
ޖަރުމަނު
ހޫލިއަން ނާގެލްސްމަން

ހޫލިއަން ނާގެލްސްމަން
އާބާދީ: 83 މިލިއަން މީހުން
ދުނިޔެ ދުށް އެންމެ ބޮޑު ދެ ހަނގުރާމައިގައި ވެސް ބޮޑު ހިއްސާއެއްވި ޖަރުމަނަކީ ވޯލްޑް ކަޕުގައި އެތައް ގޮތަކުން ތާރީހީ ގައުމެކެވެ. ބްރެޒިލަށް ފަހު މުބާރާތުގެ އެންމެ ކާމިޔާބު ގައުމަކީ ޖަރުމަނެވެ. ޖުމުލަ ހަތަރު ފަހަރު ތަށި ހޯދިއިރު އެންމެ ފާހަގަކޮށްލެވޭ ކަމަކީ ވޯލްޑް ކަޕުގައި އެ ގައުމަކުން ދެ ފަރާތުގައި ތިބެ ވާދަކުރި ހަމައެކަނި ބަޔަކީ ވެސް ޖަރުމަނު ކަމެވެ. 1974 ވަނަ އަހަރުގެ މުބާރާތުގައި ހުޅަނގު ޖަރުމަނާއި އިރުމަތީ ޖަރުމަނު ކުޅުނު މެޗަކީ ތާރީހީ މެޗެކެވެ.
ޖަރުމަނަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއް ގައުމެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު ޖަރުމަނަކީ އަހަރަކު 1.5 މިލިއަން މީހުން އެތެރެވާ ގައުމެކެވެ. މީގެ ތެރެއިން ބޮޑު ބަޔަކީ ކިޔަވާ ކުދިން ނުވަތަ ތައުލީމް އުނގެނުމަށް އެތެރެވާ މީހުންނެވެ. ސަބަބަކީ ޖަރުމަނުގެ ތައުލީމީ ނިޒާމުގެ ފުރިހަމަ ކަމެވެ. ވަރުގަދަ އިގްތިސާދެއް އޮތް ޖަރުމަނަކީ ދުނިޔޭގައި އެންމެ ގިނައިން ކާރު އުފައްދާ ގައުމެވެ. ތަފާސް ހިސާބުތައް ދައްކާ ގޮތުން އަހަރަކު 6 މިލިއަން ކާރު ޖަރުމަނުން ބޭރުކުރެ އެވެ. ދުނިޔޭގައި އެންމެ ފުރަތަމަ ފޮތެއް ޕްރިންޓްކޮށް، އެންމެ ފުރަތަމަ މަޖައްލާއެއް ތައްޔާރުކުރީ ވެސް ޖަރުމަނުންނެވެ.
19 ވަނަ ފަހަރަށް ޖަރުމަނު މުބާރާތަށް ކޮލިފައިވީ ޔޫރަޕުގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ސްލޮވާކިޔާގެ މައްޗަށް 6-0އިން ކުރި ހޯދައިގެންނެވެ. ޔޫރަޕުގެ ކޮލިފައިންގައި ޖަރުމަނަށް ދަތި އުނދަގޫ ކަމެއް ދިމާނުވެ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | GERޖަރުމަނު | 3 | +6 | 6 |
| 02 | CIVއައިވަރީ ކޯސްޓް | 3 | +2 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | CUWކިއުރަސާއޯ | 3 | -8 | 1 |
ޖަރުމަނަކީ ވޯލްޑް ކަޕް ތަށި ހޯދޭ ފެންވަރުގެ ގައުމެކެވެ. އެއްފެންވަރެއްގެ ދެ ޓީމު ނެގޭހާ ގިނަ އަދަދަކަށް މޮޅު ކުޅުންތެރިން އެ ގައުމުގައި އެބަތިއްބެވެ. ޖަރުމަނުވިލާތަކީ ވޯލްޑް ކަޕާއި ޔޫރޯގެ އެންމެ ކާމިޔާބު ގައުމު ވެސްމެ އެވެ. އެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުގައި ހިމެނޭ 6.3 މިލިއަން މެމްބަރުންނަކީ ދުނިޔޭގެ ރެކޯޑެކެވެ. ފުޓްބޯޅަ އަކީ ޖަރުމަނުގެ ރަސްމީ ކުޅިވަރަށްވާއިރު ވޯލްޑް ކަޕް ހަތަރު ފަހަރު، އަދި ޔޫރޯ ތިން ފަހަރު ހޯދި އެހެން ބަޔަކުވެސް ނެތެވެ. ފަހުގެ ތާރީހުގައި އެންމެ ގިނައިން ބޮޑެތި މުބާރާތްތަކުގެ ފައިނަލް ކުޅުނީ ވެސް އެމީހުންނެވެ. ޖަރުމަނުގެ ބުންޑަސްލީގާ އަކީ ދުނިޔޭގެ އެންމެ ގިނަ މީހުން ކުޅިބަލަން ދެ ވަނަ އަށް ވަންނަ ލީގުވެސްމެ އެވެ. އިގްތިސާދީ ގޮތުންނާއި އަސްކަރީގޮތުން ޖަރުމަނަކީ ބޮޑު ބާރަކަށްވާއިރު އެމީހުންނަކީ އަންހެނުންގެ ވޯލްޑް ކަޕާއި ފިރިހެނުންގެ ވޯލްޑް ކަޕް ހޯދާފައިވާ ހަމައެކަނި ގައުމުވެސްމެ އެވެ. އެމީހުންގެ ސަޕޯޓަރުންގެ އަތްމަތީ ބަހަކީ އޮލޭ، އޮލޭ، އޮލޭ އެވެ.
ޖަރުމަނުގެ ގައުމީ ޓީމުގައި މިވަގުތުހުރި އެންމެ އުޖާލާ ކުޅުންތެރިއަކީ ހޯޝުއާ ކިމިޗެވެ. އުމުރުން އެންމެ 31 އަހަރުގެ ކުޅުންތެރިޔާ އަކީ ބަޔާން މިއުނިކާއި ގައުމީ ޓީމުގެ ވެސް އެއްވަނަ ކަނާތު ބެކެވެ. ފަހަތަށް ކުޅުނަސް އޭނާ އަކީ މެދާއި އެޓޭކްގައި ވަރަށް ފުރިހަމައަށް ބައިވެރިވާ ކުޅުންތެރިއެކެވެ. އާއްމުކޮށް ފަހަތަށް ކުޅޭ ކުޅުންތެރިންގެ އެޓޭކިން ވިސްނުމާއި ހުނަރު މަދުނަމަވެސް ކިމިޗް އަކީ ޑިފެންސް ކޮށްފައި އެހާމެމޮޅަށް އެޓޭކްވެސް ކުރަން އެނގޭ އެފަދަ ދެވަނައެއްނެތް ކުޅުންތެރިއެކެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އޭނާ އަކީ ސެންޓަ ބެކެއްގެ ޕޮޒިޝަނުގައި ހުއްޓައި ޕެޕް ގާޑިއޯލާ ކަނާތް ފަރާތުން ކުޅެން ތައްޔާރުކުރި އެފަދަ ދެވަނައެއްނެތްހާ މޮޅު ކުޅުންތެރިއެކެވެ. ބޯޅައިގައި ޖެހުމުގެ ހުނަރު ރަނގަޅުވެފައި، ދުވެލި ބާރު އަދި ހަރަކާތް އަވަސް ކުޅުންތެރިއެކެވެ. ކިމިޗް ރޯލް މޮޑެލް އަކަށް ބަލަނީ ޖަރުމަނުގެ ކުރީގެ ވައިސް ކެޕްޓަން ބަސްޓިއަން ސްވައިންސްޓައިގާ އެވެ. މިވަގުތު ޓީމުގެ ލީޑަރަކީ ވެސް އޭނާ އެވެ.
މިހާރުގެ ކޯޗު ނާގަލްސްމަންގެ ކޯޗުކަމުގައި ޖަރުމަނުގެ އެންމެ ވަރުގަދަ އެއް ހަތިޔާރަކީ ފަހަތާއި ކުރި އެވެ. ފަހަތް އޮގަނައިޒްއިރު އެޓޭކްގައި މޮޅު ކުޅުންތެރިން ގިނަ އެވެ. އެކަމަކު މޮޅު ފޯވަޑެއްގެ މައްސަލަ ޖަރުމަނަށް އެބައޮތެވެ. މިހެންވެ މެދު އެޓޭކިން މިޑްފީލްޑަށް ކުޅޭ ކުޅުންތެރިން ޓީމު މޮޅުކޮށްދިނުމުގައި މުހިންމު ދައުރެ އަދާކުރަން ޖެހެ އެވެ. މި ފަހަރުގެ ވޯލްޑް ކަޕަށް ނުކުންނައިރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގޯލްކީޕަރުގެ މައްސަލަ އެވެ. ރިޓަޔާކޮށްގެން ހުރި ތަޖުރިބާކާރު ކީޕަރު މެނުއަލް ނޯޔާ އަށް ގައުމީ ޓީމަށް ގޮވާލަން ޖެހުނީ އެނޫން ގޮތެއް ނެތިގެންނެވެ. އމިހާރު އުމުރުން 40 އަހަރިގެ ނޯޔާ އަކީ ވެސް އަދިވެސް ތޫނުފިލި ހުށިޔާރު ކީޕަރެކެވެ. ނަމަވެސް މައްސަލައަކީ އަވަސް އަވަހަށް ހާނިއްކަ ވުމެވެ.
ކޯޗު: ހޫލިއަން ނާގަލްސްމަން
އުމުރު: 38
ގައުމު: ޖާމަނީ
ޝައްކެތް ނެތް ގޮތުގައި ބަޔާންގެ ކޯޗުކަމުން ނާގަލްސްމަން ވަކިކުރުމަކީ އެ ޓީމުން ހެދި ވަރަށް ބޮޑު ގޯހެކެވެ. އޭނާ އަށް ފަހު އެ ޓީމަށް އަރައިގަނެވުނީ އަދި ކިރިޔާ އެވެ. އުމުރުން މިހާރު 38 އަހަރުގެ ކޯޗަކީ ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިއެއް ނޫނެވެ. ރަސްމީ ފުޓްބޯޅަ އަށްވުރެ ބޮޑަށް ކުޅުންތެރިއެއްގެ ކެރިއަރު ވެސް ފަނޑު މީހެކެވެ. އެކަމަކު ކުރިން އައިސް ހޮކީ ކުޅުނު ކޯޗަކީ ދުނިޔޭގެ އެންމެ ސްޓައިލިޝް އަދި އިނޮވޭޓިވް އެއް ކޯޗެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި ނާގަލްސްމަންގެ ހިޔާލުތަކަށް ފެތިގެން ޖަރުމަނު ކުޅެން ފެށީ ފުރަތަމަ މުބާރާތަށް ފަހު އެވެ. ފުރަތަމަ ކުރި ކައިވެނި ރޫޅާލުމަށްފަހު ނާގެލްސްމަން މިހާރު ގުޅިގެން އުޅެނީ ޖަރުމަނުގެ އެންމެ މަޝްހޫރު ނޫސް ކަމަށްވާ ބިލްޑްގެ ނޫސްވެރިއަކާ އެވެ. ބުނެވޭ ގޮތުގައި ނާގެލްސްމަނަށް ބަޔާންގައި ކާމިޔާބު ހޯދަން ދަތިވީ ވެސް ދިރިއުޅުން ފުށުންޖެހި އާ ބައިވެރިއަކާއެކު ފަށައިގަންނަން ޖެހުމުގެ ތެރޭގައި ދިމާވި ތުރާތަކާ ހެދި އެވެ.
މި ގްރޫޕުގައި އެއްވެސް ޓީމެއް ފަސޭހަކޮށްގެން ނުވާނެ. ކުރަކާއޯއާ މެދު އެއްގޮތަކަށް ވެސް ދެރަކޮށް ވިސްނުމަކީ ގޯހެއް. އައިވަރީ ކޯސްޓް ބަލި ކުރަން ޖެހޭނެ. އިކުއެޑޯ އަކީ ވެސް އެ މީހުން ފޯމުގައި ކުޅޭ ދުވަހެއްގައި އުނދަގޫ ބައެއް. އެކަމަކު އަހަރުމެން ރަނގަޅަށް ކުޅެފިނަމަ ބަލި ނުކުރެވޭނެ އެއްވެސް ގައުމެއް ދުނިޔޭގައި އޮވެގެން ނުވާނެ.