ އަދި މެދުއިރުމަތީގަ އެވެ. އެކަމަކު 17 އަހަރުގެ ފޯވަޑް އަލީ އަލް ހަމާދީ ކުޅެނީ އިނގިރޭސި ލީގުގެ ލުޓޮން ޓައުންގަ އެވެ. ޓީމުގެ އެންމެ މުހިންމު ފޯވަޑަކީ 33 ގޯލު ޖަހާފައިވާ އައިމަން ހުސައިންނެވެ. އިޓަލީގެ ވެނީޒިއާ އަށް ކުޅޭ މިޑްފީލްޑަރު މާކޯ ފަރްޖީ އާއި ޕޮލެންޑް ލީގުގައި ކުޅޭ އާމިރު އަލް އައްމާރީ އާއި ސައޫދީ އަރަބިއާގެ އައް ނަޖްމާ އަށް ކުލޭ އަލީ ޖާސިމް އާއި ޑެންމާކުގައި ކުޅޭ ކެވިން ޔަކޮބް އަކީ މެދުތެރޭގެ މުހިންމު ކުޅުންތެރިންނެވެ. ފަހަތުން އެންމެ މުހިންމު ދައުރެއް އަދާކުރާނީ ތައިލެންޑްގައި ކުޅޭ ރެބިން ސުލަކާ އެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 54 މެޗު ކުޅެދީފަ އެވެ.
އިރާގުގެ ކޯޗު ގްރެހަމް އާނޮލްޑްގެ ސްޓައިލަކީ އިދިކޮޅުގެ ޓީމުގެ ޕެނަލްޓީ އޭރިޔާއާ ހަމައިން ދިފާއު ފެށުމެވެ. އޭނާގެ ޓީމުގެ ގިނަ ކުޅުންތެރިންނަކީ އެއް މަގާމަށްވުރެ ގިނަ މަގާމުތަކަށް ކުޅެން ފަރިތަ ކުޅުންތެރިންނެވެ. މެދުތެރޭގައި ގިނައީ ދިފާއަށް އިސްކަންދޭ ކުޅުންތެރިންނެވެ. އެކަމަކު ނަތީޖާ ނެރެން ކުޅެން ޖެހޭ ވަގުތުތަކުގައި އެޓޭކަށް އިސްކަން ދިނުމުގެ ގާބިލް ކުޅުންތެރިން ވެސް ޓީމުގައި އެބަތިއްބެވެ. އިރާގުގެ އެންމެ ހާއްސަ އެއް ކަމަކީ ވަރުގަދަ މެޗުތަކުގައި ފަހު ވަގުތުތަކުގައި ކުޅުންތެރިން ރަތްކާޑު ހޯދުމެވެ. މިއީ ވޯލްޑް ކަޕަށްދާއިރު ކޮންމެހެން ހައްލު ކުރަން ޖެހޭ ކަމެއް ކަމަށް ކޯޗު ދެކެ އެވެ.
ކޯޗު: ގްރެހަމް އާނޮލްޑް
އުމުރު: 62
ގައުމު: އޮސްޓްރޭލިޔާ
ޓީމުގެ ކޯޗަކީ އޮސްޓްރޭލިޔާގެ ކުރީގެ ކޯޗު އެ ގައުމަށް އުފަން ގްރެހަމް އާނޮލްޑެވެ. އޭނާ ޓީމާ ހަވާލުވީ 2025 ވަނަ އަހަރު އެވެ. އުމުރުން މިހާރު 62 އަހަރުގެ އާނޮލްޑް ވަނީ ދެ ފަހަރެއްގެ މަތިން އޮސްޓްރޭލިޔާގެ ގައުމީ ޓީމާއި އެކި ފަހަރުތަކުގައި އެ ގައުމުގެ އުމުރުފުރާތަކަށް ވެސް ކޯޗުކޮށްދީފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ފޯވަޑަށް ކުޅުނު ގްރެހަމް ވަނީ އޮސްޓްރޭލިޔާގެ ގައުމީ ޓީމަށް 56 މެޗުން 19 ގޯލު ޖަހައިދީފަ އެވެ. ކޯޗެއްގެ ގޮތުން އޭނާ ވަނީ އޭ ލީގު ތައްޓާއި އޮސްޓްރޭލިޔާ އަށް ފީފާ ކޮންފެޑަރޭޝަން ކަޕުގެ ތަށި ވެސް ހޯދައިދީފަ އެވެ. އިރާގަށް ހޯދައިން ހަމައެކަނި ކާމިޔާބީ އަކީ ހުސްވި އަހަރުގެ ކިންގްސް ކަޕް ކާމިޔާބު ކޮށްދިނުމެވެ.
އިރާގު ވޯލްޑް ކަޕަށް ކޮލިފައިވުމަކީ ވަރަށް ބޮޑު އުފަލެއް. މުޅި ގައުމަށް ވެސް. ގިނަ ބަޔަކު ބުނަނީ އަހަރުމެން މިތިބީ މަރުގެ ގްރޫޕްގައޭ. އެއްގޮތަކުން މިއީ ވެސް ހިތްހަމަ ޖެހުމެއް. އާލިން ހާލަންޑް އާއި ކީލިއަން އެމްބާޕޭ ފަދަ ކުޅުންތެރިންނާ ދެކޮޅަށް އަހަރުމެންގެ ކުޅުންތެރިން ކުޅޭ ފުރަތަމަ ފަހަރު މިއީ. އަހަރެން އުއްމީދު ކުރަނީ މި ތަޖުރިބާއަކީ ޓީމަށް ވަރަށް ގިނަ ފައިދާތަކެއް ކުރާނެ މުބާރާތަކަށް ވާނެ ކަމަށް. އަހަރުމެންނަކީ އަންޑަޑޯގުން ކަމަށް ދެކުމަކީ އަހަރެން ހިތުން އެޑްވާންޓޭޖްތަކެއް ލިބޭނެ ކަމެއް.