

މަޝްހޫރު ގާނޫނީ ވަކީލު ޖިއާނީ އިންފަންޓީނޯ މީގެ ނުވަ އަހަރު ކުރިން ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސް ކަމަށް ވަޑައިގަތުމަށް ޖެއްސެވީ މުޅިން ތަފާތު ހިސާބެކެވެ. އެފްރިކާ އާއި އޯޝޭނިއާ އާއި ޔޫރަޕާއި ކެރީބިއަނަށް އޭނާ ދެއްކެވި ހުވަފެނަކީ ވޯލްޑް ކަޕް ފުޅާ ކުރެއްވުން. މުބާރާތް ކުޅޭ ގައުމުތަކުގެ އަދަދު ބައްތިރީހުން އަށާޅީހަށް ހެއްދެވީ މި ވައުދުފުޅު ފުއްދެވުމަށް. އަންނަ މަހުގެ 11 ވަނަ ދުވަހު އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާގައި ފަށާ މުބާރާތަކީ އިންފަންޓީނޯގެ 100 ޕަސެންޓް ވިސްނުންފުޅާއެކު ބާއްވަވާ ފުރަތަމަ ވޯލްޑް ކަޕެވެ. ރަޝިޔާ 2018 އާއި ގަތަރު 2022 އެވޯޑް ކުރެއްވީ ކުރީގެ ރައީސް ސެޕް ބްލެޓާ އެވެ.
މި ފަހަރުގެ މުބާރާތަކީ ހުރިހާ ގޮތަކުން ވެސް ތަފާތު މުބާރާތެކެވެ. މިއީ މިހާތަނަށް އެންމެ ގިނަ ގައުމު ބައިވެރިކޮށްގެން ބާއްވާ މުބާރާތެވެ. މިއީ ތިން ގައުމެއް އެކުވެގެން މުބާރާތް ބާއްވާ ފުރަތަމަ ފަހަރު. އަދި މިއީ ތިން ވަނަ ފަހަރަށް މުބާރާތް ބާއްވަން ގައުމަކަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރު ވެސްމެ އެވެ. އެއީ މެކްސިކޯ އަށް. މުބާރާތް ރަސްމީކޮށް ހުޅުވާނީ ވެސް މެކްސިކޯ ސިޓީގަ އެވެ.
މި ފަހަރުގެ މުބާރާތަކީ އުމުރު ދޮށިވެފައިވާ ކުޅުންތެރިން އެންމެ ގިނަވާނެ ވޯލްޑް ކަޕެވެ. މުބާރާތުގައި ޖުމުލަ 104 މެޗު ކުޅޭނެ. މީގެ ތެރެއިން 78 މެޗު ކުޅޭނީ ދުނިޔޭގެ އެންމެ ބާރުގަދަ ގައުމު އެމެރިކާގަ އެވެ. މެކްސިކޯގައި 13 މެޗު އަދި ކެނެޑާގައި ވެސް ކުޅޭނީ 13 މެޗެވެ. ފައިނަލް މެޗު ވެސް ކުޅޭނީ އެމެރިކާގެ ނިއުޔޯކްގަ އެވެ. މުބާރާތުގެ ގުރު ނެގުން ބޭއްވީ ވެސް އެމެރިކާގަ އެވެ. މިސަބަބުތަކާހުރެ މިހާތަނަށް ބާއްވާ އެންމެ ބޮޑު ވޯލްޑް ކަޕަކީ އެމެރިކާގެ މުބާރާތެއް ކަމަށް ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.
މިފަހަރުގެ މުބާރާތަކީ މިހާތަނަށް ވޯލްޑް ކަޕް ބާއްވާ ގައުމާމެދު އެންމެ ގިނަ ބަޔަކު ނުރުހިފައި ތިބި ފަހަރެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަވަށްޓެރިއެއް ދުރުމީހެއް ބެލުމެއްނެތި އަޅުއްވަމުން ގެންދަވާ ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން ފީފާ އަށް މުޅިން ވެސް ކުޅެން ޖެހިފައިވަނީ ޑިފެންސަށެވެ.
މިފަދަ މަންޒަރެއް އެންމެ ފަހުން ފެނުނީ 1934ގަ އެވެ. އެ އަހަރުގެ ވޯލްޑް ކަޕް ބޭއްވީ އިޓަލީގަ އެވެ. އޭރު އެ ގައުމުގެ ވެރިއަކީ މަޝްހޫރު ޑިކްޓޭޓަރު ބެނީޓޯ މޮސޮލީނީ. އޭނާ ރުއްސަން ފީފާގެ އޭރުގެ ރައީސް ޖޫލްސް ރިމޭ ވޯލްޑް ކަޕް ބޭނުން ކުރެއްވީ މޮސޮލީނީގެ ވިޔާނުދާ އަމަލުތައް ފޮނުވައި އޭނާގެ މޫނުމަތި ރީތިކޮށްދޭ ލޯގަނޑަކަށެވެ.
އެމެރިކާ 2026އިން ވެސް ފެނިގެންދަނީ ހަމަ މިފަދަ މަންޒަރެވެ. އިންފަންޓީނޯގެ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި ފޮރުވިފައިވަނީ ވެސް ޓްރަމްޕްގެ ރުހުން ހޯއްދެވުމެވެ. އޭނާއާއެކު ދަތުރު ކުރައްވަން ހައްދަވައިގެން ފީފާގެ ބައްދަލުވުންތަކަށް ގަޑިޖެހިގެން ވަޑައިގަތުމާއި އެމެރިކާއިން މުބާރާތުގެ ބައިވެރިންނާމެދު ހިތުހުރިހާ ގޮތެއް ހަދަމުންދާއިރު އިންފަންޓީނޯ ހަނު ހުންނެވާތީވެ ދުނިޔޭގެ ރުޅިވެރިކަން ހައްތަހާ މިދަނީ އިތުރުވަމުން. މުބާރާތުގެ ޓިކެޓާއި ދަތުރުފަތުރާއި ހުރުމާއި ކެއުމުގެ އަގު އަތް ނުފޯރާ ފަށަށް އަރައިގެންދިއުމާއި، އެމެރިކާގައި ދައްކަންޖެހޭ ޓެކުހުގެ ޝަކުވާ އަށް ވެސް އިންފަންޓީނޯ އަށް އެއްވެއް ހައްލެއް ހޯއްދަވައި ނުދެއްވުނެވެ. މިއީ މިމުބާރާތުގެ ތަފާތު ކަންކަމުގެ ތެރެއިން ކުޑަ މިންވަރެކެވެ.
ވޯލްޑް ކަޕަށް ގައުމުތަކުން ޖަމާވާނީ އެމެރިކާ ރުއްސާތީވެ މީގެ ކުރިން ފީފާގެ ރައީސަކު ދެކެ ނާންނަހާ ބޮޑަށް އިންފަންޓީނޯ ދެކެ ނުރުހިފައިތިބެ އެވެ. މާކުރިން ފީފާގެ ރައީސް ކަމުގެ އައު ދައުރަށް އޭނާ ކެމްޕޭން ފެށްޓެވީ ވެސް މިހެންވެ އެވެ. މިހާތަނަށް އެފްރިކާއި ދެކުނު އެމެރިކާގެ ތާއީދު ލިބުނަސް ޔޫރަޕާއި އޭޝިއާގައި ދެންތިބި އެންމެންގެ އޮތީ ރުޅިވެރިކަމެވެ. ޝައްކެތްނެތް ގޮތުގައި އޭނާގެ ހުވަފެނީ ވޯލްޑް ކަޕް ވާނީ މިހާތަނަށް އެންމެ ހަރަކާތް ގިނަ މުބާރާތަށެވެ. އެކަމަކު މުބާރާތް ބާއްވައިގެން ހޯއްދަވަން އޭނާ އުއްމީދު ކުރައްވާ 11 ބިލިއަން ޑޮލަރުގެ އާމްދަނީ ކަށަވަރު ކުރެވިއްޖެނަމަ މި ހަރަކާތްތަކުގެ އުފަލެއް ނޯންނާނެ އެވެ.

ސަބަބަކީ އެމެރިކާ އާއި ކެނެޑާއަށް އެތެރެވާން އުފުލަންޖެހޭ ތަކުލީފު އެކަންޏެއް ނޫނެވެ. އެނބުރި ގައުމަށް އައުމުން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު ވެސް ބޮޑީ އެވެ.

އެންމެ ހަނގު ކުޅުންތެރިޔާ ފެންނާނީ މެކްސިކޯއިން، އެންމެ މުސްކުޅީ ސްކޮޓްލެންޑް ކީޕަރު

ދިވެހިންނަށްވުރެ މާ ފުދުންތެރި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތައް އަދިވެސް އެ ތިބީ ޕީއެސްއެމް އަދާކުރާ މި ރޯލު އެ ގައުމުތަކުގައި އަދާކޮށްދޭނެ ބަޔަކުނެތި.