
މިސުރު
ހޮސާމް ހަސަން

ހޮސާމް ހަސަން
އާބާދީ: 120 މިލިއަން މީހުން
މިސުރަކީ އެފްރިކާގެ އުތުރުކަނުގައި އޮތް އިސްލާމީ ގައުމެކެވެ. އެގައުމުގެ ދެކުނު ގުޅިފައިވަނީ މަޝްހޫރު ރަތްކަނޑާ އެވެ. ގައުމުގެ ގިނަ ބަޔަކު ދިރިއުޅެނީ މަޝްހޫރު ނީލަކޯރާ ގާތުގަ އެވެ. މިސުރުގެ ބިމުގެ ބޮޑުބައި އަދިވެސް އޮންނަނީ ހަނަފަސްކޮށެވެ. މެދުއިރުމަތީގެ އެންމެ ވަރުގަދަ އިގްތިސާދެއް އޮތް ގައުމަކީ ވެސް މިސުރެވެ. ގައުމުގައި ހިންގަނީ އިސްލާމިކް ސިވިލް ލޯ އެވެ. ގައުމުގެ އިގްތިސާދު ބިނާވެފައިވަނީ ދަނޑުވެރިކަމާއި ގޭހާއި ތެލުގެ އިތުރުން މީޑިޔާ އާއި ފަތުރުވެރިކަމަށެވެ. ނަމަވެސް މިސުރަށް އެމެރިކާގެ ހިލޭ އެހީގެ ދަށުން 1979 އިން ފެށިގެން ކޮންމެ އަހަރަކު ވެސް 2.2ބިލިއަން ޑޮލަރު ލިބެމުންދެ އެވެ. އަހަރަކު 9.4 ބިލިއަން މީހުން މިސުރަށް ޒިޔާރަތްކުރާއިރު އެގަމުގެ މީޑިއާ އަކީ އަރަބިންގެ މެދުގައި ނުފޫޒުގަދަ މީޑިޔާތަކެކެވެ. މިސުރުގައި އެންމެ މަޝްހޫރު ކުޅިވަރަކީ ފުޓްބޯޅަ އެވެ. އެގައުމުގެ ކައިރޯ ޑާބީ އަކީ ދުނިޔޭގައި ހަތް ވަނަ އަށް އެންމެ ވާދަވެރި ފުޓްބޯޅަ މެޗެވެ. އެފްރިކާގެ ޗެމްޕިއަންކަން މިސުރުން ރެކޯޑް އަދަދެއް ކަމަށްވާ ހަތް ފަހަރު ހޯދާފައިވެ އެވެ.
މިސުރު ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބުކުރި އެވެ. ފައިދާ ގޯލުގެ ތަފާތު އޮތީ 18ގަ އެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | BELބެލްޖިއަމް | 3 | +4 | 5 |
| 02 | EGYމިސުރު | 3 | +2 | 5 |
| 03 |
| 3 |
| 0 |
| 3 |
| 04 | NZLނިއުޒީލަންޑް | 3 | -6 | 1 |
މިއީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިނުވެ ފޭލްވި ފަހުން މިސުރު މުބާރާތަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. އަދި މިއީ އެ ގައުމު ވޯލްޑް ކަޕް ކުޅޭ ހަތަރު ވަނަ ފަހަރެވެ. މީގެ ކުރިން މިސުރު ވޯލްޑް ކަޕުގައި ކުޅެފައިވަނީ 1934 އާއި 1990 އަދި 2018ގަ އެވެ. މިހާތަނަށް މުބާރާތުގެ ދެ ވަނަ ބުރަށް ދެވިފައިނުވެ އެވެ.
ޖުމުލަ 27 ފުޓްބޯޅަ ސްޓޭޑިއަމް އޮންނަ މިސުރުގައި ފުޓްބޯޅަ އަކީ އެއްވަނަ ކުޅިވަރެވެ. އަލް އަހްލީ އާއި ޒަމާލިކަކީ މިސުރުގެ އެންމެ މަޝްހޫރު ދެ ކުލަބެވެ. އެ ގައުމުގައި ބޭއްވި އެންމެ ފުރަތަމަ ފުޓްބޯޅަ މުބާރާތަކީ 1917 ވަނަ އަހަރު ބޭއްވި ސުލްތާން ހުސައިން ކަޕެވެ. މިސުރު ވަނީ އެފްރިކާ ކަޕް ހަތް ފަހަރު ހޯދައިފަ އެވެ. ފަސް ފަހަރު އެފްރިކާ ކަޕް ބާއްވާފައިވާ އަދި މުބާރާތުގެ އެންމެ ކާމިޔާބު ގައުމުން އެންމެ ފަހުން މި މުބާރާތް ކާމިޔާބު ކުރީ 2010ގަ އެވެ.
މިސުރުގެ އެންމެ މޮޅު ކުޅުންތެރިއަކީ ލިވަޕޫލްގެ ފޯވަޑް މުހައްމަދު ސަލާހެވެ. އޭނާ ވަނީ ޕްރެމިއާ ލީގުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު އަދި އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ދެ ފަހަރު ހޯދައިފަ އެވެ. ލިވަޕޫލްގެ ތާރީހުގައި އެ ކުލަބަށް ތިން ވަނަ އަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކީ ވެސް ސަލާހެވެ. އޭނާ ވަނީ 257 ގޯލު ޖަހައިދީފަ އެވެ. މިސުރުގެ ގައުމީ ޓީމަށް ސަލާހް ވަނީ 115 މެޗުން 67 ގޯލު ޖަހައިދީފަ އެވެ.
މެންޗެސްޓާ ސިޓީގެ ފޯވަޑް އޮމަރް މަރްމޫޝް އަކީ އެންމެ ފަހުގެ އެފްރިކާ ކަޕުގައި ވެސް މިސުރުގެ ފޯވަޑް ލައިން ލީޑްކޮށްދިން ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ކުލަބު ފެންވަރުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. ސަލާހާއި ދެ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބެފިނަމަ މިސުރަށް ދެ ވަނަ ބުރަށް ދިއުމަށް މާގިނަ އުނދަގޫތަކެއް ކުރިމަތިނުވާނެކަމަށް ގިނަ ބަޔަކު ދެކެނީ މި ދެ ކުޅުންތެރިންގެ ހުނަރު ޔޫރަޕުގެ އެންމެ މަތީ ފެންވަރުގައި ވިކޭތީ އެވެ.
އެފްރިކާ ކަޕުގައި ފެނުނީ މިސުރުން ވަރަށް ދިފާއީ ގޭމެއް ކުޅެނިކޮށެވެ. ފަހަތުން ދިގު ބޯޅަތަކުން ހުރަސްކޮށްގެން އޮމަރް މަރްމޫޝް އާއި މުހައްމަދު ސަލާހްގެ ސްޕީޑް ބޭނުން ކުރަން އުޅުނު ތަނެވެ. މުބާރާތުން ކެޓުމުން ކޯޗު ބުނީ ވޯލްޑް ކަޕަށް ވަރަށް ގިނަ ފޯމޭޝަންތައް ޓެސްޓް ކުރި ކަމަށެވެ. އެކަމަކު ގިނަ ބަޔަކަށް ފެނުނީ މިސުރު ފަހަތުގައި ތިބެ ދިފާއު ކުރަން އުޅުނުތަނެވެ.
ކޯޗު: ހޮސާމް ހަސަން
އުމުރު: 59
ގައުމު: މިސުރު
މިސުރުގެ ކޯޗަކީ ހޮސާމް ހަސަން އެވެ. އޭނާ އަކީ މިސުރުގެ ގައުމީ ޓީމަށް ކުރިން އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އެވެ. އުމުރުން 59 އަހަރުގެ ކޯޗު ވަނީ ގައުމީ ޓީމަށް 177 މެޗު ކުޅެދީ 69 ގޯލު ޖަހައިދީފަ އެވެ. އޭނާގެ ކޯޗިން ކެރިއަރު ފެށީ 2008 ވަނަ އަހަރު އަލް މަސްރީއިންނެވެ. އޭގެ ފަހުން ޖޯޑަންގެ ކޯޗުކަން ވެސް ކުރި ހޮސާމް މިސުރުގެ ކޯޗުކަމާ ހަވާލުވީ 2024 ވަނަ އަހަރު އެވެ. ނަމަވެސް ކޯޗެއްގެ ގޮތުގައި އޭނަ އަށް ތަށިތަކެއް ހޯދިފައިނުވެ އެވެ.
ވޯލްޑް ކަޕަށް ދެވުމަކީ ވަރަށް އުނދަގޫ ކަމެއް. އެކަމަކު ވޯލްޑް ކަޕް ކުޅުމަކީ އަދި މާއުނދަގޫ ކަމެއް. އަހަރުމެންނަކީ އެފްރިކާގެ ޗެމްޕިއަންކަން އެންމެ ގިނައިން ހޯދި ގައުމު. އެހެންވީމާ ވޯލްޑް ކަޕްގެ ނަތީޖާ ރަނގަޅު ކުރަން ޖެހޭ. އެކަމަށް ވަރަށް މަސައްކަތް ކޮށްގެން ކާމިޔާބު ވާނީ. މި ގްރޫޕަކީ ފަސޭހަ ގްރޫޕެއް ނޫން. ބެލްޖިއަމްގައި ތަރިން ގިނަ. ނިއުޒީލޭންޑަކީ ވަރަށް ހިތްވަރު ކުރާ ޓީމެއް. އިރާނަކީ ތަޖުރިބާހުރި ޓީމެއް.