
ދެކުނު އެފްރިކާ
ހޫގޫ ބްރޫސް

ހޫގޫ ބްރޫސް
އާބާދީ:65 މިލިއަން މީހުން
ބަފާނާ ބަފާނާގެ ނަމުން މަޝްހޫރުވެފައިވާ ސައުތު އެފްރިކާ އަކީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ބޭއްވި ގައުމެވެ. އެ އަހަރުގެ ޖޫން 11 ވަނަ ދުވަހު މުބާރާތް ހުޅުވަން ކުޅުނު މެޗުގައި ދެކުނު އެފްރިކާ އެއްވަރުވީ މި ފަހަރުގެ މުބާރާތް ބާއްވާ ގައުމު މެކްސިކޯއާ ވާދަކޮށެވެ. މިހެންވެ މިފަހަރު މެކްސިކޯގައި ދަނޑުގައި މުބާރާތް ހުޅުވަން ކުޅޭއިރު މަދުވެގެން ޕޮއިންޓެއް ހޯދުމަކީ ދެކުނު އެފްރިކާ ބޭނުންވާ ކަމެކެވެ. މުބާރާތައް ތައްޔާރުވާން 12 ދުވަސް ކުރިން މެކްސިކޯ އަށް ދާން ނިންމީ ވެސް މިހެންވެ އެވެ. މާހައުލަށް ފަރިވެލުމަށެވެ.
އެފްރިކާ ސަރަހައްދުގައި ދެކުނު އެފްރިކާ އަކީ ގަދަ ބާރެކެވެ. ޓެކްނޮލޮޖީގެ ގޮތުން އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. އެކި ކަންކަމުގައި އެ ގައުމަށް އަހަރު ގާތްގަނޑަކަށް 9 މިލިއަން މީހުން ޒިޔާރަތް ކުރެ އެވެ. 12 ބަހަކުން ވާހަކަ މީހުން އުޅޭ މި ގައުމުގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެކަމަކު ދުނިޔޭގެ ފެންވަރުގައި ސައުތު އެފްރިކާގެ ނަން ދަމަހައްޓައިދެނީ ކްރިކެޓުންނެވެ.
ކޮލިފައިންގައި ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވި މައްސަލާގައި ތިން ޕޮއިންޓް އުނިކުރި ނަމަވެސް ދެކުނު އެފްރިކާ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާ ސަހަރައްދުގެ ކޮލިފައިން މަޝްހޫރު ނައިޖީރިއާ ފަހަތަށްލައި ގްރޫޕް ސީގެ އެއްވަނަ ހޯދައިގެންނެވެ. މުބާރާތުގައި ދެކުނު އެފްރިކާ ހިމެނެނީ މެކްސިކޯ އާއި ދެކުނު ކޮރެޔާ އާއި ޗެކިޔާއާ އެއް ގްރޫޕެއްގަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | MEXމެކްސިކޯ | 3 | +6 | 9 |
| 02 | RSAދެކުނު އެފްރިކާ | 3 | -1 | 4 |
| 03 |
| 3 |
| -1 |
| 3 |
| 04 | CZEޗެކިއާ | 3 | -4 | 1 |
ވޯލްޑް ކަޕުގައި ދެކުނު އެފްރިކާ ކުޅުނު ތިން ފަހަރު ވެސް ގްރޫޕް ސްޓޭޖުން އަރައި ނުގަނެވުނެވެ. މި ފަހަރުގެ މުބާރާތުގައި ވެސް މިކަން ކުރަން ފަސޭހަ ނުވާނެ ކަމަށް ގިނަ ބަޔަކުދެކެ އެވެ. ސަބަބަކީ މި ގްރޫޕަކީ ނިސްބަތުން ވަރުގަދަ ގްރޫޕަކަށްވުމެވެ. އެފްރިކާގެ އެހެން ގައުމުތަކާ ހިލާފަށް ދެކުނު އެފްރިކާގެ ލީގަކީ މުއްސަނދި ލީގެކެވެ. ބްރޯކްކާސްޓިން ރައިޓްސްގެ އަގުބޮޑެވެ. އެކަމަކު މައްސަލައަކީ އިންތިޒާމްތައް ދެރަވަވުމާއި ކޮރަޕްޝަނުގެ މައްސަލަ އެވެ. މީގެ ސަބަބުން ދަށް ލީގުތައް ކުޅޭ އެފްރިކާގެ ގައުމުތަކާއި ދެކުނު އެފްރިކާގެ ފުޓްބޯޅައިގައި މާބޮޑު ފަރަގެއް ނެތެވެ.
ލީލް ފޯސްޓާއަކީ ޓީމުގެ ކުރި ހިފަހައްޓައިދޭ އެންމެ އިސް ކުޅުންތެރިޔާ އެވެ. ހާއްސަކޮށް ހަމަލާތައް އުފެއްދުމުގައި އޭނާގެ ވަރުގަދަ ކަމާއި ހަލުވިކަން ބޭނުން ކުރެ އެވެ. އެކަމަކު އޭނާ އަށް ބޯޅަ ފޯރުކޮށްދޭން ދެކުނު އެފްރިކާގެ އެހެން ކުޅުންތެރިން ހަރުދަނާ ދައުރެއް އަދާކޮށްދޭން ޖެހޭ ކަމަށް ތަޖުރިބާކާރުން ފާހަގަ ކުރެ އެވެ. އިނގިރޭސި ޕްރެމިއާ ލީގުގެ ބާންލޭ އަށް ކުޅޭ 25 އަހަރުގެ ފޯވަޑް ވަނީ ނިމިދިޔަ ސީޒަނުގައި 25 އަށްވުރެ ގިނަ ގޯލު ޖަހައިފަ އެވެ. އެންމެ ފަހުގެ އެފްރިކާ ކަޕުގައި އޭނާ ވަނީ ދެ ގޯލު ޖަހައި ދެ ގޯލެއް ޖަހަން މަގު ފަހިކޮށްދީފަ އެވެ.
ދެކުނު އެފްރިކާގެ އެންމެ ބޮޑު އެއް މައްސަލައަކީ ބޯޅައާއެކު ޖިސްމާނީ ވަރުގަދަކަން ނުދެއްކުމެވެ. އެކަމަކު އެއީ ހަލުވި ޓީމެކެވެ. ހާއްސަކޮށް ދެ އަރިމަތިން ކުޅޭ ކުޅުންތެރިންގެ ދުވެލި ބާރުވެފައި، ދުރުން ގޯލަށް ޖަހާ ބޯޅަތައް ނުރައްކަލެވެ. މީގެ އިތުރުން ފުލްބެކުން ކުރިއަރައި ހަމަލާތަކުގައި ބައިވެރިވުމަކީ ވެސް ގޭމްޕްލޭނުގެ މުހިންމު ބައެކެވެ. މި އުކުޅުގައި އެފްރިކާގެ ގިނަ ޓީމުތައް ވަނީ ދެކުނު އެފްރިކާގެ އަތްދަށުވެފަ އެވެ. ޓީމުގެ މައިބަދަ އަކީ ޓޮބޯހޯ މޮކޮއެނާ އެވެ. އޭނާގެ ކުރިން މެދުތެރެއިން ޓީމު ލައްވައި ކުޅުވައިދޭނެ ކުޅުންތެރިއަކު ހޯދުން ކޯޗު ބްރޫސް އަށްވީ ވަރަށް ދަތިކަމަކަށެވެ. މީގެ އިތުރުން 36 އަހަރުގެ މެމެލޯޑީ ސުންޑޯންސް އަކީ އެޓޭކް ކުރާއިރު މަތިން އަންނަ ބޯޅަތަކަށް ކުޅަދާނަ ކުޅުންތެރިއެކެވެ. އަދި އިދިކޮޅު ޓީމުތަކުގެ މެދުތެރެ ރޫޅާލަން ކޯޗު ބޭނުންކުރާ އެންމެ މުހިންމު އުކުޅަކީ ވެސް އޭނާގެ ތަޖުރިބާ އެވެ.
ކޯޗު: ހޫގޯ ބުރޫސް:
އުމުރު: 74
ގައުމު: ބެލްޖިއަމް
ހޫގޯ ބްރޫސް އަކީ 1986 ވަނަ އަހަރު މެކްސިކޯގައި އޮތް ވޯލްޑް ކަޕުގައި ކުޅުނު ބެލްޖިއަމް ޓީމުގެ ޑިފެންޑަރެކެވެ. މިހެންވެ އަލުން މެކްސިކޯ އަށް ދެވޭތީއާއެކު މިފަހަރުގެ މުބާރާތަކީ ކުރީގެ ހަނދާންތަކާއެކު އޭނާ އަށް އަނެއްކާ ވެސް ހާއްސަ މުބާރާތެކެވެ. ދެކުނު އެފްރިކާގެ ކޯޗުކަމާ އޭނާ ހަވާލުވީ 2017 ވަނަ އަހަރުގެ އެފްރިކާ ކަޕް ކެމަރޫނަށް ކާމިޔާބު ކޮށްދީފަ އެވެ. މިހާރު އޭނާ އަށްވުރެ ގިނަ ދުވަހު ދެކުނު އެފްރިކާގެ ކޯޗުކަމުގައި ހުރި އެހެން މީހަކު ނެތެވެ. އޭނާ ވަނީ ބެލްޖިއަމާއި ތުރުކީ އާއި އަލްޖީރިއާގެ ގިނަ ކުލަބުތަކަށް ވެސް ކޯޗުކޮށްދީފަ އެވެ. މަގާމާ ހަވާލުވި ފަހުން ހޯދުނު އެންމެ ބޮޑު ކުރިއެރުމަކީ 26 އަހަރު ފަހުން ދެކުނު އެފްރިކާ ވޯލްޑް ކަޕަށް ކޮލިފައި ކޮށްދެވުމެވެ. މި މުބާރާތަށް ފަހު އޭނާ ނިންމައިގެން އެ ހުރީ ރިޓަޔާ ކުރުމަށެވެ.
މުބާރާތް ހުޅުވާ މެޗުގައި މުބާރާތް ބާއްވާ ގައުމާ ދެކޮޅަށް ކުޅުމަކީ ވަރަށް އުނދަގޫ ކަމެއް. އަދި ވަރަށް ހާއްސަ ކަމެއް. އަހަރުމެން ކުޅޭނީ މޮޅުވާން. އެކަމަކު މި ގްރޫޕުން އަހަރުމެން ދެ ވަނަ ބުރަށް ނުދިޔަޔަސް އެކަމާ އެއްވެސް މީހަކު ޝަކުވާ ކުރާނެ ކަމަކަށް ނުފެނޭ. އެކަމަކު ފުރަތަމަ މެޗުގެ ނަތީޖާ ރަނގަޅު ވެއްޖެނަމަ ދެން ކަންތައްވާނެ ގޮތް ބަލަން ތިބުމަކީ ޝައުގުވެރި ކަމަކަށްވާނެ.