ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ 32 ޓީމުގެ ބުރުގައި ޕޯޗުގަލް އާއި ކްރޮއޭޝިއާ ބައްދަލުކުރި މެޗުގައި ޕޯޗުގަލްގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔަ ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށް އެޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ މެޗަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުންނެވެ. މާޓިނޭޒް ބުނީ މިމެޗުގައި އޭނާގެ ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަ ޖެހޭ ކަމަށެވެ. އަދި ހާއްސަކޮށް ދެވަނަ ހާފުގައި ފެނިގެންދިޔައީ މޮޅު ކުޅުމެއް ކަމަށް މާޓިނޭޒް ސިފަކުރިއެވެ. މިހާފުގައި ގިނަ ކުޅުންތެރިން ބޭނުންކޮށް މެޗުގެ އޭރުގެ ހާލަތާއި އެއްގޮތަށް ކުޅުން ބަދަލު ކުރުމުން ކުޅުންތެރިންގެ ގާބިލްކަން ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމުގައި އޭނާ ފާހަގަކުރިއެވެ. އަދި މިއީ ހުރިހާ އެންމެންވެސް ޕޯޗުގަލްގެ ކުޅުންތެރިންނާމެދު ފަހުރުވެރިވާނެ ދުވަހެއްގެގޮތުގައި ޕޯޗުގަލްގެ ކޯޗު ފާހަގަ ކުރިއެވެ. މިއަދަކީ ހުރިހާ ގޮތަކުންވެސް ޕޯޗުގަލް އާއި އޭނާގެ ކުޅުންތެރިންނަށް ހާއްސަ ދުވަހެއް ކަމަށްވެސް އޭނާ ބުންޏެވެ. މިގޮތުން މިކާމިޔާބީ ލިބުނީ އެޓީމުގެ އެއް ކުޅުންތެރިއެއްގެގޮތުގައި ގަބޫލް ކުރާ ޑިއޮގޯ ޖޮޓާ މަރުވިތާ އެއް އަހަރު ދުވަސް ފުރުން ދުވަހު ކަމުން އޭނާގެ ހަނދާން އާ ކުރާ ދުވަހެއްގައެވެ. އަދި ކްރޮއޭޝިއާއަކީ ޖޮޓާ އެންމެ ފަހުން ލަނޑު ޖެހި ޤައުމީ ޓީމު ކަމަށާއި މެޗުގެ ސްކޯ ކަމުގައިވާ 2 ލަނޑު 1 ލަނޑުންވެސް ރަމްޒު ކޮށްދެނީ ޖޮޓާގެ 21 ނަމްބަރު ޖާޒީ ކަމަށްވެސް މާޓިނޭޒް ފާހަގަ ކުރިއެވެ.
ފަހު 16 ގައި ސްޕެއިން އާއި ބައްދަލުކުރަން ޖެހުމާއި ގުޅޭގޮތުން މާޓިނޭޒް ބުނީ ސްޕެއިންއަށް އޭނާ އިހްތިރާމް ކުރާ ކަމަށެވެ. އަދި ސްޕެއިން އާއި ޕޯޗުގަލް އަކީ އެއް ޓީމު އަނެއް ޓީމު ވަރަށް ރަނގަޅަށް އެނގޭ ދެ ޓީމު ކަމަށާއި އެހެން ކަމުން އެމެޗު ވާނީ ވަރަށް ފާހަގަ ކޮށްލެވޭ މެޗަކަށް ކަމަށެވެ. އެހެން ކަމުން އަނެއްކާވެސް ވޯލްޑް ކަޕްގައި ޔޫރަޕްގެ ފާހަގަ ކޮށްލެވޭ ކުރިމަތިލުމެއް ފެނިގެންދާނެކަމަށް އޭނާ ފާހަގަ ކުރިއެވެ.
މެޗަށްފަހު ކްރޮއޭޝިއާގެ ކޯޗު ޒުލަޓްކޯ ޑަލިޗް ބުނީ އިތުރު ވަގުތުގައި ބައިކޮޅަށް ލަނޑެއް ވަނުމުން އެހާ ފަސޭހަ ނުވާނެ ކަމަށެވެ. އަދި މިކަން އެޓީމާއި ކުރިންވެސް ދިމާވެފައި އެބަހުރި ކަމަށްވެސް ޑަލިޗް ފާހަގަ ކުރިއެވެ. އަދި މިމެޗުގައި އެޓީމު ކޮޅަށް ވަދެފައިވާ ލަނޑަކީ ޑިފެންސް ރަނގަޅަށް ހަރަކާތްތެރި ނުވެވުމުން ވަން ލަނޑެއް ކަމަށްވެސް އޭނާ ބުންޏެވެ. އަދި އެއަށްފަހު އެންމެ ފަހު ސިކުންތު ކޮޅުގެ ތެރޭގައި އެޓީމުން ލަނޑެއް ޖެހުމުން އެއީ ރަނގަޅު ލަނޑެއް ކަމަށް ހީކުރެވުނު ނަމަވެސް އެއުފާވަނީ ގޯލް ބަލައި ނުގަތުމުން ގެއްލިގެން ގޮސްފައެވެ. އެކަން ބަލައި ގަތުން ކުޅުންތެރިންނަށް އުނދަގޫވިކަމަށާއި އަދި އެކަމުން އެންމެން އަރައި ނުގަންނަ ކަމަށްވެސް އޭނާ ފާހަގަ ކުރިއެވެ. ނަމަވެސް އެޓީމުން މުބާރާތާއި އަލްވަދާއު ކިޔާފައިމިވަނީ ހިތްވަރާއެކު މަސައްކަތްކޮށް ރަނގަޅު ކުޅުމެއް ދައްކައިގެން ކަމުގައި ކްރޮއޭޝިއާގެ ކޯޗު ބުންޏެވެ. އަދި ޑަލިޗް ވަނީ އޭނާގެ ޓީމަށް މިމުބާރާތުގައި ލިބިގެންދިޔަ ހޫނު ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.