
ގާނާ
ކާލޮސް ކީރޯޒް

ކާލޮސް ކީރޯޒް
އާބާދީ: 35 މިލިއަން މީހުން
އެފްރިކާގެ ހުޅަނގުގައި އޮތް ގާނާގެ ދުރު ރާސްތާ ޕްލޭނަކީ 2030 ވަނަ އަހަރު އެއީ ތަރައްގީ ވެފައިވާ ގައުމަކަށްވުމެވެ. އަހަރަކު 1.1 މިލިއަން މީހުން ޒިޔާރަތް ކުރާ ގައުމަށް ދެ މިލިއަން މީހުން ގެންދިއުމެވެ. ގައުމުގެ ރަސްމީ ބަހަކީ އިނގިރޭސި އެވެ. ދުވާލުގެ ކޮންމެވެސް ވަގުތެއްގައި މިއުޒިކް ކުޅެ ޑާންސް ކުރުމަކީ ޒަމާންވީ އާދަކާދައެކެވެ. އިހުގައި އަރަބިންގެ މެދުގައި ގާނާ މަޝްހޫރުވެފައި އޮތީ ރަނުގެ ހަޒާނާގެ ގޮތުގަ އެވެ. ގައުމުގެ ބޮޑު ބަޔަކީ ދަނޑުވެރި ހިސާބުތަކެވެ. ވިޔަފާރގެ އެންމެ ބޮޑު ބައިވެރިންނަކީ އިންޑިޔާ އާއި ޔޫއޭއީ އާއި އެމެރިކާ އާއި ޗައިނާ އާއި ސްވިޒަލޭންޑެވެ.
ވޯލްޑް ކަޕަށް ގާނާ ކޮލިފައިވީ އެފްރިކާގެ ގްރޫޕް އައިގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. މަޑަގަސްކަރަ އާއި މާލީ އާއި ކޮމޯރޯސް އާއި ސެންޓްރަލް އެފްރިކަން ރިޕަބްލިކް އާއި ޗާޑް ހިމެނުނު ގްރޫޕުގައި ގާނާ ކުރި ހޯދީ ހަ ޕޮއިންޓްގެ ލީޑަކާ އެކުގަ އެވެ. ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވީ ވެސް އަދި އެއްވަރުވީ ވެސް އެންމެ މެޗަކުންނެވެ. 23 ގޯލު ޖަހައި ބައިކޮޅަށް ވަނީ އެންމެ ހަ ގޯލެވެ.
ގާނާގެ އެންމެ މަގްބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. 1957 ވަނަ އަހަރުން ފެށިގެން ރަސްމީ ފުޓްބޯޅައިގެ ތެރެ އަށް ވަން ގާނާގެ އާބާދީގެ 55 އިންސައްތަ ފުޓްބޯޅައިގައި ކޮންމެވެސް ގޮތަކުން ޝާމިލްވެ އެވެ. ބެލެކް ސްޓާސްގެ ނަމުން ގާނާގެ ފިރިހެން ޓީމު މަޝްހޫރުވެފައިވާއިރު އަންހެން ޓީމު މަޝްހޫރުވެފައިވަނީ ބްލެކް ކުއީންސް ނަމުންނެވެ. ގާނާގައި ދެ ޖިންސުގެ މެދުގައި ވެސް ޕްރެމިއާ ލީގު ކުޅެ އެވެ. ގާނާ އަށް ފުޓްބޯޅަ ތައާރަފް ކޮށްދިނީ އެ ގައުމަށް ރަން ހޮވަން ގޮސްތިބި ޔޫރަޕް މީހުންނެވެ. މީގެ ސަބަބުން އިނގިރޭސިންގެ ނުފޫޒު ގާނާގެ ފުޓްބޯޅައިގައި ގަދަ އެވެ. އެ މީހުންގެ މެދުގައި އެންމެ މަޝްހޫރު ލީގަކީ ވެސް އިނގިރެސި ޕްރެމިއާ ލީގެކެވެ. އެންމެ ގިނަ މީހުން ސަޕޯޓް ކުރަނީ މެންޗެސްޓާ ޔުނައިޓެޑާއި އާސެނަލް އަށެވެ.
އެފްރިކާގެ ފުޓްބޯޅައިގައި އެ މީހުންނަކީ ގަދަ ބާރަކެވެ. މިހާތަނަށް ހަތަރު ފަހަރު އެފްރިކާގެ ޗެމްޕިއަންކަން ވަނީ ހޯދައިފަ އެވެ. ގައުމުގެ މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި އަބޭދީ ޕެލޭ އާއި މައިކަލް އެސިއެން ހިމެނެ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ENGއިންގްލޭންޑް | 3 | +4 | 7 |
| 02 | CROކްރޮއޭޝިޔާ | 3 | 0 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | PANޕެނަމާ | 3 | -4 | 0 |
ވޯލްޑް ކަޕަށް ގާނާ ކޮލިފައި ކޮށްދިން ގޯލު ކޮމޯރޯސް ކޮޅަށް ޖެހި ޓޮޓެންހަމުގެ މުހައްމަދު ކުޑޫސް އަނިޔާގެ ސަބަބުން ޓީމާ ވަކިވިޔަސް ޓީމުގެ ކުރި ބައްޔެއް ނުވާނެ އެވެ.
ޓީމުގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކީ ކެޕްޓަން ޖޯޑަން އަޔޫ އެވެ. އުމުރުން 34 އަހަރުގެ ކުޅުންތެރިޔާ ވަނީ ގައުމީ ޓީމަށް މިހާތަނަށް 117 މެޗު ކުޅެދީފަ އެވެ. ކެރިއަރުގެ ފަހުކޮޅު ވޯލްޑް ކަޕުގައި ކުޑަމިނުން ކުއާޓާ ފައިނަލަށް ދަތުރު ކުރުމަކީ އޭނާގެ އަމާޒެކެވެ.
މެންޗެސްޓާ ސިޓީގެ އެންޓޮއިން ސަމެންޔޯ އަކީ އަރިމަތިން ނުރައްކާތެރި އެހާމެ ހަލުވި އަދި ގޯލާ ރައްޓެހި ކުޅުންތެރިއެކެވެ. މީގެ އިތުރުން މެދުން ތޯމަސް ޕާޓޭގެ ތަޖުރިބާ އަކީ ޓީމަށް އަދިވެސް މުހިންމު އެއްޗެކެވެ. ފަހަތުގައި ލީޑް ކުރަނީ މުހައްމަދު ސަލީސޫ އެވެ. އޭނާއާއެކު ތޯރިގް ލަމްޓޭ އަކީ ވެސް ޓީމުގައި ނަގާކިޔާނެ ކުޅުންތެރިއެކެވެ. މީގެ އިތުރުން އެތްލެޓިކް ބިލްބާއޯގެ އިނާކީ ވިލިއަމްސް އަކީ ވެސް ބަދަލު ކުޅުންތެރިންގެ ތެރެއިން ފުރަތަމަ 11 އަށް ވާދަ ކުރާނެ ކުޅުންތެރިއެކެވެ.
ގާނާގެ އެންމެ ވަރުގަދަ ޑިޕާޓްމަންޓަކީ މެދުތެރެ އެވެ. މެދުން ކުޅެން ތިބީ ތަޖުރިބާހުރި އަދި ޖިސްމާނީ ގޮތުން ވަރުގަދަ ހުއްޓުމެއްނެތި 90 މިނިޓްގައި ދުވާ ކުޅުންތެރިންނެވެ. ކްވާސީ ސިބޯ އަކީ ވަރަށް މޮޅު ބޯލް ވިނާ އެކެވެ. އިދިކޮޅު އެޓޭކްތައް ހުއްޓުވައި ޓީމު ލައްވާ ކުޅުވައިދޭ ކުޅުންތެރިއެކެވެ. ގާނާގެ ފޯވަޑް ލައިނުގައި ތިބި ދެ ކުޅުންތެރިންނަކީ މަތިން އަންނަ ބޯޅަތައް ރަނގަޅަށް ޖަހާ ދެ ކުޅުންތެރިންނެވެ. ފަހަތް ވެސް ގޯހެއް ނޫނެވެ. މިހެންވެ މެދުތެރެއިން ދައްކާ ކުޅުމަކަށް މުޅި ޓީމު ބިނާވާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ.
ކޯޗު: ކާލޮސް ކީރޯޒް
އުމުރު: 73
ގައުމު: ޕޯޗުގަލް
ގާނާގެ ކޯޗު ކާލޮސް ކީރޯޒަކީ ވޯލްޑް ކަޕުގެ ތަޖުރިބާކާރެކެވެ. އުމުރުން މިހާރު 73 އަހަރުގެ ކޯޗަށް މަގާމު ދިނީ ގާނާގެ ކޯޗުކަމުގައި އޮޓޯ އައްޑޯ މާޗު މަހު މަގާމުން ދުރު ކުރުމަށްފަހު އެވެ.
ދެ ފަހަރެއްގެ މަތީން މެންޗެސްޓާ ޔުނައިޓެޑްގައި ސާ އެލެކްސް ފާގަސަންގެ އެހީތެރިއަކަށް އަދި އަހަރެއްހާ ދުވަހު ރެއާލް މެޑްރިޑަށް ކޯޗުކޮށްދިން ކީރޯޒް އެންމެ ފަހުން ހުރީ އޮމާނުގެ ކޯޗުކަމުގަ އެވެ. ވޯލްޑް ކަޕުގައި ދެ ފަހަރު މަތިން އިރާނަށް ވެސް ކުރިން ކޯޗުކޮށްދިން ކީރޯޒް ވަނީ ޖަޕާނާއި މިސުރާއި ދެކުނު އެފްރިކާ އާއި ކޮލަމްބިއާ އާއި ޕޯޗުގަލް އަށް ވެސް ކޯޗުކޮށްދީފަ އެވެ. އެކަމަކު އޭނާ އަކީ ޖާދޫގަރެއް ނޫނެވެ. ޓީމާ ހަވާލުވެގެން ކުޅުންތެރިން ޓެސްޓްކޮށް، މުޅި ޓީމު އެކުލަވާލަން އޭނާ އަށް މަހެއްހާ ދުވަސް ވެސް ނުލިބެ އެވެ. ކޯޗިންގައި އޭނާ އަށް ލިބުނު ތައްޓެއް ވެސް ނެތެވެ.
އަހަރެން މިކަމާ ހަވާލުވީ އަހަރެންގެ ކެރިއަރުގައި މީގެ ކުރިން ވެސް ޓީމުތަކާ ހަވާލުފަދަ ރޫހެއްގައި. ގާނާ އަކީ ތަރިންތަކެއް ތިބި ޓީމެއް. ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ގައުމެއް މިއީ އަހަރެންގެ ގާނާ އަށް ޝައުގުވެރިވި ސަބަބަކީ. ދެން ގާނާ އަކީ ފުޓްބޯޅަ އަށް ލޯބިކުރާ ބަޔަކު ދިރިއުޅޭ ގައުމެއް. އަހަރެން ގާނާގެ ކޯޗުކަމާ ހަވާލުވީ ނަމަށް ބަލާއި އެކަންޏެއްނޫން. ފުޓްބޯޅައިގެ ވަރުގަދަ ތާރީހެއް އޮތް ބަޔަކަށްވީތީވެ. ގުޅިގެން އަހަރުމެންނަށް ކާމިޔާބު ހޯދިދާނެ. ވޯލްޑް ކަޕުގައި ގާނާ އަށް މި ގްރޫޕުގައި ކުރިއަށް ދެވޭނީ ވަރަށް ހިތްވަރުކޮށްގެން.