
މޮރޮކޯ
މުހައްމަދު ވާބީ

މުހައްމަދު ވާބީ
އާބާދީ: 38 މިލިއަން މީހުން
ކިންގްޑަމް އޮފް މޮރޮކޯ އަކީ އިހުގައި ފްރާންސްގެ ބެލުމުގެ ދަށުގައި އޮތް ގައުމެކެވެ. ދުނިޔޭގެ އެންމެ ދުވަސްވީ ޔުނިވަރަސިޓީ ހުންނަނީ މި ގައުމުގަ އެވެ. މޮރޮކޯގެ ރަސްމީ ބަހަކީ އަރަބި އާއި ބާބާ ކަމުގައިވިޔަސް ރަސްމީ މުއާމަލާތްތަކުގައި ބޭނުން ކުރަނީ ފްރާންސް ބަހެވެ. މޮރޮކޯ މީހުން ބެހިފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެއީ ބާބާ އާއި އަރަބިންނެވެ. މީގެ ތެރެއިން 30 ޕަސެންޓް ހިއްސާކުރާ ބާބާ މީހުން މަޝްހޫރުވެފައިވަނީ ދޫކޮށްލެވިފައިވާ ބައެއްގެ ގޮތުގަ އެވެ. އާބާދީގެ 99 ޕަސެންޓް ސުންނީ މުސްލިމު ގައުމުގައި ފުޓްބޯޅަ އަކީ އެންމެ މަގުބޫލު ކުޅިވަރެވެ. މެހުމާނުންނަށް މޮރޮކޯއިން މަރުހަބާ ކިޔަނީ އާއްމުކޮށް މަޢުރިބް މިންޓް ސަޔަކުންނެވެ. މިއީ މިންޓް އުފެއްދުމުގައި މަޝްހޫރު ގައުމުގެ އެންމެ އާއްމު ބުއިން ވެސް މެ އެވެ. މޮރޮކޯގެ ސަހަރަކާތަކަކީ ޔޫރަޕަށް ހިޖުރަ ކުރުމުގައި ވަރަށް ގިނަ ބަޔަކު ބޭނުންކުރާ މަގަކަށްވާއިރު މޮރޮކޯ އަކީ އެހާމެ ގިނަ ބައެއްގެ ވަގުތީ މަންޒިލެއްވެސްމެ އެވެ. މެޑިޓެރޭނިއަން ކަނޑާއި އެޓްލާންޓިކް ކަނޑުގައި ދަމާލެވިފައިވާ ދިގު އައްސޭރި ފަށަކާއޮތް މޮރޮކޯ އަކީ އެފްރިކާގެ ފަސް ވަނަ އަށް އެންމެ ވަރުގަދަ އިގްތިސާދެވެ. އަހަރަކު 10 މިލިއަން މީހުން އެ ގައުމަށް ޒިޔާރަތްކުރެ އެވެ.
މޮރޮކޯ ކޮލިފައިވީ ފަސޭހަ ކަމާއެކުގަ އެވެ. އެފްރިކާ ބައްރުގެ ކޮލިފައިންގެ ގްރޫޕް އީގައި ބާކީ ދެ މެޗު އޮއްވަ އެވެ. އެ މީހުން ކޮލިފައިވި މެޗަކީ ރަބާތުގައި ނިގާ އަތުން 5-0އިން މޮޅުވި މެޗެވެ. މުބާރާތުގައި މޮރޮކޯ ހިމެނެނީ ބްރެޒިލާއި ހައިޓީ އާއި ސްކޮޓްލޭންޑް ހިމެނޭ ގްރޫޕުގަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BRAބްރެޒިލް | 3 | +6 | 7 |
| 02 | MARމޮރޮކޯ | 3 | +3 | 7 |
| 03 |
| 3 |
| -3 |
| 3 |
| 04 | HAIހައިޓީ | 3 | -6 | 0 |
މޮރޮކޯގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެ ގައުމުގެ 55 ޕަސެންޓް މީހުން ފުޓްބޯޅަ ކުޅެ އެވެ. މޮރޮކޯ ވަނީ މިހާތަނަށް ވޯލްޑް ކަޕުގައި ހަ ފަހަރު ކުޅެފަ އެވެ. މޮރޮކޯ އަކީ ވޯލްޑް ކަޕުގައި އެފްރިކާއިން ގްރޫޕެއްގެ އެއްވަނަ ހޯދި ފުރަތަމަ ގައުމެވެ. އަދި ދެ ވަނަ ބުރަށް ދަތުރުކުރި އެފްރިކާގެ ފުރަތަމަ ގައުމުވެސްމެ އެވެ. އެއީ 1986ގަ އެވެ. އެންމެ ފަހުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ދަތުރު ކުރުމުން މޮރޮކޯ ވެގެންދިޔައީ މުބާރާތުގެ އެ ހިސާބަށް ދަތުރުކުރި ހަމައެކަނި އަރަބި އަދި އެފްރިކާގެ ގައުމަށެވެ. މިއާއެކު އުއްމީދުތައް ވިލާތަކާ ހަމައަށް އުފުލުނު ނަމަވެސް 1976ގެ ފަހުން އެފްރިކާ ކަޕް ހޯދަން ކުރި މަސައްކަތުގައި އަމިއްލަ ގައުމުގައި މުބާރާތް ބާއްވައިގެން ވެސް އެ ތަށި ނުލިބުމުން މުޅި މޮރޮކޯ އަށް ވަނީ މާޔޫސްކަން ވެރިވެފަ އެވެ.
މޮރޮކޯގެ ގައުމީ ޓީމު ރަނގަޅު ނަތީޖާތަކެއް ނެރުނަސް އެ ގައުމުގެ ކުލަބު ތަކުގެ ވިދުން ގަދައެއްނޫނެވެ. މިކަން ބަދަލު ކުރަން މޮރޮކޯއިން ވަނީ ފާއިތުވެދިޔަ އަހަރުތަކުގައި ފުޓްބޯޅަ އަށް ވަރަށް ބޮޑަށް އިންވެސްޓްކޮށްފަ އެވެ. މި ގޮތުން ގައުމުގެ ގިނަ ކުޅުންތެރިން ވަނީ ޔޫރަޕުގައި ކުޅެން ފޮނުވަން ފަށައިފަ އެވެ. މޮރޮކޯގެ ގިނަ ކުޅުންތެރިން ކުޅެމުންދަނީ އިނގިރޭސިވިލާތާއި ސްޕޭނާއި ޖަރުމަނު އަދި ފްރާންސްގައި ކުޅެނީ މިހެންވެ އެވެ.
ޔޫސުފް އެން ނަސީރީ އަކީ ގައުމީ ޓީމަށް 85 މެޗު ކުޅެދީފައިވާ ޓީމުގެ އެންމެ އިސް އެއް ފޯވަޑެވެ. ތުރުކީގެ ފެނަބާޗޭ އަށް ކުޅޭ ކުޅުންތެރިޔާ އަކީ އެންމެ ފަހުގެ ދެ ވޯލްޑް ކަޕުގައި ވެސް ކުޅުނެވެ. ވޯލްޑް ކަޕުގެ ސެމީ އަށް މޮރޮކޯ ގެންދިއުމަށް ޕޯޗުގަލް ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާގެ މި ތަޖުރިބާގެ އިތުރަށް އޭނާ ވަނީ ސްޕޭނުގެ ސެވިއްޔާގައި ޔޫރޮޕާ ލީގު ކާމިޔާބު ކޮށްފަ އެވެ.
ޑިފެންޑަރު އަދި ކެޕްޓަން އަޝްރަފް ހަކީމީ އަކީ ޓީމުގެ އެންމެ އިތުބާރު ދިފާއީ ތަނބެވެ. އަދި ޔޫރަޕުގައި އެންމެ މަޝްހޫރު ކުޅުންތެރިޔާ އެވެ. ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ކަނާތު ބެކަކީ އިންޓަމިލާނާއި ރެއާލް މެޑްރިޑް ފަދަ ކުލަބުތަކަށް ކުޅުމުގެ ތަޖުރިބާ ލިބިފައިވާ ދުނިޔޭގެ ފެންވަރުގެ އިތުބާރު ކުޅުންތެރިއެކެވެ. ނަމަވެސް އޭނާގެ ދަނޑުބޭރުގެ މައްސަލަ ތަކަކީ ފަހަކަށް އައިސް ހަކީމީ އަށް ކުރީގެ މޮޅު ކުޅުން ނުދެއްކޭ ސަބަބެއް ކަމަށް ދެކޭ މީހުން ގިނަ އެވެ.
މޮރޮމޯގެ ފުރަތަމަ، ދެ ވަނަ އަދި ތިން ވަނަ ފޯމިއުލާ އަކީ ވެސް ޑިފެންސެވެ. އެންމެ ފަހުގެ އެފްރިކާ ކަޕުގައި އެމީހުން ކޮޅަށް އެންމެ ދެ ގޯލު ވަނީ ވެސް މިހެންވެ އެވެ. މީގެ ތެރެއިން އެއް ގޯލަކީ ޕެނަލްޓީއެކެވެ. އެންމެ ފަހުގެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ގެންގޮސްދިން ކޯޗު ވަލީދު ރެގްރާގީ މިދިޔަ މާޗު މަހު މަގާމުން އިސްތިއުފާ ދިނުމާ ހަމައަށް ގެންގުޅުނު މި އުސޫލަކީ ސަޕޯޓަރުންނަށް މާ ކަމުދާ ކަމެއް ނޫނެވެ. އެމީހުން ބޭނުންވަނީ ބޯޅައާއެކު މޮރޮކޯ ގިނަ ވަގުތު ކުޅޭށެވެ. ޑިފެންސްގެ އިތުރަށް މޮރޮކޯގެ އެޑްވާންޓޭޖަކީ ދެ އަރިމަތިން ކުޅޭ ފުލް ބެކުން ކައުންޓަ އެޓޭކްގައި ކުރިއަރައި ދޭ ހަމަލާތަކެވެ.
ކޯޗު: މުހައްމަދު ވާބީ
އުމުރު: 49
ގައުމު: ބެލްޖިއަމް
މޮރޮކޯގެ ކޯޗަކީ މުހައްމަދު ވާބީ އެވެ. ބެލްޖިއަމްގެ އުމުރުން 49 އަހަރުގެ މި ކޯޗު ޓީމާ ހަވާލުވީ ވޯލްޑް ކަޕް ސެމީ ފައިނަލަށާއި އެފްރިކާ ކަޕް ފައިނަލަށް ގެންގޮސްދިން ކޯޗު ވަލީދު ރެގްރާގީ އަށް މަގާމު ދޫކޮށްލަން މަޖުބޫރުވުމުންނެވެ. 2005 ވަނަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން އޭނާ ހުރީ މޮރޮކޯގެ 23 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށެވެ. މޮރޮކޯ އަކީ ސީނިއާ ލެވެލްގައި އޭނާ ކޯޗުކޮށްދޭ ފުރަތަމަ ޓީމެވެ. މީގެ ކުރިން މުޅިން ވެސް އޭނާ މަސައްކަތް ކުރީ ކުލަބުތަކުގެ ޔޫތު ޓީމުތަކުގަ އެވެ.
އެންމެ އުނދަގޫވާނީ ބްރެޒިލް. އަހަރުމެން މިވަނީ ތައްޔާރުވެފައި. މޮރޮކޯ އަށް ކުރެވޭނެ ހުރިހާ ގޮތަކަށް ވޯލްޑް ކަޕަށް ތައްޔާރުވާނެ. މޮރޮކޯގެ ފުޓްބޯޅަ ވަނީ ބަދަލުވެފައި. އެކަން އަހަރުމެން ޖެހޭ ސާބިތުކޮށްދޭން.