
ޕޯޗުގަލް
ރޮބާޓޯ މާޓިނޭޒް

ރޮބާޓޯ މާޓިނޭޒް
އާބާދީ: 10 މިލިއަން މީހުން
އެޓްލާންޓިކް ކަނޑުގެ ހުރިހާ ހިތްފަސޭހަކަމެއް ލިބިފައިވާ އެއް ގައުމަކީ ޕޯޗުގީޒުންނެވެ. މިހެންވެ އެއީ ޔޫރަޕުގެ އެމެރިކާ ބައްރުގެ ގައުމެއް ކަމަށް ވެސް ބައެއް މީހުން ކިޔައި އުޅެ އެވެ. ޒަމާނީ ތަހުޒީބުގެ ކުލަވަރު މުޅި ގައުމުން ފެންނަން އެބައޮތެވެ. ކުރީ ޒަމާނުގައި ދުނިޔޭގައި ކުރެވުނު ހަނގުރާތަކުގައި ބައިވެރިވުމާއެކު އެއް ދުވަސްވަރެއްގައި ރާއްޖެ ވެސް އަޅުވެތިކޮށްގެން އުޅުނު ޕޯޗުގަލްއަކީ ދުނިޔޭގެ 11 ވަނަ އަށް އެންމެ އަމާން ގައުމެވެ. ދުނިޔޭގެ އެތައް މިތަނުން އެ ގައުމަށް އަހަރަކު 14މިލއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރެ އެވެ. ގައުމުގެ މިސްރާބު މިހާރު ހުރީ ވަޔާއި އިރުގެ ހޫނާއި ކަނޑުން ހަކަތަ ހޯދައި އޭގެ ބާރަށް ވުމަށެވެ. އަހަރަކު 29 މިލިއަން މީހުން އެ ގައުމަށް ޒިޔާރަތްކުރާއިރު އެ ގައުމުގެ ރަށްވެހިކަން ދިނުން ފަސް އަހަރުގެ ބަދަލުގައި 10 އަހަރަށް ވަނީ ހަދާފަ އެވެ. މިއީ ޕޯޗުގަލް އަށް އެތެރެވާ މީހުންގެ އަދަދު ކޮންޓްރޯލް ކުރުމަށް ސަރުކާރުން ގާނޫނަށް ގެނައި ބަދަލެކެވެ.
ޕޯޗުގަލް ވޯލްޑް ކަޕަށް ކޮލިފައިވީ މާބޮޑު އުނދަގުލަކާ ނުލަ އެވެ. ޔޫރަޕުގެ ކޮލިފައިންގައި ރިޕަބްލިކް އޮފް އަޔަލޭންޑާއި ހަންގޭރީ އާއި އާމިނިއާ ހިމެނުނު ގްރޫޕުން އެއްވަނަ ހޯދައިގެންނެވެ. ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ. އެއް މެޗު އެއްވަރުވެ އަނެއް ހަތަރު މެޗު ކާމިޔާބު ކޮށް ޕޯޗުގަލް ކުރި ހޯދީ ތިން ޕޮއިންޓްގެ ތަފާތަކުންނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | COLކޮލޮމްބިއާ | 3 | +3 | 7 |
| 02 | PORޕޯޗުގަލް | 3 | +5 | 5 |
| 03 |
| 3 |
| +1 |
| 4 |
| 04 | UZBއުޒުބަކިސްތާން | 3 | -9 | 0 |
ޕޯޗުގަލްގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ޕޯޗުގަލްގެ ފުޓްބޯޅައިގެ އެންމެ އަލިގަދަ ތަރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މި ލިސްޓުން ދެން ޖާގަ ލިބެނީ ކުރީގެ ދެ ތަރިން ކަމަށްވާ ޔޫސޭބިއޯ އާއި ލުއިސް ފީގޯ އަށެވެ. 2016 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްގެން ޕޯޗުގަލް ޓީމު ތައްޓާއެކު ގައުމަށްދިޔަ ފްލައިޓްގައި ތައްޓާ ޖެހިގެން ޔޫސޭބިއޯގެ ފޮޓޯއެއް ބަހައްޓާފައިވުން ދޭހަކޮށްދެނީ އެމީހުންގެ ފުޓްބޯޅައިގެ ބައްޕަ އަކީ އޭނާ ކަމެވެ.
ބެންފީކާ އާއި ޕޯޓޯ އާއި ސްޕޯޓިން އަކީ އެ ގައުމުގެ އެންމެ މަޝްހޫރު ކުލަބުތަކެވެ. އެކަމަކު އެ ގައުމުގެ 1934 ވަނަ އަހަރު ތައާރްފަކުރި އެ ގައުމުގެ ލީގަކީ މާލީ ގޮތުން އެހާ ވަރުގަދަ ލީގެއް ނޫނެވެ. އެކަމަކު އެއީ ކުޅުންތެރިން އުފައްދައި ބޮޑެތި ކުލަބުތަކަށް އެކްސްޕޯޓް ކުރުމުގައި ވަރުގަދަ ހަބުތަކެކެވެ. އަހަރެއްގެ މައްޗަށް ޕޯޗުގަލްއިން ފުޓްބޯޅަ ރާވައި ހިންގުމަށް 32 މިލިއަން ޔޫރޯ ހޭދަކުރެ އެވެ. އަދި އާމްދަނީގެ ގޮތުގައި ބިލިއަނަށްވުރެ ގިނަ ޔޫރޯ ހޯދަ އެވެ. މިހެންވެ ގައުމުގެ ފުޓްބޯޅައިގެ ބޮޑު މިސްރާބެއް އޮތީ ވެސް ޒުވާން ކުޅުންތެރިން އުފައްދައި އޭގެއިން ނަފާ ހޯދުމަށެވެ.
ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ދުނިޔޭގެ ދެކެފައިވާ މޮޅު އެއް ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް ފަސް ފަހަރު ބަލަންޑޯ އެވޯޑް ހޯދައިފަ އެވެ. މިއާއެކު ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އޭނާ އަށް ހާސިލް ނުކުރެވި އޮތީ އެންމެ ކަމެކެވެ. އެއީ ވޯލްޑް ކަޕް އުފުލާލުމެވެ. މި ފަހަރުގެ މުބާރާތަކީ އުމުރުން 41 އަހަރުގެ ފޯވަޑް ކުޅޭނެ އެންމެ ފަހު ވޯލްޑް ކަޕް ކަމަށް އޭނާ ވެސް ވަނީ ބުނެފަ އެވެ. މިހެންވެ މުޅި ޓީމު ކަމަރު ބަނދެފައިވަނީ އޭނާގެ ޝަރަފައްޓަކައި ނަމަވެސް މި ތަށި ހޯދުމަށެވެ.
ދަނޑުމަތީގައި ބޯޅައާއެކު އޭނާ އަކީ އަދިވެސް ހަލުވި ކުޅުންތެރިއެކެވެ. އޭނާގެ ގޯލު ޖެހުމުގެ ރޭޓް ވަރަށް މައްޗަށެވެ. ޕެނަލްޓީ އާއި ހިލޭ ޖެހުންތަކުގައި ގޯލު ޖަހަން ވެސް އޭނާ ވަރުގެ މީހަކު ނެތެވެ. ސައޫދީ ޕްރޯ ލީގުގައި ވެސް 100 ލަނޑު ޖަހައިފި އެވެ. މިހާރު އޭނާގެ އަމާޒަކީ 1000 ރަސްމީ ސިފައެއްގައި ޖަހާ ފުރަތަމަ ކުޅުންތެރިޔާ އަށް ވުމަށެވެ.
ވޯލްޑް ކަޕް ކާމިޔާބު ކުރުމުގެ އުއްމީދުގައި ކުލަ ޖެއްސުމަށް ރޮނާލްޑޯ ހުރީ އާދަޔާ ހިލާފު އަޒުމެއްގަ އެވެ. އޭނާ އަކީ ދަނޑު ބޭރުގައި ހަރަކާތްތައް ގިނަ މީހެކެވެ. ނަމަވެސް އޭނާގެ ކުޅުމަށް މިއިން ކަމެއްގެ ސަބަބުން ނޭދެވޭ އަސަރު ފޯރުނަ ނުދިނުމަކީ ރޮނާލްޑޯ ވަރަށް ބޮޑަށް އިސްކަންދޭ ކަމެކެވެ. ގައުމީ ޓީމަކަށް އެންމެ ގިނަ ގޯލު ޖަހައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާ އަކީ އަބަދުވެސް ނަމޫނާ މިސާލެކެވެ.
ޕޯޗުގަލްގެ އެންމެ ނުރައްކާތެރި ހިސާބަކީ އެޓޭކިން ތާޑެވެ. ހާއްސަކޮށް ހުނަރުވެރި އެޓޭކިން މިޑްފީލްޑަރުންނެވެ. މީގެ ސަބަބުން އެ މީހުންނަކީ މާބޮޑަށް އަރިމަތިތައް ބޭނުން ކުރުމަށްވުރެ ބޮޑަށް ވީހާ ބޮޑަށް ބޯޅަ ހިފަހައްޓައިގެން ކުޅެން ބޭނުންވާ ބައެކެކެވެ. ރޮބާޓޯ މާޓިނޭޒްގެ ކޯޗުކަމުގައި ޕޯޗުގަލް ގިނަ ގޯލުތަކެއް ޖެހި ނަމަވެސް ކަންބޮޑުވާން ޖެހޭ ކަމަކީ ދިފާއީ ވިސްނުމުގައި ފަހަތުގައި ކޭމްޕް ކޮށްގެން ޓީމުތަކާ ދެކޮޅަށް ނަތީޖާ ނެރެން ޕޯޗުގަލް އަށް އުނދަގޫވުމެވެ. މިއީ ތައްޓާ އަށް ހަމައަށް ދިއުމަށާއި ގިނަ ގޯލު ޖަހަން ރޮނާލްޑޯ އަށް ވެސް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
ކޯޗު: ރޮބާޓޯ މާޓިނޭޒް
އުމުރު: 52
ގައުމު: ސްޕޭން
ޕޯޗުގަލްގެ ކޯޗުގެ މަގާމަކީ ގައުމީ ޓީމެއްގައި އުމުރުން 52 އަހަރުގެ ސްޕޭނުގެ ރޮބާޓޯ މާޓިނޭޒް ކުރާ ދެ ވަނަ ތަޖުރިބާ އެވެ. އޭނާ އަކީ އިނގިރޭސިވިލާތުގެ އެވަޓަން އާއި ސްވަންސީ ސިޓީ އަދި ވިގަން އަށް ކޯޗުކޮށްދީފައިވާ އިލްމީ ކޯޗެކެވެ. މާޓިނޭޒް އަކީ ފިޒިއޮތެރަޕިސްޓެއްވެސްމެ އެވެ. އަދި އޭނާ އަކީ ބިޒްނަސް މެނޭޖްމަންޓްގެ ރޮނގުން ކިޔަވާފައިވާ މީހެކެވެ. ކޯޗިންގައި މާޓިނޭޒަށް ތަށިތަކެއް މިހާތަނަށް ހޯދިފައި ނުވުމާއެކު ޕޯޗުގަލްގެ ގައުމީ ކޯޗުކަން އޭނާ ދިނުން ވެގެންދިޔައީ ވަރަށް ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމެކެވެ. ހާއްސަކޮށް ބެލްޖިއަމްގެ ރަންޖީލުގެ ކުޅުންތެރިން ގޮވައިގެން ކާމިޔާބު ހޯދައިނުގަނެވުމުންނެވެ. އެކަމަކު އަނެއް ބައެއްގެ ނަޒަރުގައި އޭނާ އަކީ ކުރު މުއްދަތެއްގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވާ ކޯޗެކެވެ. އަދި އޭނާ އަކީ މަޝްހޫރު ފުޓްބޯޅަ އެނަލިސްޓެއްވެސްމެ އެވެ. މި ގޮތުން ސްކައި ސްޕޯޓްސްގައި މެޗުތަކަށް އިންސާފު ކުރުމަކީ އޭނާގެ ފަރާތުން ވަރަށް ގިނައިން ފެނިގެންދާ އާއްމު ކަމެކެވެ.
ރޮނާލްޑޯ 22 އަހަރު ގައުމީ ޓީމުގައި ހުރުމުން އޭނާއާ މެދު ސުވާލު އުފައްދާނެ ތަނެއް ނެތް. ދެން ޑިއޯގޯ ޖޮޓާ ނެތުމަކީ އަހަރުމެން ދެރަވާ ކަމެއް. އެކަމަކު އެއީ ބަހަނާއެއް ނޫން. އަހަރެންގެ ނަޒަރުގައި ޕޯޗުގަލްގެ ރަންޖީލު ފެނިގެންދިޔައީ 1966ގައި. މި ޓީމަކީ ވެސް ވަރަށް ހުނަރުވެރި ޓީމެއް. އަހަރުމެންނަށް މި ގްރޫޕުގައި އެޑްވާންޓޭޖް ތަކަކާއި ވިސްނަން ޖެހޭ ކަންކަން ވެސް އެބަހުރި.