
ނެދަލޭންޑްސް
ރޮނަލްޑް ކޫމަން

ރޮނަލްޑް ކޫމަން
އާބާދީ: 18 މިލިއަން މީހުން
ނެދަލޭންޑްސް އަކީ ޔޫރަޕުގެ އެންމެ ތިރި ގައުމެވެ. އެ ގައުމުގެ ތިންބައިކުޅަ އެއްބައިވަނީ ބިމަށްވުރެ ތިރީގަ އެވެ. މިލިޓަރީ ތަފާސް ހިސާބުތައް ދައްކާ ގޮތުން ދުނިޔޭގެ އެންމެ ދިގު މީހުން ގިނައީ ނެދަލޭންޑްސްގަ އެވެ. ވެރިރަށް އެމްސްޓެޑަމްގައި އެކަނި ވެސް 1200ވުރެ ގިނަ ބްރިޖް އެބައޮތެވެ. ގައުމުގެ 30 ޕަސެންޓް އަންހެނުން އަދިވެސް އިހްތިޔާރު ކުރަނީ ގޭގައި ވިހެއުމަށެވެ. ދުނިޔޭގެ އެހެން އެއްވެސް ގައުމަކުން ބައިސްކަލް ބޭނުން ނުކުރާހާ ގިނައިން ނެދަލޭންޑްސް މީހުން އެކަން ކުރެ އެވެ. ކެރެޓް އޮރެންޖް ކުލައިގައި ހުންނަނީ ނެދަލޭންޑްސް މީހުންގެ ސަބަބުންނެވެ. ސްޕޭން އަތުން ނެދަލޭންޑްސް 17 ވަނަ ގަރުނުގައި މިނިވަންކުރި ރަސްގެފާނު ވިލިއަމް ތިނަކަށް އެކަމުގެ އުފަލުގައި އެ ގައުމުގެ ދަނޑުވެރިން މަރުހަބާކީ އޮރަޖެން ކުލައިގެ ކެރެޓުންނެވެ. އޮރެންޖެ ކުލަ އަކީ ނެދަލޭންޑްސް އާއި އެ ގައުމުގެ ޝާހީ އާއިލާގެ ރަސްމީ ކުލަ އެވެ. ރަސްގެފާނުގެ އުފަންދުވަހާއި ގައުމީ ދުވަހާއި ގައުމީ ޓީމުތަކުގެ ކުލަ އަކީ ވެސް އޮރެންޖެވެ. ނެދަލޭންޑްސްގެ ގައުމީ ސަލާމަކީ ދުނިޔޭގެ އެންމެ ދުވަސްވީ ގައުމީ ސަލާމެވެ.
ނެދަލޭންޑްސް ވޯލްޑް ކަޕަށް ކޮލިފައިވީ ޔޫރަޕުގެ ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި އެ މީހުން ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ އެވެ. ކިރިޔާ ވެސް ވާދަކޮށްލީ 4-0އިން ބަލިވި ޕޮލެންޑެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | NEDނެދަލޭންޑްސް | 3 | +6 | 7 |
| 02 | JPNޖަޕާން | 3 | +4 | 5 |
| 03 |
| 3 |
| 0 |
| 4 |
| 04 | TUNޓިއުނީޝިޔާ | 3 | -10 | 0 |
ނެދަލޭންޑްސްގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެ ގައުމުގައި 35000 ވުރެ ގިނަ ކުލަބުވެ އެވެ. ގައުމީ ޓީމު ޔޫރޯ ކާމިޔާބު ކުރި ނަމަވެސް ވޯލްޑް ކަޕް ލިބިފައިނުވެ އެވެ. ގިނަ ބައެއްގެ ނަޒަރުގައި ނެދަލޭންޑްސް އަކީ ވޯލްޑް ކަޕް ކާމިޔާބު ނުކުރެވި އޮތް އެންމެ މޮޅު ގައުމެވެ. މިހާތަނަށް ވަނީ ތިން ފަހަރު ފައިނަލް ކުޅެފަ އެވެ. އެންމެ ފަހުން ފައިނަލް ކުޅުނީ 2010 ވަނަ އަހަރު އެވެ. ދުނިޔެ ދެކެފައިވާ މަޝްހޫރު އެތައް ކުޅުންތެރިންނަށް އުފަންވީ ނެދަލޭންޑްސްއިންނެވެ. ހާއްސަ އެ ގައުމުގެ މަޝްހޫރު ކުޅުންތެރިޔާ އަދި ކޯޗު ޔޯހަން ކްރައިފްގެ ފިލޯސަފީ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި މިހާރު އެންމެ ހިނގާ ކަންކަމެވެ.
ނެދަލޭންޑްސްގައި މޮޅު ކުޅުންތެރިން ބައިވަރެވެ. ޓީމުގެ ކެޕްޓަނަކީ ލިވަޕޫލްގެ ކެޕްޓަން ވާޖިލް ވެންޑައިކެވެ. އޭނާ އަކީ އަބަދުވެސް ލީޑަރެކެވެ. ފަހަތުން ކުރިއަރައި ގޯލު ޖެހުމަށް ވެސް ކުޅަދާނަ ކުޅުންތެރިއެކެވެ. މެދުތެރެއިން ބާސެލޯނާގެ ފްރޭންކީ ޑިޔޮންގަކީ މިހާރު ޔޫރަޕުގައި ހުރި އެންމެ އިތުބާރު މިޑްފީލްޑަރެވެ. މެންޗެސްޓާ ސިޓީގެ ޓިއާނީ ރެއިންޑާސް އާއި ޔުވެންޓަސްގެ ޓެއުން ކޫޕްމެއިނާސް ތިބުމުން މެދުތެރެ އިތުރަށް ފުރިހަމަވާނެ އެވެ. ކުރިއަށް ބަލާއިރު ލިވަޕޫލްގެ ކޯޑީ ގަޕޯ އަކީ ބޮޑެތި މުބާރާތްތަކުގައި އަބަދުވެސް ފާހަގަ ކުރެވޭ ކުޅުންތެރިއެކެވެ. އެކަމަކު ނޭތަން އޭކް ފަދަ ކުޅުންތެރިންނަށް މި ސީޒަނުގައި ކުޅެން ލިބުނު ވަގުތު މަދުވުމަކީ ކޯޗުގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ލިވަޕޫލްގެ ގެރެމީ ފްރިމްޕޮންގާއި އިންޓަމިލާނުގެ ޑެންޒެލް ޑަމްފްރައިސް އާއި ރޯމާގެ ޑޮންޔެލް މަލެން އަކީ ވެސް ފާހަގަ ކޮށްލެވޭ ކުޅުންތެރިއެކެވެ. ބްރެޒިލްގެ ޕަލްމެއިރާސް އަށް ކުޅޭ މެމްފިސް ޑެޕޭ އަކީ ކޯޗުގެ ފެވަރިޓެކެވެ.
ނެދަލޭންޑްސް ޓީމުގައި ތަރިން ގިނަ އެވެ. ތަޖުރިބާ ވެސް އެބަހުއްޓެވެ. ކޯޗު ކޫމަން އަކީ ކޮންމެ މެޗަކަށް ވެސް އިދިކޮޅު ޓީމަށް ބަލައިގެން ހިސާބު ޖަހާ ކޯޗެކެވެ. މިހެންވެ އޭނާގެ ފުރަތަމަ 11 އަބަދުވެސް ބަދަލުވެ އެވެ. ޓީމުގައި ކިރިޔާ ވެސް ބަލި ފަޔަކަށް ފާހަގަ ކުރެވެނީ ގޯލް ކީޕަރުންނަށް ހެދޭ މިސްޓޭކްތަކެވެ. ޒަވީ ސިމޮންސް އަށް ވޯލްޑް ކަޕް ނުކުޅެވުމަކީ އެޓޭކިން މިޑްފީލްޑްގައި ޖަސްޓިން ކްލައިވެޓް ފަދަ ޒުވާން ކުޅުންތެރިންނަށް ހުޅުވުނު ދޮރެކެވެ. ނެދަލޭންޑްސް ކޮންމެ ފާޑަކަށް ކުޅުނަސް ގިނައިން ޓީމު މޮޅުކޮށްދެނީ ބެންޗުން އަރާ ކުޅުންތެރިންނެވެ. މިހެންވެ ކޫމަންގެ ހިސާބުތައް ގޯސް ނޫން ކަމަށް ބެލެވެން ފުރުސަތު އެބައޮތެވެ.
ކޯޗު: ރޮނަލްޑް ކޫމަން:
އުމުރު: 63
ގައުމު: ނެދަލޭންޑްސް
ރޮނަލްޑް ކޫމަން އަކީ ތަޖުރިބާކާރެކެވެ. މިއީ އޭނާ ގައުމީ ޓީމަށް ކޯޗުކޮށްދޭ ދެ ވަނަ ފަހެރެވެ. އުމުރުން 63 އަހަރުގެ ކޯޗަކީ ނެދަލޭންޑްސްގެ ގައުމީ ޓީމަށް 78 މެޗުން 14 ގޯލު ޖެހި ކުޅުންތެރިއެކެވެ. އޭނާ އެންމެ ފާހަގަ ކުރެވެނީ ބާސެލޯނާ އަށް އެންމެ ފުރަތަމަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ގޮތުގަ އެވެ. އަލުން ގައުމީ ޓީމާ ހަވާލުވުމަށްފަހު އޭނާ ވަނީ ޒުވާން ކުޅުންތެރިންނާއި ތަޖުރިބާކާރު ކުޅުންތެރިން ހިމަނައިގެން ކުރިއަށްވުރެ ފުރިހަމަ ޓީމެއް ބިނާކޮށްފަ އެވެ. އެކަމަކު މި ޓީމު ބޮޑު މުބާރާތެއްގައި ވާދަކުރާނީ ކޮން ފެންވަރެއްގައި ކަމާމެދު އޮތް ސުވާލަށް ނިމުން އަންނާނީ ފައިނަލްގައި ކުޅެގެންނެވެ.
ސްވިޑްން އަކީ ޔޫރަޕުގައި ވެސް ކުރިއަރަމުން އަންނަ ގަދަ ޓީމެއް. ޖަޕާނަކީ ވަރަށް ޑިސިޕްލިން ޓީމެއް. ވަރަސް ހިތްވަރު ގަދަ ޓީމެއް. އެފްރިކާގެ ގައުމުތައް މި ފަހުން ފުޓްބޯޅަ ބަދަލުކޮށްފި. އެހެންވީމާ ޓިއުނީޝިޔާ ވަރުގަދަ ވާނެ. މި ގްރޫޕުގައި އެއްވެސް މެޗެއް ފަސޭހަކޮށްގެން ފަރަކު ނުޖެހޭނެ. ބައެއް ގައުމުތައް ފަދައިން ކުޅުންތެރިންގެ މާބޮޑު ޕޫލެއް ނެތަސް އަހަރުމެންގެ އަމާޒަކީ މުބާރާތް ކާމިޔާބު ކުރުން.