
ކާބޯވޭޑޭ
ޕެޑްރޯ ބުބިސްޓާ

ޕެޑްރޯ ބުބިސްޓާ
އާބާދީ: 7 މިލިއަން މީހުން
މި ފަހަރުގެ ވޯލްޑް ކަޕް ބާއްވާ އެއް ސިޓީ ކަމަށްވާ އެމެރިކާގެ ޓެކްސަސްގެ އާބާދީ އަށްވުރެ ކާބޯވޭޑޭގެ ރައްޔިތުންގެ އަދަދު 60 ގުނަ މަދެވެ. 1456 ވަނަ އަހަރާ ހަމައަށް ކާބޯވޭޑޭގައި ބަޔަކު ދިރިނޫޅެ އެވެ. އެތަނުގައި ފަހުން އުޅުނީ ޕޯޗުގަލް މީހުން ކަމަށް ބުނެވެ އެވެ. ކާބޯވޭޑޭ އަކީ 1975 ވަނަ އަހަރު މިނިވަންވި ގައުމެކެވެ. އެއީ އެޓްލާންޓިކް ކަނޑުގައި އެފްރިކާގެ ހުޅަނގަށް ވާގޮތަށް އޮނަން ޖަޒީރާއެކެވެ. އެފްރިކާގެ ގައުމުތަކުގެ ތެރެއިން އެންމެ ޑިމޮކްރަޓިކް އެއް ގައުމެވެ. އެކުވެރި ބަޔަކު އުޅޭ ގައުމެކެވެ. ގައުމުގެ އިގްތިސާދު ބިނާކޮށްފައިވަނީ ފަތުރުވެރިކަމާއި ފޮރިން އިންވެސްޓްމަންޓަށެވެ. ކްރެއޯލޭ ބަހުން ގިނަ ބަޔަކު ވާހަކަ ދެއްކި ނަމަވެސް ކޭޕްވާޑޭގެ ރަސްމީ ބަހަކީ ޕޯޗުގީޒް ބަހެވެ. ގައުމުގެ ގިނަ ބަޔަކު ދިރިއުޅެނީ އެހެން ގައުމުތަކުގަ އެވެ. ސަބަބަކީ ވަޒީފާ އާއި އާމްދަނީ ހޯދުމަށްޓަކަ އެވެ.
ކާބޯވޭޑޭ ވޯލްޑް ކަޕަށް ކޮލިފައިވީ އެފްރިކާގެ ގްރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ މަޝްހޫރު ކެމަރޫނަށްވުރެ ހަތަރު ޕޮއިންޓް ކުރީގައި އޮވެގެންނެވެ. ކުޅުނު 10 މެޗުގެ ތެރެއިން ހަތް މެޗުން މޮޅުވެ ބަލިވީ އެންމެ މެޗަކުންނެވެ. ފައިދާ ގޯލުގެ ގޮތުގައި ކެމްޕޭން ނިންމާލީ އަށް ގޯލާއެކުގަ އެވެ.
ފުޓްބޯޅަ އަކީ ކާބޯވޭޑޭގެ އެންމެ މަގުބޫލު ކުޅިވަރެވެ. ގައުމުގެ ފުޓްބޯޅަ ލީގުތައް ބަހާލާފައިވަނީ 11 ޑިވިޝަނަކަށެވެ. ގަވާއިދުން މުބާރާތްތައް ބާއްވައި އެފްރިކާގެ ރީޖަނަލް މުބާރާތްތަކުގައި ކާބޯވޭޑޭގެ ޓީމުތައް ބައިވެރިވެ އެވެ. އެ ގައުމުގެ އެންމެ ބޮޑު ސްޓޭޑިއަމުގެ ޖާގަ އަކީ 8000 މީހުންނެވެ. އެވްރެޖްކޮށް މިތަނުގައި ކުޅޭ މެޗުތައް ބަލަން ހާހަކާއި ދެހާހާ ދެމެދުގެ އަދަދަކަށް މީހުން ވަދެ އެވެ. ގައުމީ ޓީމު އުފައްދައި ކާބޯވޭޑޭއިން އެންމެ ފުރަތަމަ ކުޅުނު މެޗަކީ 1978 ވަނަ އަހަރު ގިނީއާ ދެކޮޅަ ކުޅުނު މެޗެވެ. އެ ގައުމުގެ ގިނަ ކުޅުންތެރިން ކުޅެނީ އެމެރިކާ އާއި ޕޯޗުގަލް އާއި ތުރުކީ އާއި ބަލްގޭރިޔާ ފަދަ ގައުމުތަކުގަ އެވެ. މިފަހަރުގެ މުބާރާތަކީ ކާބޯވޭޑޭ ކުޅޭ ފުރަތަމަ ވޯލްޑް ކަޕެވެ. އެފްރިކާ ކަޕުގައި މިހާތަނަށް ހަތަރު ފަހަރު ކުޅެ ދެ ފަހަރު ކުއާޓާ ފައިނަލުން ޖާގަ ހޯދި އެވެ. އެއީ 2013 އާއި 2023 ވަނަ އަހަރު އެވެ. މި ކާމިޔާބީތަކުގެ ނަތީޖާ އަކީ އެ ގައުމާ ގުޅިފައިތިބި ޔޫރަޕުގެ ކުޅުންތެރިން ހޮވާލައިގެން ގެނެސް ކާބޯވޭޑޭގެ ގައުމީ ޓީމަށް ކުޅުވުމެވެ.
| # | ޓީމު | P | GD | Pts |
|---|---|---|---|---|
| 01 | ESPސްޕޭން | 3 | +5 | 7 |
| 02 | CPVކާބޯވޭޑޭ | 3 | 0 | 3 |
| 03 |
| 3 |
| -1 |
| 2 |
| 04 | KSAސައޫދީ އަރަބިއާ | 3 | -4 | 2 |
ޔޫރަޕާއި މެދުއިރުމަތީގައި ގިނަ ދުވަސްތަކެއް ވަންދެން ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ ރަޔަން މެންޑޭޒަކީ ކާބޯވޭޑޭގެ އެންމެ ވިދުން ގަދަ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ 96 މެޗުން ގައުމީ ޓީމަށް 22 ގޯލު ޖަހައިދީފަ އެވެ. ޓީމުގެ ކެޕްޓަނަކީ ވެސް އޭނާ އެވެ. އޭނާގެ ޕާޓްނަރަކަށް އާއްމުކޮށް ކުޅޭ ގެރީ ރޮޑްރިގޭޒަކީ 59 މެޗުން ނުވަ ގޯލު ޖަހާދީފައިވާ ކުޅުންތެރިއެކެވެ. މިޑްފީލްޑަރު ޑެރޯއީ ޑައުޓޭ އަކީ ގައުމީ ޓީމަށް 30 މެޗު ކުޅެދީފައިވާ ބަލްގޭރިޔާ ލީގުގައި ކުޅޭ މިޑްފީލްޑަރެކެވެ. ފަހަތުގައި ތިބި އެންމެ ތަޖުރިބާކާރު ދެ ކުޅުންތެރިންނަކީ އައިވަރީ ކޯސްޓްގައި ކުޅޭ ޕިކޯ އާއި ރުމޭނިޔާ ލީގުގައި ކުޅޭ ޔާއޯ ޕައުލޯ އެވެ. ގޯލްކީޕަރު ވޮޒީނިއާ ޓީމުގެ ވައިސް ކެޕްޓަނެވެ. ޕޯޗުގަލްގެ ޗަވޭސް އަށް ކުޅޭ ކީޕަރު ވަނީ ގައުމީ ޓީމަށް 85 މެޗު ކުޅެދީފަ އެވެ.
ކާބޯވޭޑޭގެ ހުރިހާ މެޗެއް ވެސް ކުޅެފައިވަނީ 4-2-3-1 ފޯމޭޝަނަށެވެ. މި ޓީމުގެ އެންމެ ފާހަގަ ކުރެވޭ ކަމަކީ އަރިމަތިން ކުޅޭ ހަލުވި ކުޅުންތެރިންނާއި މެދުތެރެއިން ތަޖުރިބާކާރު މިޑްފީލްޑަރު ޔެރެމީ މޮންޓޭރޯ ދޭ ދިގު ޕާސްތަކެވެ. ހާއްސަކޮށް މެދުތެރެއިން ދުރުން ޖަހާ ބާރު ބޯޅަތައް ވެސް ފާހަގަ ކޮށްލެވެ އެވެ. އެކަމަކު މުޅި ޓީމުގެ އެންމެ ބޮޑު ތަފާތަކީ ވަކިވަކި ކުޅުންތެރިންގެ ތަފާތުކަމް ބޮޑުވުމެވެ. މިހެންވެ ޓީމުގެ ބެލެންސް ނުހިފެހެއްޓެ އެވެ.
ކޯޗު: ޕެޑްރޯ ބުބިސްޓާ
އުމުރު: 56
ގައުމު: ކާބޯވޭޑޭ
ޕެޑްރޯ ބުބިސްޓާ ކާބޯވޭޑޭގެ ކޯޗުކަމާ ހަވާލުވީ 2020 ވަނަ އަހަރު އެވެ. ކުރީގެ ގައުމީ ޑިފެންޑަރު އޭނާގެ ކުޅުމުގެ ހަޔާތް ހޭދަ ކުރީ އަމިއްލަ ގައުމާއި އެންގޯލާގަ އެވެ. ގައުމީ ޓީމަށް އޭނާ ވަނީ 21 މެޗު ކުޅެދީފަ އެވެ. 2013 ވަނަ އަހަރު ކޯޗިން ކެރިއަރު ފެށި ކޯޗުގެ އިރުޝާދުގެ ދަށުން މިހާތަނަށް ކުޅެފައިވަނީ 62 މެޗެވެ. މީގެ ތެރެއިން 29 މެޗުން މޮޅުވެ، ބަލިވީ 17 މެޗުންނެވެ. އޭނާ އަކީ 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ކޯޗެވެ.
އަހަރެން ބޮޑަށް ގަޔާވަނީ ވަރަށް އޮގަނައިޒްކޮށް ކުޅޭ ޓީމުތަކަށް. އަހަރެން ޓީމު ބައްޓަން ކުރަނީ ވެސް މި ގޮތަށް. ކުރަކާއޯ އަށް ވޯލްޑް ކަޕުން ފުރުސަތު ލިބުމަކީ އެކަކު ވެސް ހީކުރާނެ ކަމެއް ނޫން. އަހަރުމެންނަށް މި ގްރޫޕަކީ އުނދަގޫ ގްރޫޕަކަށްވާނެ. އެކަމަކު އެއީ ފަހަތަށް ޖެހެން ޖެހޭ ސަބަބެއް ނޫން. އަހަރުމެން މުބާރާތަށް ދާނީ ފަހުރުވެރިކަމާއެކު.