
އިންގްލޭންޑް
ތޯމަސް ޓުޗެލް

ތޯމަސް ޓުޗެލް
އާބާދީ: 58 މިލިއަން މީހުން
އިނގިރޭސިވިލާތަކީ ފުޓްބޯޅައިގެ އެންމެ ވަރުގަދަ އަދި އެންމެ މަޝްހޫރު ލީގު އޮތް ގައުމެވެ. އެކަމަކު އިނގިރޭސި ޕްރެމިއާ ލީގުގެ ވަރުގަދަކަން އިނގިރޭސި ގައުމީ ޓީމުން ފެނިފައިނުވެ އެވެ. ޒަމާނީ ފުޓްބޯޅަ އުފަންކުރުވި ކަމަށް އިނގިރޭސިން ދައުވާ ކުރެ އެވެ. ކާމިޔާބީއަކަށް ދެއްކެން އޮތީ 1966 ވަނަ އަހަރު އަމިއްލަ ގައުމުގައި ބޭއްވި ވޯލްޑް ކަޕް ކާމިޔާބު ކުރުން އެކަންޏެވެ. އެކަމަކު މިހާރުގެ ޖީލު ވަނީ މަޑުމަޑުން ތާރީހީ ސޮފުހާތަކެއް ލިޔަން ފަށައިފަ އެވެ. އިނގިރޭސި ގައުމީ ޓީމަށް ދިމާވި މައްސަލަތައް ޔޫތު ލެވެލްގައި ރަނގަޅު ކުރުމަށް ކުރި މަސައްކަތުން މިހާރު އެއީ ވޯލްޑް ކަޕުގެ ފަހު ސްޓޭޖަށް ޔަގީނުން ވެސް ވާދަ ކުރާނެ ޓީމެކެވެ. މި ގޮތުން މިދިޔަ ހަ އަހަރުތެރޭގައި އެކަނި ވެސް ޒުވާން އުމުރުފުރާގެ ދުނިޔޭގެ ފެންވަރުގެ ދެ މުބާރާތް އިނގިރޭސި ޒުވާން ކުޅުންތެރިން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި މިހާރުގެ ސީނިއާ ޓީމުގައި ގިނައިން ތިބީ ވެސް އެ ޓީމުތަކުން ފުރޭނިގެން އައިސްފައިވާ ޒުވާން ކުޅުންތެރިންނެވެ. މިހެންވެ އިނގިރޭސިން އުއްމީދުގައި ތިއްބަސް ދުރުތިބީން އެމީހުންނާމެދު ދެކެނީ ކަތި ނަޒަރަކުންނެވެ.
އިނގިރޭސިން މުބާރާތަށް ކޮލިފައިވީ އެއްވެސް ދަތިކަމެއް ނެތި އެވެ. ޔޫރަޕުގެ ކޮލިފައިންގައި ކުޅުނު އަށް މެޗު ވެސް ކާމިޔާބު ކޮށްގެންނެވެ. އެއްވެސް މެޗަކުން ބަލިނުވެ ގޮސް ނިންމާލީ ބައިކޮޅަށް ވެސް ގޯލެއް ނުވައްދަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ENGއިންގްލޭންޑް | 3 | +4 | 7 |
| 02 | CROކްރޮއޭޝިޔާ | 3 | 0 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | PANޕެނަމާ | 3 | -4 | 0 |
އިނގިރޭސިވިލާތުގެ އެންމެ މަގުބޫލު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އިނގިރޭސި ޕްރެމިއާ ލީގަކީ ކޮންމެ ކުޅުންތެރިއަކު ވެސް ކުޅެލަން ބޭނުންވާ މަންޒިލެކެވެ. އެއީ ދުނިޔޭގެ އެންމެ ވާދަވެރި އަދި އެންމެ މަޝްހޫރު ލީގެވެ. އިނގިރޭސި ކުލަބުތަކުގައި ގިނައީ ދުނިޔޭގެ ތަރިންނެވެ. އެކަމަކު އަމިއްލަ ގައުމަށްވުރެ ބޮޑެތި ކުލަބުތަކުގައި ބިދޭސީން ގިނަވުމުން އޭގެ ހަގީގީ ފައިދާ ގައުމީ ޓީމަކަށް ނުކުރެ އެވެ. މިއީ ކޮންމެ ބޮޑު މުބާރާތަކާއެކު އިނގިރޭސިވިލާތުގައި ކުރެވޭ ބޮޑު ބަހުސަކަށް ވަނީ ޔޫރަޕުގެ ފުޓްބޯޅައިގައި އިނގިރޭސި ކުލަބުތަކުގެ ޑޮމިނޭޝަން ވެސް ކުޑަކަމުންނެވެ. އެކަމަކު ޗެލްސީ އާއި މެންޗެސްޓާ ސިޓީ އާއި ލިވަޕޫލަކީ ދޭތެރެއަކުން ޗެމްޕިއަންސް ލީގު ދަމައިގަންނަ ޓީމުތަކެވެ. އާސެނަލް ވެސް ވަނީ ނިމިދިޔަ ދެ ސީޒަނުގައި ޔޫރަޕުގައި ވަރުގަދަ ވާދައެއް ކޮށްފަ އެވެ.
އިނގިރޭސި ކުޅުންތެރިންގެ ތެރެއިން ކެޕްޓަން ހެރީކޭން އަކީ ގޯލު ޖަހާ މެޝިނެކެވެ. އޭނާ އަށް މަދުވަނީ ބޮޑު މުބާރާތެކެވެ. ވޯލްޑް ކަޕުގެ ރަންބޫޓު ވެސް 2018ގައި ގެންދިޔައީ އޭނާ އެވެ. ކޭންގެ ފަހަތުން ޖޫޑް ބެލިންހަމަކީ އޭނާ ފޯމުގައި ހުރެފިނަމަ އާދަޔާ ހިލާފު މޮޅު ކުޅުންތެރިއެކެވެ.
ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ކުރަސް ފާއިތުވެދިޔަ އަށެއްކަ އަހަރު އިނގިރޭސިން ދެ ފަހަރު ޔޫރޯ ކުޅެ ވޯލްޑް ކަޕް ސެމީ ފައިނަލަށް ދިއުމުގައި އެންމެ ބޮޑު ކްރެޑިޓެއް އޮތީ އޭނާ އަށެވެ. މެދުތެރެއިން ޑިކްލަން ރައިސް އަކީ ޔޫރަޕުގައި މިވަގުތު ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ހާއްސަކޮށް ކޯނަރުތަކާއި ހިލޭ ޖެހުމުގަ އެވެ. ޖޯޑަން ހެންޑަސަން އަކީ ޓީމުގެ ލީޑަރެކެވެ. ބުކަޮ ސަކާ އަކީ ވެސް ހަލުވި ހަނި ދޭތެރެތަކުން ދެމިގަތުމުގައި ހަލުވި ކުޅުންތެރިއެކެވެ.
ޗެލެންޖެއް ނެތް ވޯލްޑް ކޮލިފައިންގައި މުޅިން ވެސް އިނގިރޭސިން ކުޅުނީ 4-2-3-1 ފޯމޭޝަނަށެވެ. މިހެންވެ ޓީމު އޮތީ މި ތައްގަނޑަށް ހޭނިފަ އެވެ. ކީޕަރު ޕިކްފޯޑުން ފެށިގެން ގޮސް އެންމެ ކުރިން ހެރީކޭންއާ ހަމައަށް ޓީމު އޮތ ސެޓް ކޮށްފަ އެވެ. އާސެނަލް އަށް ކޯނަރުތަކުން ފާޑުކިއުން އަމާޒުވި ނަމަވެސް ގައުމީ ޓީމު ބުކަޔޯ ސަކާ އާއި ޑިކްލައިން ރައިސް ނަގާ ހުރަސްތައް ބަރާބަރެވެ. މަތިން ކުޅޭއިރު ޑެޑްބޯލް ސިޓުއޭޝަނަށް ޗެލްސީގެ ކެޕްޓަން ޖޭމްސް ވެސް ރަނގަޅެވެ. ބެންޗުން ވެސް އަރަން ތިބީ އެއް ފެންވަރެއްގެ ކުޅުންތެރިންނެވެ.
ކޯޗު: ތޯމަސް ޓުޗެލް:
އުމުރު: 52
ގައުމު: ޖަރުމަނު
އިނގިރޭސި ކޯޗު ތޯމަސް ޓުޗެލް އަކީ ތަޖުރިބާކާރު އަދި ކާމިޔާބު ކޯޗެކެވެ. ޗެލްސީ އަށް ޗެމްޕިއަންސް ލީގު އެންމެ ފަހުން ހޯދައިދިނީ އޭނާ އެވެ. ފްރާންސްގެ ޕީއެސްޖީ ގޮވައިގެން ޗެމްޕިއަންސް ލީގު ފައިނަލަށް ވެސް ދަތުރު ކުރި އެވެ. ޓުޗެލް އަކީ ޖަރުމަނު މީހެކެވެ. އޭނާއަކީ ވިސްނުންތެރިކަމާއި ޓެކްޓިކަލީ ވެސް ތަފާތު ދައްކާ ކޯޗެކެވެ. އިނގިރޭސި ކޯޗުކަން އޭނާ އަށް ދިނީ އެ ގައުމުގެ ކުޅުންތެރިން ރަނގަޅަށް އެނގިހުރުމާއެކު އޭނާގެ ޓްރެކް ރެކޯޑު ވެސް ރަނގަޅުވުމުންނެވެ.
އަހަރުމެން ވޯލްޑް ކަޕް ކާމިޔާބު ކުރަން އުއްމީދު ކުރަން. އެކަން ނުވާންވީ ސަބަބެއް ނެތް. އަހަރުމެންނަށް ހުރިހާ ވަސީލަތެއް އެބަހުރި. ހަމައެކަނި ކުރަންވީ ކަމަކީ އަހަރުމެން އެކަމަށް ފުރިހަމަ އަށް ތައްޔާރުވުން. އެމެރިކާގެ މާހައުލަށް ހޭނެން އަހަރުމެން ކުރީބައިގައި އުޅުނީ ވެސް މިހެންވެ. އިނގިރޭސި ސީޒަން ތަންކޮޅެއް ދިގުލައި ދިޔަ ނަމަވެސް އަހަރުމެން ހުރިހާ ކުޅުންތެރިން ރަނގަޅު ފިޓްނަސްއެއްގައި ބޭތިއްބޭނެ ކަމާމެދު ޝައްކެއްނެތް.