
އަލްޖީރިއާ
ވަލްޑަމީރް ޕެޓްކޮވިޗް

ވަލްޑަމީރް ޕެޓްކޮވިޗް
އާބާދީ: 48 މިލިއަން މީހުން
އަލްޖީރިއާ އަކީ އެފްރިކާގެ އެންމެ ބޮޑު ގައުމެވެ. މުސްލިމުންގެ ބޮޑު އާބާދީ އެއް އޮތް ގައުމުގެ މައިއެއް ސިނާއަތަކީ ގޭހާއި ތެލެވެ. ދުނިޔޭގެ ގުދުރަތީ ގޭސް ހަ ވަނަ އަށް އެންމެ ގިނައިން އެކްސްޕޯޓް ކުރާ ގައުމެވެ. ގައުމުގެ ރަސްމީ ބަހަކީ އަރަބި ބަހެވެ. އިހުގައި ފްރާންސްގެ މީހުން އެތަނަށް އަތްގަދަ ކޮށްގެން ތިބުމުން ފްރެންޗް ބަހުން ވާހަކަ ދައްކާ މީހުން ގިނަ އެވެ. ގާތްގަނޑަށް 132 އަހަރު ފަހުން ފްރާންސްގެ އަޅުވެތިކަމުން އަލްޖީރިއާ މިނިވަންވީ 1962ގަ އެވެ. ގައުމުގެ މިނިވަންކަމަށް ކުރި ހަނގުރާމައިގައި މިލިއަނަކަށްވުރެ ގިނަ މީހުން މަރުވި އެވެ. އެކަމަކު ފްރާންސުން ބުނަނީ މަރުވީ ހަތަރު ލައްކަ މީހުން ކަމަށެވެ. އަލްޖީރިއާގެ ގައުމީ ސަލާމަކީ ވެސް ފްރާންސާ ދެކޮޅަށް ކުރި ހަނގުރާމައާ ގުޅުވައިގެން ހަދާފައިވާ ޅެމެކެވެ. ގައުމުގެ ގިނަ މީހުންނަކީ މެދުމިނުގެ އާމްދަނީއެއްގައި ދިރިއުޅޭ ބައެކެވެ.
އަލްޖީރިއާ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ކޮލިފައިން ގްރޫޕް ޖީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބު ކުރި އެވެ. ދެ ވަނާގައި އޮޔް ޔުގެންޑާ އަށްވުރެ އަލްޖީރިއާ އޮތީ ހަތް ޕޮއިންޓް ކުރީގަ އެވެ.
އަލްޖީރިއާގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. ގައުމުގެ ފުޓްބޯޅައިގެ އޮނިގަނޑު ރާވާފައިވަނީ މައިގަނޑު ދެ ބަޔަކަށެވެ. އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަން އުފެއްދީ 1963ގަ އެވެ. އެހެން ނަމަވެސް އެ ގައުމުގެ ކުލަބުތަކަށް މިހާތަނަށް ހޯދުނު މާބޮޑު ކާމިޔާބީ އެއް ނެތެވެ. ގައުމުގައިވަނީ ރަސްމީ ފެންވަރުގެ މެޗުތައް ކުޅެވޭ އެންމެ ހަތް ދަނޑެވެ. އަލްޖީރިއާގެ އެންމެ ގިނަ ބަޔަކު ސަޕޯޓް ކުރަނީ އިނގިރޭސި ކުލަބު އާސެނަލް އަށެވެ. އަލްޖީރިއާ ވަނީ ފީފާ އަރަބް ކަޕުގެ ޗެމްޕިއަންކަން 2021 ވަނަ އަހަރު ހޯދައިފަ އެވެ. އަދި އަދި އެފްރިކާގެ ޗެމްޕިއަންކަން 1990 ވަނަ އަހަރާއި 2019ގައި ހޯދި އެވެ. މިއީ އެ މީހުން ވޯލްޑް ކަޕުގައި ކުޅޭ ފަސް ވަނަ ފަހަރެވެ. ވޯލްޑް ކަޕުގައި އެންމެ ދުރަށް ދެވޭނީ 2014 ވަނަ އަހަރު ދެ ވަނަ ބުރަށެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ARGއާޖެންޓީނާ | 3 | +7 | 9 |
| 02 | AUTއޮސްޓްރިއާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | JORޖޯޑަން | 3 | -5 | 0 |
އަލްޖީރިއާގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ ރިޔާދް މާރޭޒް އެވެ. އިނގިރޭސި ޕްރެމިއާ ލީގު އެތައް ފަހަރަކު މެންޗެސްޓާ ސިޓީގައި ހޯދި ކުޅުންތެރިޔާ ވަނީ އެފްރިކާ ކަޕުގައި ވެސް މުހިންމު ދައުރެއް އަދާ ކޮށްދީފަ އެވެ.
ގޯލްކީޕަރު ލޫކާ ޒިދާނަކީ ފްރާންސާއި ސްޕޭނުން ފުރުސަތު ގެއްލުމުން އަލްޖީރިއާ އިހްތިޔާރު ކުރި ކުޅުންތެރިއެކެވެ. އޭނާ އުޅެ ބޮޑުވީ ސްޕޭނުގަ އެވެ. ބައްޕަކީ އަލްޖީރިއާ ދެމަފިރިއަކަށް ލިބުނު ފްރާންސްގެ ކުރީގެ ކެޕްޓަން ޒައިނުއްދީން ޒިދާނެވެ. ލޫކާ ވަނީ ރެއާލް މެޑްރިޑުގައި ބައްޕަގެ އިރުޝާދުގެ ދަށުން މެޗުތަކެއް ވެސް ކުޅެފަ އެވެ.
ރަޔަން އައިޓް ނޫރީ އަކީ ވެސް ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ވާތްފަރާތު އަރިމަތިން އޭނާ ދައްކާ ކުޅުމުގެ ސަބަބުން ޔޫރަޕުގެ ގަދަ ކުލަބުތަކުގެ ލޮލުގައިވަނީ އަޅައިގެންފަ އެވެ.
އަލްޖީރިއާގެ އެންމެ ބޮޑު މައްސަލައަކީ ކުޅަދާނެ ގޯލްކީޕަރަކު ނެތުމެވެ. ވަރަށް ގިނަ ކީޕަރުން ޓެސްޓްކޮށްގެން ވެސް ގައުމީ ޓީމުގެ ގޯލުގައި ދެމެހެއްޓެނިވި ގޮތެއް ހުންނާނެ މީހަކު އަދިނުވެ އެވެ. ކިރިޔާ ވެސް އެކަން ކޮށްފާނެ ކަމަށް ހީކުރެވުނު ލޫކާ ޒިދާނަށް ވޯލްޑް ކަޕް ކައިރިވެފައިވަނިކޮށް ވަނީ ބޮޑު އަނިޔާއެއްވެފަ އެވެ. ޓީމުގެ އެޓޭކް ވަރުގަދަ އެވެ. އެކަމަކު ފުލްބެކުންގެ މައްސަލައަކީ ވެސް މިހާތަނަށް ހައްލު ނުކުރެވި އޮތް ކަމެކެވެ.
ކޯޗު: ވަލްޑަމީރު ޕެޓްކޮވިޗް
އުމުރު: 62
ގައުމު: ޔޫގޯސްލާވިޔާ
އަލްޖީރިއާގެ ކޯޗަކީ ވަލްޑަމީރު ޕެޓްކޮވިޗެވެ. އޭނާ އެންމެ ފާހަގަ ކުރެވުނީ ސްވިޒަލޭންޑް ގޮވައިގެން ޔޫރޯގެ ކުއާޓާ ފައިނަލަށް އަދި ވޯލްޑް ކަޕް 2018ގެ ދެ ވަނަ ބުރަށް ދަތުރު ކުރި ކޯޗުގެ ގޮތުގަ އެވެ. އުމުރުން 62 އަހަރުގެ ކޯޗު އަލްޖީރިއާ ހަވާލުވީ 2014 ވަނަ އަހަރު އެވެ. އޭނާ ވަނީ އިޓަލީގެ ލާޒިއޯ އަށް އިޓާލިއަން ކަޕް ވެސް ހޯދައިދީފަ އެވެ.
ވޯލްޑް ކަޕުގެ ފޯމެޓް މިހާރު އޮތް ގޮތުން ގަދަ 16 އަށް ދެވުމަކީ ފަސޭހަ ކަމެއް ނޫން. ސަބަބަކީ ޓީމުތައް ގިނަވެ، ކުޅެންޖެހޭ މެޗުތައް ގިނަވުން. ދެން މި ގްރޫޕް ފަސޭހަ ނުވާނެ. އާޖެންޓީނާ އަކީ ފެވަރިޓް. އަހަރުމެން ފުރަތަމަ މެޗުގައި އެ މީހުންނާ ދެކޮޅަށް ކުޅެން ޖެހުމަކީ ވަރަށް ވިސްނަން ޖެހޭ ކަމެއް. އަހަރެން ދެކޭ ގޮތުގައި ގްރޫޕުގެ އަނެއް ތިން ޓީމަށް ވެސް އޮތީ ހަމަހަމަ ފުރުސަތެއް. ވިސްނުންތެރިކަމާއެކު ގޯސް ނުހަދާ ބަޔަކު ދެ ވަނަ ބުރަށް ދިއުން ގާތީ.