

ވޯލްޑް ކަޕަކީ މުޅި ދުނިޔޭގެ ލޯ އެކަމަކަށް އަމާޒުވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް. ދިވެހި ސިޓިންރޫމުތަކަށް މެދުނުކެނޑި މި މުބާރާތް ގެނެސްދިން ހަމައެކަނި ބަޔަކީ ޓީވީ މޯލްޑްވްސް. މިއަގުހުރި މަސައްކަތް ޓީވީން ފެށީ 1986 ވަނަ އަހަރު. އޭރު މި ފޯރި ނެގީ އަޅުގަނޑުމެންގެ ކާބައިފައިން. މާމަ، ކާފަމެނާއި ބައްޕަ އާއި މަންމަމެން. އޭރުގެ ނޫކަށި ފުރައިގެ ގިނަ ބައެއްގެ ހިތުން ޑިއެގޯ މަރަޑޯނާ ފަދަ ތަރިން ޖާގަ ހޯދީ ޓީވީން ވަގުތުން ގެނެސްދިން މަންޒަރުތަކުން.
އިހުގައި މައުލޫމާތަކީ ވަރަށް ތަދުއެއްޗެއް. މިފަދަ ޒަމާނެއްގައި ވޯލްޑް ކަޕް ކަވަރޭޖް ފުޅާކޮށް ޓީވީން އަބަދުވެސް ދިޔައީ ކުރިއެރުން ހޯދަމުން. ޖެހިގެން އައި 1990ގެ މުބާރާތަށް ފުރަތަމަ ފަހަރަށް ވޯލްޑްކަޕުގެ މައުލޫމާތު ހިމެނޭ ހާއްސަ ފޮތެއް ނެރުނު. އޭގެ ފަހުން ކޮންމެ މުބާރާތަކަށް ގެނައި ބަދަލުތަކަކީ މަގުބޫލު، ގިނަ ބަޔަކަށް ކަމުދިޔަ ބަދަލުތަކެއް. ދަނޑުފޯރި އާއި އެކިއެކި މައުޟޫތަކަށް ތައްޔާރުކުރި ހާއްސަ ރިޕޯޓްތަކާއި ރަށްރަށުން ގެނައި މަންޒަރުތަކާއި ހުށަހެޅުންތެރިންނާއި އެނަލިސްޓުންގެ އިތުރުން ކަވަރޭޖަށް ކިޔަމުން ދިޔަ ނަންތަކަކީ ވެސް މުބާރާތުގެ ފޯރި ހިތްޕާލި ސަބަބުތައް. ވުވުޒެލާ އާއި ޖަރުމަނު 2006 އާއި ފޯރި ފަދަ ވޯލްޑް ކަޕް ކަވަރޭޖްތައް އަދިވެސް ގިނަ ބައެއްގެ ހަނދާނުގައި ހަރުލާފައި ވަނީ މިއިން ކޮންމެ ޝޯއެއް ފުރިހަމަ ކުރުމަށް ޓީވީއެމްގެ އެންމެހާ މުވައްޒަފުން ކުރި ބުރަ މަސައްކަތުން.
މެކްސިކޯ ވޯލްޑް ކަޕުގެ މެޗުތައް ދުރަށް ދައްކަން ފެށުމާ ހަމައިން މިފަދަ ފަދަ ބޮޑެތި މުބާރާތްތައް ވަގުތުން ދުރަށް ދެއްކުމަށް ހިނގާ ހަރަދު އަހަރުން އަހަރުން ދިޔައީ ބޮޑުވަމުން. ނަތީޖާއެއްގެ ގޮތުން މެޗުތައް ވަގުތުން ނުފެނިދާނެ ކަމުގެ ބިރު ވެސް ހީވި. އެކަމަކު އެއްވެސް އަގަކާ ނުލައި ހިލޭ ސާބަހަށް ދިވެހިންނަށް މެޗުތައް ދައްކަން، ޓީވީން ސާބިތުކަން ދެއްކި. ބޮލަކަށް ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް ޓީވީން މެޗުތައް ދެއްކީ އިޖްތިމާއީ ޒިންމާއެއްކަމުގައި ދެކިގެން. އެކަށީގެންވާ މަންފާ އެއް ވެސް ނެތި.
ދިވެހިންނަށްވުރެ މާ ފުދުންތެރި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތައް އަދިވެސް އެ ތިބީ ޕީއެސްއެމް އަދާކުރާ މި ރޯލު އެ ގައުމުތަކުގައި އަދާކޮށްދޭނެ ބަޔަކުނެތި. މެޗުތައް ދެއްކުމަށް ފީފާ އަށް ދައްކަން ޖެހޭ އަގު ބޮޑުކަމުން އަވަށްޓެރި އިންޑިޔާ އާއި މެލޭޝިޔާ އާއި ޕާކިސްތާން ފަދަ ގައުމުތަކުގައި މިކަމަށް އިސްނަގާނެ މީޑިއާއެއް ވެސް ނެތް.
ޕަބްލިކް ސާވިސް މީޑިއާ އަކީ ނަމޫނާ ބަޔަކަށް ވަނީ މިހެންވެ. ކުޅިވަރަށް ފޯރި ހުންނަ ދިވެހި ވިޔަފާރި ކުންފުނިތަކުގެ އެހީއާއެކު ފުޓްބޯޅަ މެޗުތައް ދުރަށް ދެއްކުމުގައި އަޅުގަނޑުމެންގެ އޮތީ ތާރީހީ ދިގު މާޒީއެއް. ދިވެހިން ކޮންމެ އަގެއްގައި ވެސް ފުޓްބޯޅަ ބަލާނެކަން މިހާރު ބޭރު މީހުން ދަނޭ. މިއީ ސިއްރެއް ނޫން. ޕީއެސްއެމްގެ މެނޭޖްމަންޓުން ވޯލްޑް ކަޕުގެ ރައިޓްސް ހޯދުމަށް މިފަހަރު ވެސް ކުރިއާލައި ފަށައިގަތީ މިހެންވެ. ދިވެހި ސަރުކާރުގެ ވިސްނުމަކީ ކޮންމެ ވަގުތަކު، ކޮންމެ ތާކު ކުޅުނަސް ވޯލްޑްކަޕް ޖީބަށް ބުރައަކާ ނުލައި ދިވެހިންނާ ހަމައަށް ގެނެސްދިނުން. ޒުވާނުންނާއި ކުދިބޮޑު އެންމެން މިކަމަށް އެދިއެދި ތިބުމުން.
މި ފަހަރުގެ ވޯލްޑް ކަޕަކީ މިހާތަނަށް ބާއްވާނެ އެންމެ ބޮޑު ވޯލްޑް ކަޕް. އެންމެ ހަރަކާތްގިނަ، އެންމެ ހަލަބޮލިވާނެ މުބާރާތް. 48 ގައުމު ބައިވެރިކޮށްގެން ބާއްވާ މުބާރާތުގައި 100 އަށްވުރެ ގިނަ މެޗު ކުޅޭނެ. މެންދަމުން ފެށިގެން ފަތިހާއި ހެނދުނު ވެސް މެޗުތައް ކުޅޭނެ. މި ތަޖުރިބާ މީގެ ކުރިން ދިވެހިން ކޮށްފައިވަނީ 1994 ވަނަ އަހަރު އެމެރިކާގައި ބޭއްވި މުބާރާތުގައި. ތަފާތު ކެއުންތަކާއި އެކި ހިސާބުތަކުގައި ޑިޝްއެންޓަނާ އާއި ބޮޑު ސްކްރީން ބަހައްޓައިގެން އޭރު ފޯރި ނެގީ އަޅުގަނޑުމެންގެ މައިންބަފައިން. ހޭލާތިބެފައި އޮފީސްތަކާއި މަދަރުސާތަކަށް ދިޔަ އެ ޒަމާން މިހާރު ފާއިތު ވެއްޖެ. އޭގެ 22 އަހަރު ފަހުން އެމެރިކާ އާއި މެކްސިކޯ އާއި ކެނެޑާއިން ވޯލްޑް ކަޕް އަޅުގަނޑުމެންނާ ބައްދަލު ކުރަނީ ކޮންމެތާކު ހުރެގެން ވެސް މެޗުތައް ބަލައި މައުލޫމާތު ލިބިގަތުމުގެ ހޭލުންތެރި ޒަމާނެއްގައި. މިއަދު އާ ގޮތަކަށް، އާ ސްޓައިލެއްގައި ފޯރި ނަގަން މިތިބީ ވެސް މުޅިން އައު ޖީލެއް. ޝައުގުވެރި އައު ވިސްނުންތަކާއެކު. ފޯރިގަދަ މުބާރާތަކަށް ހެދުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް.

ސަބަބަކީ އެމެރިކާ އާއި ކެނެޑާއަށް އެތެރެވާން އުފުލަންޖެހޭ ތަކުލީފު އެކަންޏެއް ނޫނެވެ. އެނބުރި ގައުމަށް އައުމުން ހައްޔަރު ކޮށްފާނެ ކަމުގެ ބިރު ވެސް ބޮޑީ އެވެ.


އެންމެ ހަނގު ކުޅުންތެރިޔާ ފެންނާނީ މެކްސިކޯއިން، އެންމެ މުސްކުޅީ ސްކޮޓްލެންޑް ކީޕަރު