
އާޖެންޓީނާ
ލަޔޮނަލް ސްކަލޯނީ

ލަޔޮނަލް ސްކަލޯނީ
އާބާދީ: 46 މިލިއަން މީހުން
ފުޓްބޯޅައިގެ ރަންމާޒީއެއް ވެރި އާޖެންޓީނާ އަށް ފުޓްބޯޅައިގެ ހުނަރުތައް ލިބުނީ ސްޕޭނާއި އިޓަލީ މީހުންގެ ފަރާތުންނެވެ. ނަމަވެސް އެއީ އެމީހުންގެ މާޒީ އެވެ. ސައިޒުގެ ގޮތުންނާއި އާބާދީގެ ގޮތުން ދެކުނު އެމެރިކާގައި ދެ ވަނަ އަށް އެންމެ ބޮޑު ގައުމުގެ ރަސްމީ ބަހަކީ ސްޕެނިޝް ބަހެވެ. އާޖެންޓީނާގެ މި ނަމަކީ ވެސް އެމީހުން ދިން ނަމެކެވެ. އެއި އެ ގައުމަށް ރިއްސާއި މައިން ނަގަން ދިޔަ ސްޕޭން ބަޔަކު ކިޔާ އުޅުނު އާޖެންޓަމް ނަމާ ގުޅުވައިގެންނެވެ. މިކަމާހުރެ އާޖެންޓީނާ މަޝްހޫރުވީ ރިހީގެ މަރުކަޒުގެ ގޮތުގަ އެވެ. ސްޕޭނުގެ މިހާބޮޑު ނުފޫޒެއް ވެރިވެފައިވިޔަސް އާޖެންޓީނާގެ ކެއުމުގެ މުހިންމު ބާވަތްތައް އަސްލު ގުޅިފައިވަނީ އިޓަލީ އާއި ޖަޕާން މީހުންނާ އެވެ. އާޖެންޓީނާގެ ބޮއެނަސް އައިރިސް އަކީ ދެކުނު އެމެރިކާގެ ޕެރިހެވެ. ގައުމުގެ 98 ޕަސެންޓް މީހުންނަށް ލިޔަންކިޔަން އެނގެ އެވެ.
އާޖެންޓީނާ ވޯލްޑް ކަޕަށް ކޮލިފައިވީ އެންމެ ފަހުގެ ޗެމްޕިއަނުންގެ ހައިސިއްޔަތުންނެއް ނޫނެވެ. ޗެމްޕިއަން ޓީމު ވެސް ކޮލިފައިވާން ޖެހޭތީވެ ދެކުނު އެމެރިކާގެ ކޮލިފައިންގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކޮލިފައިންގައި ފަސޭހަ ރާސްތާއެއް ލިބުނު ނަމަވެސް ދެ މެޗަކުން އާޖެންޓީނާ ބަލިވި އެވެ.
އާޖެންޓީނާ އަށް ފުޓްބޯލަ ތައާރަފް ކޮށްދިނީ އިނގިރޭސިންނެވެ. ފުޓްބޯޅަ އަކީ ގައުމީ ކުޅިވަރަށް ނުވި ނަމަވެސް އެންމެ މަގުބޫލު ކުޅިވަރެވެ. އާއްމުކޮށް 90 ޕަސެންޓް މީހުން ކުޅިވަރުގައި ޝާމިލްވެ އުޅެ އެވެ. އެ ގައުމުގެ ލީގަކީ ފަސް ވަނަ އަށް ފީފާއިން ރަސްމީކޮށް ބަލައިގަތް ލީގެވެ. މިއަދު އެއީ ފުޓްބޯޅައިގެ ބޮޑު ބާރެކެވެ. އެމީހުން ވަނީ ފާއިތުވެދިޔަ 56 އަހަރުގެ ތެރޭގައި ވޯލްޑް ކަޕުގެ ފައިނަލްގައި ފަސް ފަހަރު ކުޅެ ތިން ފަހަރު ތަށި ހޯދައިފަ އެވެ. އެއީ 1978 އާއި 1986 އާއި 2022ގަ އެވެ. މަޝްހޫރު ޑިއެގޯ މަރަޑޯނާ އާއި ލަޔޮނަލް މެސީ އަކީ އާޖެންޓީނާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ޝަހުސިއްޔަތެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ARGއާޖެންޓީނާ | 3 | +7 | 9 |
| 02 | AUTއޮސްޓްރިއާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | JORޖޯޑަން | 3 | -5 | 0 |
އާޖެންޓީނާ އަކީ ތަރިންގެ ޓީމެކެވެ. ގޯލްކީޕަރު އެމެލިއާނޯ މާޓިނޭޒަކީ 86އަށް ފަހު މޮޅު ކީޕަރަކު ނެތިގެން އާޖެންޓީނާ އަށް ވެރިވި މާޔޫސްކަން ފިލުވައިދިން ކީޕަރެވެ. އެންމެ ފަހުގެ ވޯލްޑް ކަޕާއި ކޮޕާއި އެމެރިކާގެ ވެސް އެންމެ މޮޅު ކީޕަރެކެވެ. މެދުތެރެއިން އެންޒޯ ފެނާންޑޭޒް އާއި އެލެކްސިސް މެކްއަލިސްޓާ އަކީ އިދިކޮޅު ޓީމުތައް ރޫޅައި އަމިއްލަ ބާރުގެ ދަށަށް މެޗު ގެންދެވޭހާ ގާބިލް ދެ ކުޅުންތެރިންނެވެ. ކުރިއަށް ބަލާއިރު ލައުޓާރޯ މާޓިނޭޒާއި ހޫލިއަން އަލްވާޒް އަދިވެސް ތިބީ އެންމެ ފަހުގެ ވޯލްޑް ނެގި ފޯމުގަ އެވެ. ކުރިއަށްވުރެ މިހާރު އެ މީހުންގެ ތަޖުރިބާ ގިނަ އެވެ. ޓީމުގެ ކެޕްޓަން އަދި އެންމެ އަލިގަދަ ތަރިއަކީ ލަޔޮނަލް މެސީ އެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ރެކޯޑް އަދަދަކަށް ހޯދާފައިވާ މެސީ އަކީ އެންމެ ފަހުގެ ވޯލްޑް ކަޕާއި 2014 ވަނަ އަހަރު ވެސް މޮޅު ކުޅުންތެރިޔާ އެވެ.
މީގެ ހަތަރު އަހަރާ އަޅާ ބަލައިރު އާޖެންޓީނާ ޓީމާމެދު ތަޖުރިބާކާރުންގެ ވިސްނުން ހުރީ މައްސުނި ގޮތަކަށެވެ. އުމުރުން 40އާ ގާތް ކުރިޔަސް ލަޔޮނަލް މެސީ އަދިވެސް އެމެރިކާ ލީގުގެ ޑިފެންޑަރުން ހާރުވާލަ އެވެ. އެކަމަކު މިހާރު ހަލުވި އެންޖެލް ޑިމާރިއާ ނެތެވެ. މިބައި ފޫބައްދުމަށާއި މެސީ ނެތި ކުޅެން ޖެހިއްޖެނަމަ އެކަމަށް ތައްޔާރުވާން ސްކަލޯނީ ވަރަށް ގިނަ ގޮތްތަކަށް ފަރިތަކޮށްފަ އެވެ. އާޖެންޓީނާގެ މެދަކީ މަދު ގައުމަކުން ނުފެންނާނެހާ ވަރުގަދަ މިޑްފީލްޑެކެވެ. ފަހަތާއި ކީޕަރުގެ އިތުބާރު ވެސް ބޮޑެވެ.
ކޯޗު: ލަޔޮނަލް ސްކަލޯނީ
އުމުރު: 47
ގައުމު: އާޖެންޓީނާ
ކޯޗު ލަޔޮނަލް ސްކަލޯނީގެ ކުރިމަތީގައި އޮތީ ބޮޑު ޓާސްކެކެވެ. ވޯލްޑް ކަޕް ދިފާއު ކުރާ ފުރަތަމަ ކޯޗަށް ވުމެވެ. އޭނާގެ ކިބާގައި އެ ހިތްވަރާއި ފަންވަރާއި ވިސްނުންތެރިންކަން ހުރި އާޖެންޓީނާގެ ޓީމަކީ އަދިވެސް ދުނިޔޭގެ އެއްވަނަ އެވެ. އުމުރުން މިހާރު 47 އަހަރުގެ ކޯޗަކީ ކުރީގެ މިޑްފީލްޑަރެކެވެ. އޭނާ ވަނީ އާޖެންޓީނާގެ ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފަ އެވެ. އޭނާގެ ކޯޗިން ކެރިއަރުގައި މިހާތަނަށް ކޯޗުކޮށްދިނީ އާޖެންޓީނާ އަށް އެކަންޏެވެ. 20 އަހަރުން ދަށުގެ ޓީމާއި ސީނިއާ ޓީމަށެވެ. އެކަމަކު ފީފާ އަށް ވެސް ހަނދާން ނެތުނު ކަމަކީ އޭނާ އަކީ ވޯލްޑް ކަޕް ކާމިޔާބު ކޮށްފައިވާ ކޯޗެއް ކަމެވެ. މުބާރާތް ކާމިޔާބު ކޮށްފައިވާ ކުޅުންތެރިންނާއި އޮފިޝަލުންނަށް އަސްލު ތަށީގައި އަތްލުމުގެ ހުއްދަ އޮތަސް ވޯލްޑް ކަޕް ގުރު ނެގުމުގެ ރަސްމިއްޔާތުގައި ސްކަލޯނީ ތަށި ހިފައިގެން ދާން ޖެހުނީ އަންގި ލައްވައިގެންނެވެ. އެކަމަކު ފަހުން މިކަން އެނގުމުން ފީފާއިން މައާފަށް އެދުނެވެ.
އެއްވެސް ޓީމަކީ ފަސޭހަ ޓީމެއް ނޫން. މި ގްރޫޕް އުނދަގޫވާނެ. ވޯލްޑް ކަޕް ދިފާއު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. ގާތްގަނޑަކަށް 10 ޓީމު ވަރު މުބާރާތުގެ ތައްޓަށް ވާދަ ކުރާނެ. ވޯލްޑް ކަޕް ދިފާއު ކުރުން އުނދަގޫވަނީ މިހެންވެ. އަހަރުމެންގެ އަމާޒަކީ އެންމެ ފަހުގެ ވޯލްޑް ކަޕް ކާމިޔާބު ކުރި ފަދައިން އެކަން ކުރަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރުން.