

ހަތަރު ފަހަރު މަތިން ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޓަލީ އަށް މިވަނީ ޖެހިޖެހިގެން ތިންވަނަ ވޯލްޑްކަޕަށް ކޮލިފައިނުވެ ބޮޑު ލަދަކާއި ކުރިމަތިލާން ޖެހިފަ އެވެ.
ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މީގެ ކުރިން ކާމިޔާބުކޮށްފައިވާ އެއްވެސް ޓީމެއް ޖެހިޖެހިގެން ތިން ވޯލްޑްކަޕަށް ކޮލިފައިނުވެ މީގެ ކުރިން ގޮސްފައެއް ނުވެއެވެ. 1958 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް އިޓަލީ ވޯލްޑްކަޕަށް ކޮލިފައިވެފައިނުވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގަ އެވެ. އަދި އޭގެ ފަހުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ފުރުސަތު އިޓަލީއަށް ގެއްލިފައިވާއިރު މި ފަހަރުގެ ވޯލްޑްކަޕުން ފުރުސަތު ގެއްލުނީ އެންމެ ފަހުވަގުތު ކުޅުނު ޕްލޭއޮފް މެޗުން ބަލިވެގެންނެވެ.
2025 ވަނަ އަހަރުގެ ޖޫން މަހު ނޯވޭ އާއި ދެކޮޅަށް ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުން އިޓަލީ ބަލިވުމާއިއެކު އެ ޓީމުގެ އޭރުގެ ކޯޗު ސްޕަލޭޓީ ވަނީ މަގާމުން ވަކިކޮށްފަ އެވެ. އަދި އޭނާގެ ބަދަލުގައި ކުރިން އިޓަލީގެ މެދުތެރެ ބެލެހެއްޓި ޖެނާރޯ ގަޓޫސޯ ވަނީ ކޯޗަކަށް ހަމަޖައްސާފަ އެވެ.
ގަޓޫސޯގެ އިރުޝާދުގެ ދަށުން އެ ގައުމު ކުޅުނު ފުރަތަމަ މެޗުން 5-0 ގެ ނަތީޖާއަކުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ ހިތްހަމަޖެހުމެއް ލިބިފަ އެވެ. އަދި 2025 ވަނަ އަހަރުގެ ނޮވެމްބަރ މަހު އިޓަލީ ވަނީ ކޮލިފައިންގެ ޕްލޭއޮފް އިން ތިންވަނަ ފަހަރަށް ޖާގަ ހޯދާފަ އެވެ.
ޕްލޭއޮފްގައި އިޓަލީ ވަނީ ނޮދަން އަޔަރލޭންޑް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފަ އެވެ. ނަމަވެސް ކޮލިފައިންގެ ފައިނަލް މެޗުގައި ބޮސްނިއާ ހޭޒްގޮވީނާ އާއި ދެކޮޅަށް ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެ ޕެނަލްޓީ ޖަހައިގެން އިޓަލީ ބަލިކޮށް ބޮސްނިއާ ހޭޒްގޮވީނާ ވަނީ ވޯލްޑްކަޕުން ޖާގަ ހޯދާފަ އެވެ.
ވޯލްޑްކަޕްގެ ފުރުސަތު އިޓަލީއަށް ގެއްލުނުތާ ދެވަނަ ދުވަހު އެގައުމުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ގެބްރިއެލް ގްރަވީނާ ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ. އަދި ކޯޗު ގަޓޫސޯގެ އިތުރުން ގައުމީ ޓީމުގެ ކަންތައްތަކުގައި އިސްކޮށް ހަރަކާތްތެރިވި ކުރީގެ ގޯލުކީޕަރު ބުފޮންވެސް ވަނީ މަގާމުން އިސްތިއުފާ ދީފަ އެވެ.