
އޮސްޓްރިއާ
ރަލްފް ރަގްނިކް

ރަލްފް ރަގްނިކް
އާބާދީ: 9 މިލިއަން މީހުން
އޮސްޓްރިއާ އަކީ ޔޫރަޕުގެ އެންމެ ރީތި އެއް ގައުމެވެ. ގަދީމީ ވަށްޓަފާޅި އާއި ޒަމާނީ ކުލަވަރުތަކުން ވިއޭނާ ވަނީ ފުރާލައިފަ އެވެ. އެ ގައުމުގެ ސްކޯންބްރަން ޒުލަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ ޒުލެވެ. އަދި އެންމެ ދުވަސްވީ ރެސްޓޯރަންޓް ހުންނަވީ ވެސް އޮސްޓްރިއާގަ އެވެ. ދުނިޔޭގެ އެންމެ ދިގު ވޯޓަފޯލް އޮތީ ވެސް މި ގައުމުގަ އެވެ. އަދި ޔޫރަޕުގެ ދެ ވަނަ އަށް އެންމެ ދިގު ކޯރު ކަމަށްވާ ޑަނޫބޭ ދެމިގެންވަނީ ވަނީ އޮސްޓްރިއާ ތެރެއިންނެވެ. ދުނިޔޭގެ ދެ ވަނަ އަށް އެންމެ ދުވަސްވީ ދިދަ އަކީ ވެސް އޮސްޓްރިއާގެ ދިދަ އެވެ. 1191ގައި އުފެއްދި މި ދިދައިން ރަމްޒުކޮށްދެނީ ހަމަޖެހުމެވެ. ގައުމީ ލައިބްރަރީގައި 12 މިލިއަނަށްވުރެ ގިނަ އައިޓަމްވެ އެވެ. ހޮލީވުޑް ކުރީގެ އެކްޓަރު އާނޮލްޑް ޝްވާޒެނެގާ އަކީ އޮސްޓްރިއާ މީހެކެވެ. ގައުމުގެ ރަސްމީ ބަހަކީ ޖަރުމަނު ބަހެވެ.
އޮސްޓްރިއާ ކޮލިފައިވީ ޔޫރަޕުގެ ކޮލިފައިން ގްރޫޕް އެޗްގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ހަ މެޗުން މޮޅުވި އެވެ. އެއް މެޗު އެއްވަރުގެ ގްރޫޕުގެ ކުރި ލިބުނީ ބޮސްނިއާ އަށް ވުރެ ދެ ޕޮއިންޓް އިތުރު ވެގެންނެވެ. 22 ގޯލު ޖަހައި ފައިދާ ގޯލު 18 އަށް އެރުވި އެވެ.
އޮސްޓްރިއާ މީހުން އެންމެ ފުރަތަމަ ފުޓްބޯޅަ މެޗެއް ކުޅުނީ މީގެ 122 އަހަރު ކުރިންނެވެ. ފުޓްބޯޅަ އަކީ އެ ގައުމުގައި އެންމެ މަގުބޫލު ކުޅިވަރެވެ. ގައުމުގެ ގިނަ ކުޅުންތެރިން ކުޅެނީ ސްޕޭނާއި އިނގިރޭސިވިލާތާއި ހާއްސަކޮށް ޖަރުމަނު ލީގުގަ އެވެ. މިއީ ވޯލްޑް ކަޕުގައި އެ މީހުން ކުޅޭ އަށް ވަނަ ފަހަރެވެ. އެންމެ ފަހުން ވޯލްޑް ކަޕް ކުޅުނީ 1998ގަ އެވެ. ވޯލްޑް ކަޕުގައި މިހާތަނަށް ހޯދުނު އެންމެ ބޮޑު ކާމިޔާބީ އަކީ 1954 ވަނަ އަހަރު ތިން ވަނަ ހޯދުމެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ARGއާޖެންޓީނާ | 3 | +7 | 9 |
| 02 | AUTއޮސްޓްރިއާ | 3 | 0 | 4 |
| 03 |
| 3 |
| -2 |
| 4 |
| 04 | JORޖޯޑަން | 3 | -5 | 0 |
އޮސްޓްރިއާގެ އެންމެ ވަރުގަދަ ކުޅުންތެރިއަކީ ޓީމުގެ ކެޕްޓަން ޑޭވިޑް އަލަބާ އެވެ. ކުލަބު ފުޓްބޯޅައިގައި އޭނާގެ ވިދުން ގަދަ އެވެ. ޖުމުލަ 30 ތަށި ހޯދާފައިވާއިރު ޖަރުމަނުގެ ބަޔާން މިއުނިކާއި ސްޕޭނުގެ ރެއާލް މެޑްރިޑުގައި އޭނާ ދެއްކި ކުޅުން މޮޅެވެ. އޭނާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 111 މެޗު ކުޅެދީފަ އެވެ.
މާސެލޯ ސަބިޓްޒާ އަކީ ވެސް ތަޖުރިބާކާރު ކުޅުންތެރިއެކެވެ. ޖަރުމަނުގެ ލައިޕްޒިގަށް ކުޅޭ ކުޅުންތެރިޔާ ވަނީ ބަޔާން މިއުނިކާއި ބޮރޫޝިޔާ ޑޯޓްމުންޑާއި މެންޗެސްޓާ ޔުނައިޓެޑަށް ވެސް ކުޅެފަ އެވެ. އޭނާ އަކީ މެދުތެރެއިން އެޓޭކިންގައި ބައިވެރިވާ ތަޖުރިބާކާރެކެވެ. ހާއްސަށް ކުލަބު ލެވެލްގައި އޭނާ ހޯދާފައިވާ ތަޖުރިބާ ގައުމީ ޓީމަށް ފައިދާ ހުރި ގޮތެއްގައި ބޭނުން ކުރެވިއްޖެނަމަ އޮސްޓްރިއާގެ ކުޅުން ފުރިހަމަވާނެ އެވެ.
ކޮންރަޑް ލައިމާ އަކީ ވެސް އަކީ މެދުތެރެއިން ބޯޅަ ހޯދައި ޕާސިން ރަނގަޅު ކުޅުންތެރިއެކެވެ. ޔޫރޮޕާ ލީގުގެ އޯލް ސްޓާ ޓީމުގައި 2022 ވަނަ އަހަރު އޭނާ ހިމެނުނެވެ. މީގެ އިތުރުން އުމުރުން 36 އަހަރުވެފައިވިޔަސް އޮސްޓްރިއާ އަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ ޝަރަފު އޮތީ މާކޯ އާނައުޓޮވިޗަށެވެ. ކުލަބު ލެވެލްގައި ޖަރުމަނާއި އިޓަލީ އާއި އިނގިރޭސި ކުލަބުތަކުގައި އަދި ގައުމީ ޓީމުގައި 18 އަހަރު ހޭދަކޮށްގެން އޭނާ ހޯދި ތަޖުރިބާ އަކީ ބޭކާރު އެއްޗެއްނޫން ކަން މި ފަހަރުގެ ވޯލްޑް ކަޕުގައި ދައްކައިދޭން ޖެހެ އެވެ.
ޓީމުގެ އެންމެ ބޮޑު އެއް މައްސަލައަކީ ކީޕަރު އެލެގްޒެންޑާ ޝްލާޖާގެ ޕާސްތައް ބަރާބަރު ނުވުމެވެ. ނަމަވެސް ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ވަރަށް މަސައްކަތުގެ ރޭޓް ރަނގަޅު ކުޅުންތެރިންނެވެ. ބުރަކޮށް މަސައްކަތް ކުރާ ޑިފެންސް ލައިނަކާއި މިޑްފީލްޑް ލައިނެއް އޮތުމުން ކޯޗު ރަގްނިކް ޑިފެންސް ފަށަނީ ފޯވަޑުންނާ ހަމައިންނެވެ. ޓީމުގެ ކޮންމެ ކުޅުންތެރިއަކީ ވެސް ފަހަތަށް އައިސް ބޯޅަ ހޯދައި ޑިފެންސްގައި ބައިވެރިވާ ކުޅުންތެރިންނެވެ.
ކޯޗު: ރަލްފް ރަންގްނިކް
އުމުރު: 67
ގައުމު: ޖަރުމަނު
މެންޗެސްޓާ ޔުނައިޓެޑްގައި އުނދަގޫ ދުވަސްތަކެއް ހޭދަކުރުމުން އިނގިރޭސި ވިލާތުގައި އޭނާގެ ވާހަކަ ދެކެވެނީ ކަމެއްނުވި މީހެއްގެ ގޮތުގަ އެވެ. އެކަމަކު އޭނާ ގަބޫލުކުރާ ވާޓިކަލް ފުޓްބޯޅަ އޮސްޓްރިޔާގައި ވަނީ ކާމިޔާބުކަމާއެކު ކުރިއަށް ގެންދަން ފަށައިފަ އެވެ. ހުނަރުވެރި ކުޅުންތެރިން އޮސްޓްރިއާގައި ގިނަވެ، ލީގުގެ މެޗުތައް ބަލަން ވަންނަ މީހުންގެ އަދަދު ގިނަވެ، ފުޓްބޯޅައި ފޯރި ވައިގައި ހިފީ އޭނާގެ މަސައްކަތުންނެވެ. އެތައް ކޯޗުންނަކާ ގައުމީ ޓީމު ހަވާލުކުރުމަށް ފަހު ނުކުރެވުނު ކަންތައް ކުރި މީހަކަށްވީ ރަންގްނިކެވެ. އޭނާ ޓީމާ ހަވާލުވީ 2022ގަ އެވެ. އޭނާ ވަނީ އެޓޭކިން ފުޓްބޯޅައެއް ކުޅުވަން ފަށައި މުޅި އޮސްޓްރިއާގައި ފުޓްބޯޅަ ވައިގައި ހިއްޕާލުމުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. ރެޑްބުލް ސިސްޓަމްގެ ތެރޭގައި ތިބި އެތައް ކުޅުންތެރިންނަކާ ވާހަކަ ދައްކައި އޭނާ ވަނީ ޓީމުގެ ރޫހު ރަނގަޅުކޮށްފަ އެވެ.
އަހަރެން ދެކޭ ގޮތުގައި މި ގްރޫޕުގައި އަހަރުމެންނަށް އޮތީ މުޅިން ވެސް އެޑްވާންޓޭޖް. ދެތިން އަހަރު ވަންދެން އަހަރުމެން އެބަޔަކާއެކު ކުޅެފައިނުވާ ޓީމުތަކާ ކުޅެން ޖެހުމަކީ ރަނގަޅެއް. އަދި މި ގްރޫޕުގައި ޔޫރަޕުގެ ޓީމެއް ނެތުމަކީ ވެސް އަހަރުމެންނަށް އެޑްވާންޓޭޖެއް. އަހަރުމެންގެ ކޮންމެ ކުޅުންތެރިއަކީ ވެސް ވަރަށް ޓީމު ވަންތަ ބައެއް. މިހެންވެ ގްރޫޕް ފަހަނައަޅައި ދިއުމުގެ ގާބިލްކަން އެބަހުރި. އެކަމަކު އެއްވެސް މެޗެއް ފަސޭހަކޮށްލައިގެން ނުވާނެ.