
ދެކުނު ކޮރެޔާ
ހޮންގް މިޔުންގް ބޯ

ހޮންގް މިޔުންގް ބޯ
އާބާދީ: 51 މިލިއަން މީހުން
ދެކުނު ކޮރެއާ އަކީ މިހާތަނަށް ވޯލްޑް ކަޕުގައި އެންމެ ގިނައިން ވާދަ ކޮށްފައިވާ އޭޝިޔާގެ ގައުމެވެ. 1986ގެ ފަހުން ވޯލްޑް ކަޕުގައި ގަވާއިދުން ކުޅެމުން އަންނަ ގައުމު ވަނީ މިހާތަނަށް 10 ފަހަރު ވޯލްޑް ކަޕުގައި ކުޅެ 2002ވަނަ އަހަރު ޖަޕާނާ ބައިވެރިގެން ބޭއްވި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފަ އެވެ. މި ހިސާބަށް އެމީހުންނަށް އާދެވުނީ އަމިއްލަ ފަސްގަނޑުގައި ގައުމުގެ ސަޕޯޓަރުންގެ ތަރުހީބާއި ސާބަހާއި ހިތްވަރުގެ ބަސްތަކާވެސް އެކުގަ އެވެ. ސެމީ ފައިނަލަށް ކޮރެޔާ ދިއުންވީ ހަގީގަތުގައި ދުނިޔެ އަށް ސިހުން ގެނުވި ކަމެކެވެ. ހާއްސަކޮށް ވޯލްޑް ކަޕް ތަށި ހަތަރު ފަހަރަށް ހޯދައިފައިވާ އިޓަލީ އާއި ވަރުގަދަ ސްޕޭންގެ ދުވެލި ހުއްޓުވައި ކޮރެޔާ ހިންދެމިލުން ވެގެންދިޔައީ މި ޒަމާނުގެ ފުޓްބޯޅައިގައި އެންމެން ވެސް އެއް ފެންވަރަކަށް އަންނަމުންދާ ކަމާ މެދު އިތުރަށް ބަހުސް ކުރަން ޖެހުނު ސަބަބަކަށެވެ. އެކަމަކު އެ ވާހަކަތައް ދާދި އަވަހަށް އޮބިގެންދިޔައީ އޭގެ ފަހުން ކޮރެޔާ އަށް ވޯލްޑް ކަޕުގައި އެ ކާމިޔާބީ ގާތަށް ވެސް ނުދެވުމުންނެވެ. މިއީ މުޅި އޭޝިޔާ މާޔޫސްވާ ކަމެކެވެ. އެކަމަކު އޭޝިޔާގެ ގިނައެއްގެ ވޯލްޑް ކަޕުގެ އުއްމީދަކީ އަދިވެސް ކޮރެޔާ އެވެ. ޓީމުގެ ކަންކަން ގާތުން ބަލައި ހަދާ ގިނަ ބަޔަކު ގަބޫލު ކުރާ ގޮތުގައި ކޮރެޔާ އަށް މިފަހަރު ގްރޫޕް ސްޓޭޖް ފަހަނައަޅައިދިއުން ދައްޗެއް ނުވާނެ އެވެ. އެކަމަކު އެއަށްވުރެ ދުރަށް ދެވިގެން ނޫނީ ކާމިޔާބީއެއް ކަމަށް ބެލޭނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ.
ކޮރެޔާ ވޯލްޑް ކަޕަށް ކޮލިފައިވީ އޭޝިޔާގެ ކޮލިފައިންގެ ގްރޫޕް ބީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އިރާގު އަތުން ހޯދި މޮޅާއެކު ކޮރެޔާ އެމެރިކާގެ ޓިކެޓް ޔަގީން ކުރީ ބާކީ އެއް މެޗު ވެސް އޮއްވަ އެވެ. މުބާރާތުގައި ކޮރެޔާ ހިމެނެނީ މެކްސިކޯ އާއި ދެކުނު އެފްރިކާ އާއި ޗެކިޔާއާއެކުގަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | MEXމެކްސިކޯ | 3 | +6 | 9 |
| 02 | RSAދެކުނު އެފްރިކާ | 3 | -1 | 4 |
| 03 |
| 3 |
| -1 |
| 3 |
| 04 | CZEޗެކިއާ | 3 | -4 | 1 |
އޭޝިޔާގެ ގަދަ ބާރަކަށްވުމުން ވޯލްޑް ކަޕަށް ކޮލިފައިވުމަކީ އެއްގޮތަކުން ދެކުނު ކޮރެޔާ އުފާ ކުރާ ކަމެއް ނޫނެވެ. ސަބަބަކީ ވޯލްޑް ކަޕުގައި ގިނަ ފަހަރު ގްރޫޕް ސްޓޭޖް ހުރަސް ނުކުރެވޭތީ އެވެ. މިހެންވެ މި ފަހަރު ވެސް ޓީމާމެދު އޮތީ މައްސުނި ވިސްނުމެކެވެ. ކުރިއަރުން ލަސްވުމުން ރޭވުންތެރިކަން ބަދަލުކޮށް ކޮރެޔާ އަށް ނިސްބަތްވާ އެހެން ގައުމުތަކުގައި ތިބި ކުޅުންތެރިން ގެނެސް ކުޅުވަން ފެށީ ވެސް ގައުމީ ޓީމުގެ ވަރުގަދަ ކުރުމަށެވެ. މިގޮތުން ޖަރުމަނުގެ ބައްޕައަކާއި ކޮރެޔާގެ އަންހެނަކަށް ލިބުނު ޔެންސް ކަސްޓްރޮޕް އަކީ ކޮރެޔާގެ ގައުމީ ޓީމަށް ގެނައި އެހެން ގައުމަކަށް އުފަންވި ފުރަތަމަ ކުޅުންތެރިޔާ އެވެ.
ސޮން ހުންގް މިން އަކީ ކޮރެޔާގެ ކެޕްޓަނެވެ. އެންމެ ތަޖުރިބާކާރު އެންމެ މޮޅު ކުޅުންތެރިޔާ އެވެ. ޔޫރަޕުގެ ފުޓްބޯޅައިގައި ކޮރެޔާއިން އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. ގައުމީ ޓީމަށް 141 މެޗު ކުޅެދީފައިވާއިރު މިއީ އޭނާގެ ހަތަރު ވަނަ ވޯލްޑް ކަޕެވެ. ޓޮޓެންހަމުގައި ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު 2022 ވަނަ އަހަރު ހޯދިއިރު މުޅި ކޮރެޔާ އުއްމީދު ކުރަނީ ގައުމީ ޖާޒީގައި އޭނާ މިފަހަރު އަނެއްކާ ވެސް ވިދާލާނެ ކަމަށެވެ.
ކިމް މިން ޖައެ އަކީ ޓީމުގެ އެންމެ އިތުބާރު ޑިފެންޑަރެވެ. ބަޔާން މިއުނިކަށް 75 މެޗު ކުޅެދީފައިވާއިރު އެންމެ ފަހުގެ ވޯލްޑް ކަޕާއި އޭޝިއަން ކަޕާއި ކޮލިފައިންގައި ވެސް ކޮރެޔާގެ ފަހަތުގައި ސާބިތުވެހުރި އާރުކާޓީ އަކީ އޭނާ އެވެ. ދިފާއީ ސަފުގައި އެންމެ ވަރުގަދަ އިޓާލިއަން ލީގުގައި ކުޅެ އޭނާ ވަނީ ނާޕޮލީގައި އެ ލީގުގެ އެންމެ މޮޅު ޑިފެންޑަރުގެ މަގާމު ވެސް ހޯދައިފަ އެވެ.
ލީކަންގްއިން އަކީ ޕީއެސްޖީ އަށް ކުޅޭ މޮޅު ކުޅުންތެރިއެކެވެ. ކޮރެޔާގެ ހަމަލާތައް ރާވައިދޭން އެންމެ އިސްކޮށް ހުންނާނީ މިހާތަނަށް ގައުމީ ޓީމަށް 44 މެޗު ކުޅެދީފައިވާ މި ކުޅުންތެރިޔާ އެވެ. 20 އަހަރުން ދަށުގެ ވޯލްޑް ކަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019 އަހަރު ހޯދު ލީ ކަންގަކީ ޕީއެސްޖީ އެންމެން ފަހާލާފައި ގޮސް ޗެމްޕިއަންސް ލީގު ނެގި ޓީމުގެ ވެސް އިސް ކުޅުންތެރިއެކެވެ.
ޒަމާންތަކެއް ވަންދެން ކޮރެޔާ ކުޅެމުންދާ ފޯމޭޝަނަކީ 4-4-2 އެވެ. އެކަމަކު ކޯޗު ހޮން މިޔުންގް ބޯގެ ވިސްނުމުގައި އެންމެ ފޯމޭޝަނަކަށް ކުޅެން ވޯލްޑް ކަޕުގައި ކުރިއެރުމެއް ނެތެވެ. މިހެންވެ ފަހަތަށް ތިން ޑިފެންޑަރުން މެދަށް ހަތަރެއް ލައިގެން އޭނާ ވަނީ ކުޅުވަން ފަށައިފަ އެވެ. ކޮރެޔާގެ އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ވެސް ޑިފެންސް ލައިނުގެ ތަރުތީބެވެ. ފޯމޭޝަނުގެ އިތުރަށް، ފުރަތަމަ 11ގައި ކުޅުވާނެ ކުޅުންތެރިން ފައިނަލް ކުރުމުގައި ވެސް ބައިވަރު ދަތިތައް އެބަހުއްޓެވެ. ޓީމުގެ މައި ތަނބަކީ ކެޕްޓަން ސޮން އެވެ. މީގެ އިތުރުން ކަސްޓްރޮޕަކީ މެދާއި އަރިމަތިން އަދި ފުލްބެކަށް ވެސް ކުޅެވޭ ކުޅުންތެރިއެކެވެ. ހުވަންގް ހީ ޗަން އާއި ލީ ކަންގް އިން އެކުވުމުން ކުރި ވެސް މާދެރައެއްނުވާނެ އެވެ.
ކޯޗު: ހޮންގް މިޔުންގް ބޯ
އުމުރު: 57
ގައުމު: ދެކުނު ކޮރެޔާ
ހޮންގެ މިޔުންގް ބޯ އަކީ ކޮރެޔާގެ ތާރީހުގައި މުހިންމު މީހެކެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ރަންވަންލޯ ބޯޅަ ހޯދީ އޭނާ އެވެ. މިއީ މިހާތަނަށް ވޯލްޑް ކަޕެއްގައި ކޮރެޔާގެ ކުޅުންތެރިއަކު ހޯދި އެންމެ ފުރިހަމަ ކާމިޔާބީ އެވެ. ގައުމީ ޓީމަށް 136 މެޗު ކުޅެދީފައިވާ ކޯޗު ވަނީ ހަތަރު ވޯލްޑް ކަޕެއްގައި ކުޅެ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި ވެސް ކޮރެޔާގެ ކޯޗުކަން ވެސް ކޮށްފަ އެވެ. އެފަހަރުގެ ވޯލްޑް ކަޕުން ކޮރެޔާ މާ އަވަހަށް ފޭލްވީ ބައެއް ކުޅުންތެރިންނަށް މާބޮޑަށް އިސްކަންދިނުމުން ކަމަށް ތުހުމަތު ކުރެވުނެވެ. ޔާގެންސް ކްލިންސްމަން ފެއިލްވުމުން ކޮރެޔާގެ ކޯޗުކަމަށް އަލުން ބޯ ގެނައި ނަމަވެސް އޭނާ އަށް އަދިވެސް ސަޕޯޓަރުންގެ އިތުބާރެއް ނުހޯދެ އެވެ. ދެ ވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވުމުގެ ކުރިން އޭނާ ވަނީ ކޮރެޔާގެ ކުލަބުތަކުގައި ކާމިޔާބީ ތަކެއް ހޯދާފަ އެވެ. މިހެންވެ ބޯ އަކީ ކުރިއަށްވުރެ ތަސައްރަފް ފުދިފައިވާ ކޯޗެއްކަން ސާބިތުކޮށްދެވޭނީ މި ވޯލްޑް ކަޕުގައި ނެރޭ ނަތީޖާ އަކުންނެވެ. ނޫނީ ޖެހޭނީ މަގާމު ދޫކޮށްލާށެވެ.
އެންމެ ފޯމޭޝަނަކަށް ކުޅެގެން ވޯލްޑް ކަޕުގައި ކާމިޔާބު ނުވާނެ. އަހަރެން މިދަނީ ތިން ޑިފެންޑަރުން ލައިގެން ކުޅެން ކުޅުންތެރިންނަށް ހިތްވަރު ހޯދައިދެމުން. ދެން އަހަރުމެންގެ ގައުމީ ފުޓްބޯޅައިގެ ފިލޯސަފީ ހިފެހެއްޓުމަކީ ވެސް މުހިންމު ކަމެއް. އަހަރުމެން މިހާރު އެކްސްޕީރިއަންސް ކުރުން ނިމުމަކަށް ގެންނަން ވެއްޖެ.