
އިކުއެޑޯ
ސެބަސްޓިއަން އަންދްރޭސް ބެކަސީސް

ސެބަސްޓިއަން އަންދްރޭސް ބެކަސީސް
އާބާދީ: 18 މިލިއަން މީހުން
މިއީ ދެކުނު އެމެރިކާގެ އެންމެ ކުޑަ ގައުމުތަކުގެ ތެރެއިން އެއް ގައުމެވެ. އިކުއެޑޯ އަކީ 300 ވަރަކަށް އަހަރު ވަންދެން ސްޕޭނުގެ ދަށުގައި އޮތް ގައުމެކެވެ. ނަތީޖާއެއްގެ ގޮތުން ސްޕޭން ބަހަކީ އިކުއެޑޯގެ ރަސްމީ ބަހެވެ. އެކަމަކު ތަފާތު 13 ބަހަކުން މީހުން ވާހަކަ ދައްކައި އުޅެ އެވެ. ގައުމުގެ ރަސްމީ ފައިސާ އަކީ އެމެރިކާ ޑޮލަރެވެ. މިނިވަން ގައުމަކަށްވީ 18 ވަނަ ގަރުނުގެ ފަހުކޮޅު އެވެ. އިކުއެޑޯ އަށް މި ނަންކިއުނީ އީކުއޭޓަރާ ގާތުގައި އޮންނާތީ އެވެ. ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ދޮންކެޔޮ ބޭރު ކުރާ ގައުމަކީ އެއީ އެވެ. އެ ގައުމުގެ ވެރިރަށް ކުއިޓޯ އަކީ ދުނިޔޭގެ އެންމެ އުސް ވެރިރަށެވެ. ކަނޑުން ފެށިގެން 2850 މީޓަރު މިތަން އުހެވެ. 1600 އަށްވުރެ ގިނަ ބާވަތުގެ ދޫނި މި ގައުމުގައި އުޅެ އެވެ. ގައުމުގެ އިގްތިސާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި ހަކަތައިގެ މަޝްރޫއުތަކަށެވެ.
މި ފަހަރުގެ ކޮލިފައިންގައި އިކުއެޑޯ ފެނުނީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގަ އެވެ. ބްރެޒިލް ވެސް ފަހަތަށް ޖައްސާލުމަށްފަހު އާޖެންޓީނާގެ ފަހަތުން ދެ ވަނަ ހޯދީ އިކުއެޑޯ އެވެ. އެއީ ގަވާއިދާ ހިލާފަށް ކުޅުންތެރިއަކު ލައްވައި ކުޅުވި މައްސަލާގައި ތިން ޕޮއިންޓް ވެސް އުނިކޮށްފައިވަނިކޮށެވެ. މިހެންވެ ހުރިހާ ގޮތަކުން ވެސް އިކުއެޑޯ ޓީމާމެދު ގިނަ ބައެއްގެ ތައުރީފް ލިބުނެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | GERޖަރުމަނު | 3 | +6 | 6 |
| 02 | CIVއައިވަރީ ކޯސްޓް | 3 | +2 | 6 |
| 03 |
| 3 |
| 0 |
| 4 |
| 04 | CUWކިއުރަސާއޯ | 3 | -8 | 1 |
ހަތް ފަހަރު މިހާތަނަށް ވޯލްޑް ކަޕް ކުޅެފައިވާއިރު މިއީ 2002 ގެ ފަހުން އިކުއެޑޯ ވޯލްޑް ކަޕް ކުޅޭނެ ފުރަތަމަ ފަހަރެވެ. މިހާތަނަށް ހޯދި އެންމެ ރަނގަޅު ނަތީޖާ އަކީ 2006 ވަނަ އަހަރުގެ މުބާރާތުގެ ގަދަ 16 އިން ޖާގަ ހޯދުމެވެ. އިކުއެޑޯގެ އެއްވަނަ ކުޅިވަރަކީ ފުޓްބޯޅަ އެވެ. އާބާދީގެ 65 ޕަސެންޓް މީހުން ފުޓްބޯޅަ ކުޅޭއިރު ގައުމުގެ ފުޓްބޯޅައިގެ އޮނިގަނޑު ރާވާލަފައިވަނީ ދެ ބަޔަކަށެވެ. އެ ގައުމުގެ އެންމެ އެންމެ މަޝްހޫރު ކުލަބަކީ ބާސެލޯނާ އެވެ. 1990 ވަނަ އަހަރާއި 1998ގައި މި ޓީމު ވަނީ ލިބަޓަޑޯރެސް ކަޕް ފައިނަލް ކުޅެފަ އެވެ. ގައުމީ ޓީމަށް މިހާތަނަށް ބައިނަލް އަގްވާމީ ނުވަތަ ސަރަހައްދީ ބޮޑު މުބާރާތެއް ކާމިޔާބު ނުކުރެވެ އެވެ.
ޓީމުގެ އެންމެ މުހިންމު ކުޅުންތެރިއަކީ ޗެލްސީގެ މޮއިސަސް ސައިސެޑޯ އެވެ. ބްރައިޓަން އަށް ބޮޑު އަގެއް ދީފައި ޗެލްސީން އޭނާ ގަތީ ތަފާތު ކުޅުމެއް ދައްކާތީ އެވެ. އޭނާގެ ތަޖުރިބާ އަކީ ދިފާއީ ކުޅުމަކަށް ތައްޔާރުވާއިރު އިކުއެޑޯ އަށް ވަރަށް މުހިންމު އެއްޗެކެވެ. ކޮލިފައިންގައި ވެސް އިކުއެޑޯގެ އެންމެ މުހިންމު ކަމަށް ފެނުނީ ދިފާއި ފާރުގެ ވަރުގަދަ ކަމެވެ. ޕީއެސްޖީގެ ޑިފެންޑަރު ވިލިއަމް ޕަޗޯ އާއި އޭސީ މިލާނުގެ ޕާވިސް ސްޓުޕިނަން އާއި އެންޖެލޯ ޕެރެސިއާޑޯ އަކީ ފަހަތުގައި މުހިންމު ދައުރެއް އަދާ ކުރާނެ ކުޅުންތެރިންނެވެ. މީގެ އިތުރުން މެކްސިކޯ ލީގުގައި ކުޅޭ މަޝްހޫރު އެނާ ވެލެންސިއާ އަކީ ފޯވަޑް ލައިނުގައި އަދިވެސް އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރުން 36 އަހަރުވީ ނަމަވެސް ޒުވާން ކުޅުންތެރިންނާ އެއް ސަފެއްގައި ހިފަހައްޓަ އެވެ. އެނާ ވަނީ މިހާތަނަށް ގައުމީ ޓީމަށް 105 ކުޅެދީ 49 ގޯލު ޖަހައިދީފަ އެވެ. އޭނާ އަކީ އިކުއެޑޯގެ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ ވެސްމެ އެވެ.
އިކުއެޑޯ އަކީ މާގިނަ ގޯލު ޖަހާ ބައެއް ނޫނެވެ. ފަހަތް ވަރުގަދަ އެވެ. ހާއްސަކޮށް ގިނަ ޑިފެންޑަރުންނަކީ ފަހަތުން ކޮންމެ މަގާމަކަށް ވެސް ކުޅެވޭ ކުޅުންތެރިންނެވެ. ގޯލު ނުޖެހޭތީވެ އިކުއެޑޯ ވަނީ ވަރަށް ގިނަ ފޯމޭޝަންތައް ތަޖުރިބާކޮށްފަ އެވެ. ކިރިޔާ ވެސް އުއްމީދެއް ފެނުނީ މެދަށް ތިން މިޑްފީލްޑަރުން ލައިގެން ދެ އަރިމަތި ހާސާ ކޮށްގެންނެވެ.
ކޯޗު: ސެބަސްޓިއަން އަންދްރޭސް ބެކަސީސް
އުމުރު: 45
ގައުމު: އާޖެންޓީނާ
ސެބަސްޓިއަން އަންދްރޭސް ބެކަސީސް އަކީ އާޖެންޓީނާގެ ކޯޗެކެވެ. އުމުރުން 45 އަހަރުގެ ކޯޗަކީ ޕްރޮފެޝަނަލްކޮށް ފުޓްބޯޅަ ކުޅުނު ކުޅުންތެރިއެއް ނޫނެވެ. އޭނާ އިކުއެޑޯގެ ގައުމީ ޓީމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. އާޖެންޓީނާ އާއި ޗިލީގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ކުރުން ފިޔަވައި މިހާތަނަށް އޭނާ އަށް ގައުމީ ޓީމުގެ ތަޖުރިބާއެއް ނެތެވެ. އެކަމަކު އިކުއެޑޯއާ ހަވާލުވެ ބެކަސީސް ވަނީ ރަނގަޅު ނަތީޖާތަކެއް ހޯދައިފަ އެވެ. ހާއްސަކޮށް އޭނާ ކުޅުވާ ސްޓައިލަކީ ވަރަށް ބޮޑަށް އިދިކޮޅު ޓީމުތަކަށް މެޗު ކޮންޓްރޯލް ކުރަން އުނދަގޫވާ ސްޓައިލަކަށް ވަނީ ވެފަ އެވެ.
އަހަރުމެންނަށް ގޯލު ޖެހޭ މިންވަރު މަދު. ފޯވަޑުންނަކީ ވެސް ޑިފެންސްގެ ބައެއް. ގޯލު ނުޖެހޭތީވެ މުޅި ޓީމު އެއްކޮށް ޑިފެންސް ކުރޭ. ސަބަބަކީ އެއީ ގޯލު ޖަހަން މަގުފަހިކޮށްދޭ ކަމަކަށްވާތީވެ. އަހަރުމެންގެ މާ ދުރަށް ނުވިސްނަން. ގްރޫޕް ސްޓޭޖުން ދެ ވަނަ ބުރަށް ދިއުމަކީ އަމާޒެއް.