
ޖޯޑަން
ޖަމާލް ސެއްލާމީ

ޖަމާލް ސެއްލާމީ
އާބާދީ: 11 މިލިއަން މީހުން
ޖޯޑަން އަކީ އޭޝިޔާގެ ހުޅަނގަށްވާ ގޮތަށް އޮތް އަރަބި ގައުމެކެވެ. ކުރިއަރަމުން އަންނަ މެދުމިނުގެ އިގްތިސާދެއް އޮތް ބައެކެވެ. ދުނިޔޭގެ އެންމެ ގަދީމީ ގިނަ ތަންތަން ހުރި އެއް ގައުމަކީ ޖޯޑަން އެވެ. މީގެ ތެރެއިން ވެރިރަށް އައްމާން އަކީ ދުނިޔޭގެ އެންމެ ދުވަސްވީ އެއް ސިޓީ އެވެ. ދުނިޔޭގެ ބިމުގެ އެންމެ ތިރި ހިސާބު ވެސް ވަނީ ޖޯޑަންގަ އެވެ. އެއީ މަޝްހޫރު ރަތްކަނޑާ ގުޅިފައިވާ ހިސާބެވެ. ހުސްފައިގައި ހިނގާފައި ޖޯޑަން ވަށާ ބުރެއް ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ 40 ދުވަހުންނެވެ. ޖޯޑަންގެ އިގްތިސާދު މިހާރު ބިނާކުރަމުންދާ މައިގަނޑު އެއް ސިނާއަތަކީ ޓުވަރިޒަމެވެ. އެ ގައުމަށް ގާތްގަނޑަކަށް އަހަރަކު އަށް މިލިން މީހުން ޒިޔާރަތް ކުރެ އެވެ. ފަލަސްތީނާއި އަރަބި ގިނަ ގައުމުތަކުގެ ރެފިއުޖީންގެ މައި އެއް މަރުކަޒަކީ ވެސް ޖޯޑަން އެވެ. އެ ގައުމުގައި މިހާރު ވެސް ތިން މިލިއަނެއްހާ ރެފިއުޖީން އެބައުޅެ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ޖޯޑަން ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އެ ގައުމު މުބާރާތަށް ކޮލިފައިވީ އޭޝިޔާގެ ކޮލިފައިންގެ ދެ ވަނަ ބުރުގައި ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މަޝްހޫރު ސައޫދީ އަރަބިއާ ވެސް ދިޔައީ ޖޯޑަންގެ ފަހަތަށެވެ. އެކަމަކު އެއީ ޕޮއިންޓުން އެއްވަރުގެ ފައިދާ ތިން ގޯލެއްގެ ތަފާތުންނެވެ. ސައޫދީ އަރަބިއާ އާއި ތަޖިކިސްތާނާއި ޕާކިސްތާން ހިމެނުނު ގްރޫޕުގައި ކުޅުނު ހަ މެޗުން ހަތަރު މެޗު ޖޯޑަން ކާމިޔާބު ކުރި އެވެ. އަނެއް ދެ މެޗުގެ ތެރެއިން އެއް މެޗު އެއްވަރުގެ، އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ARGއާޖެންޓީނާ | 3 | +7 | 9 |
| 02 | AUTއޮސްޓްރިއާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | JORޖޯޑަން | 3 | -5 | 0 |
ޖޯޑަން މީހުންގެ މެދުގައި ވެސް އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. މި ޒަމާނުގެ ފުޓްބޯޅައިގެ ތެރެއަށް ޖޯޑަން ވަނީ އިނގިރޭސީންގެ ފުށުންނެވެ. ގައުމީ ޓީމެއް އެކުލަވާލައި ޖޯޑަންއިން އެންމެ ފުރަތަމަ މެޗެއް ކުޅުނީ 1953ގައި މިސުރުގަ އެވެ. ސީރިއާއާ ބައްދަލުކުރި އެ މެޗުން ޖޯޑަން ބަލިވީ 3-1އިންނެވެ. ޖޯޑަންގެ ފުޓްބޯޅައިގެ އެންމެ ބޮޑު މައްސަލައަކީ ފައިސާގެ ދަތިކަމެވެ. ކިރިޔާ ވެސް ގަދަ ލީގެއްގައި ހިފަހައްޓާލެވޭ ކުޅުންތެރިއެއްނަމަ ގައުމު ދޫކޮށްލަނީ ބޮޑު މުސާރަ ހޯދުމަށެވެ. ޖޯޑަން ލީގުގައި ކުޅޭ ގިނަ ކުޅުންތެރިން ފުޓްބޯޅަ ކުޅެނީ ހޮބީ އަކަށެވެ. އެ ގައުމުގެ ގިނަ ކުލަބުތައް ވަނީ ވަރަށް ބޮޑަށް ދަރާފަ އެވެ.
ޖޯޑަންގެ ގިނަ ކުޅުންތެރިން ކުޅެނީ އަމިއްލަ ގައުމުގަ އެވެ. އަލް ފައިސަލީ އާއި އަލް ހުސައިން އާއި އަލް ވަހްދާ އަކީ އެ ގައުމުގެ އެންމެ ވަރުގަދަ ކުލަބުތަކެވެ. ގޯލްކީޕަރު ޔަޒީދު އަބޫލައިލާ އަކީ ގައުމީ ޓީމަށް 74 މެޗު ކުޅެދީފައިވާ އަލް ހުސައިންގެ ކީޕަރެވެ. ޑިފެންޑަރު ޔަޒާން އަން އަރަބް ކުޅެނީ ދެކުނު ކޮރެޔާގެ އެފްސީ ސޯލް އަށެވެ. އަބްދުﷲ ނާސިބަކީ އިރާގުގެ އަލް އަލް ޒަވްރާގެ ކުޅުންތެރިއެކެވެ. މުހައްމަދު އަބުއަލްނާދީ ކުޅެނީ މެލޭޝިޔާގެ ސެލަންގޯ އަށެވެ. މެދުތެރެއިން މޮޅަށް ކުޅޭ ނޫރު އަލް ރަވާބްދާ އަކީ ވެސް ސެލަންގޯ އަށް ކުޅޭ ތަޖުރިބާކާރު ކުޅުންތެރިއެކެވެ އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 66 މެޗު ކުޅެދީފަ އެވެ.
ޓީމުގެ އެންމެ އިސް ފޯވަޑަކީ ކެޕްޓަން މޫސާ އަލް ތާމަރީ އެވެ. ގައުމީ ޓީމަށް 90 މެޗު ކުޅެ 24 ގޯލު ޖަހާފައިވާ ފޯވަޑަކީ ފްރާންސްގެ ރެނޭސްގެ ކުޅުންތެރިއެކެވެ. ސައުދީ އަރަބިއާގެ އަލް ޝަރާބަށް ކުޅޭ ޒުވާން ފޯވަޑް އަލީ އަޒައިޒާ އަކީ އަރަމުން އަންނަ ހުނަރުވެރިއެކެވެ.
ޖޯޑަން އޭޝިޔާގައި ވެސް ކުޅެނީ ވަރަށް ދިފާއީ ކުޅުމެކެވެ. މިހެންވެ ވޯލްޑް ކަޕުގައި މިކަން ބަދަލުވާނެ ކަމަށް ނުފެނެ އެވެ. ޓީމުގެ އެޓޭކްގައި ފުލްބެކުންގެ މާބޮޑު ދައުރެއް ނުފެނެ އެވެ. ޖޯޑަންގެ ކުރީގައި ތިބީ ހަލުވި ކުޅުންތެރިންނެވެ. ފަހަތުން ޖަހާ ދިގު ބޯޅައެއްގައި އެ މީހުންގެ ބޭނުން ކުރަން އުޅުނު މަންޒަރު ކޮލިފައިންގައި ވަނީ ވަރަށް ބޮޑަށް ފެނިގެން ގޮސްފަ އެވެ. އެކަމަކު ވޯލްޑް ކަޕް ގާތްވާއިރު ކޯޗަށް އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ގިނަ ކުޅުންތެރިންނަށް ހާނިއްކަވެފައިވުމެވެ.
ކޯޗު: ޖަމާލް ސެއްލާމީ
އުމުރު: 55
ގައުމު: ޖޯޑަން
ޖޯޑަންގެ ކޯޗަކީ އުމުރުން 55 އަހަރުގެ މޮރޮކޯ ރައްޔިތެކެވެ. ޖަމާލް ސެއްލާމީ އެވެ. އޭނާ އަކީ ކުރީގެ މިޑްފީލްޑަރެކެވެ. މޮރޮކޯގެ ގައުމީ ޓީމަށް 38 މެޗު ކުޅެ ދެ ގޯލު ޖެހި އެވެ. ކޯޗުކަން ކުރަން ފެށީ 2011 ވަނަ އަހަރު އެވެ. މޮރޮކޯގެ އޭ ޓީމު ގެންގުޅުނު ނަމަވެސް ޖޯޑަން އަކީ އޭނާ ކޯޗުކޮށްދޭ ފުރަތަމަ ސީނިއާ ގައުމީ ޓީމެވެ. މަގާމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. ހުސްވި އަހަރުގެ އަރަބް ކަޕްގެ ފައިނަލަށް ޓީމު ގެންގޮސްދިނުމާއި ވޯލްޑް ކަޕަށް ކޮލިފައިފައި ކޮށްދިނުމުގެ އުފަލުގައި ޖޯޑަންގެ ރަސްގެފާނު ވަނީ އޭނާ އަށް އެ ގައުމުގެ ރަށްވެހިކަން ދީފަ އެވެ.
މިއީ އަހަރުމެންގެ ފުރަތަމަ ވޯލްޑް ކަޕް. މިހެންވީމާ މިކަމާމެދު މުޅި ގައުމު ވެސް އުފާކުރާނެ. އަހަރުމެންނަށް މިފަދަ މުބާރާތްތަކަށް ދާއިރު ލިބޭ އުއްމީދަކީ މޮރޮކޯ ވެސް ވޯލްޑް ކަޕުގައި ރަނގަޅު ހިސާބަކަށް މީގެ ކުރިން ދަތުރު ކޮށްފައިވުން. އެއީ އަހަރުމެންނަށް ވެސް ގިނަ ދުވަހުން ނުކުރެވޭނެ ކަމެއް ނޫން. މި ފަހަރުގެ މުބާރާތަކީ އަހަރުމެން ކުރިއަށް ފިޔަވަޅުތަކެއް އަޅަން ޖެހޭ މުބާރާތެއް. މީގެ ކުރިން ވޯލްޑް ކަޕުގައި ހައިރާން ކުރުވަނިވި ނަތީޖާތައް ނެރެފައި އެބަހުރި. އަހަރުމެން މަސައްކަތް ކުރާނަން. ކާމިޔާބު ދެއްވާ ފަރާތަކީ ﷲ.