

އެމްބާޕޭގެ ދެ ގޯލާއެކު 3-0 ން ސްވިޑެން ބަލިކޮށް، ފީފާ ވަރލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ގަދަ 16 އަށް ފްރާންސް ދަތުރުކޮށްފިއެވެ.
ގްރޫޕް ސްޓޭޖްގެ ތިން މެޗުވެސް ކާމިޔާބުކުރި ފްރާންސް 32 ޓީމްގެ ބުރުގައި 3-0 ން މޮޅުވި ނަމަވެސް ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުޞަތުތަކެއް ހޯދާ، ގިނަ އެޓޭކްތަކެއް ކުރިއެވެ. އެކަމަކު ސްވިޑެންގެ ގޯލް ހުޅުވާލެވުނީ ފުރަތަމަ ހާފްގެ ފަހު މިނިޓްގައެވެ. ކޯނަރެއްގައި ޑެމްބެލޭއަށް ބޯޅަ ޖައްސާލުމުން، އޭރިޔާ ތެރެއިން އެމްބާޕޭއަށް ޖައްސާލުމުން ހަމަޖެހިލާފަ ފޮނުވާލީ ކީޕަރުގެ ދުރުފަޅިއަށެވެ. ދެވަނަ ގޯލް ދެވަނަ ހާފް ފަށައިގެން އަށްވަނަ މިނިޓްގައި ޖެހީ ބާކޯލާއެވެ. އޭނާ އިތުބާރާއެކު ބޯޅަ ފޮނުވާލީ އޮލީސޭ ދިން ހިތްގައިމު ޕާހަކުންނެވެ. ތިންވަނަ ގޯލް އެމްބާޕޭ ޖެހީ 73 ވަނަ މިނިޓްގައެވެ. މިއީވެސް އޮލީސޭ ދިން މޮޅު ޕާހަކުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ މުބާރާތުގައި އެމްބާޕޭގެ ހަވަނަ ގޯލެވެ. މިއަދަދަށް މުބާރާތުގައި ދެން ގޯލް ޖަހާފައިވަނީ މެސީއެވެ. އަދި މިމެޗުގެ ދެ އެސިސްޓާއެކު އޮލީސޭ ވެފައިވަނީ 1994 ވަނަ އަހަރަށްފަހު އެއް މުބާރާތެއްގައި އެންމެ ގިނަ އެސިސްޓް ކުރި ކުޅުންތެރިޔާއަށެވެ. ހަތަރު މެޗުން އޮލީސޭ ވަނީ 5 އެސިސްޓްކޮށްފައެވެ.
ގިނަ އެސިސްޓްތަކެއް ކުރި ނަމަވެސް ލަނޑެއް ޖެހުމުގައި އޮލީސޭއަށް މިމެޗުގައިވެސް ނާކާމިޔާބުވިއެވެ. ރަނގަޅު ގިނަ ބޯޅަތަކެއް ގޯލަށް ފޮނުވާލި ނަމަވެސް ތިން ދަނޑި އެތެރެނުވިއެވެ. އޭގެތެރެއިންވެސް އެންމެ ފާހަގަކޮށްލެވެނީ 35 ވަނަ މިނިޓްގައި އޭރިޔާ ތެރޭގައި ހުރެ ފޮނުވާލި އޯވަހެޑްއެވެ. އެބޯޅަ ކީޕަރު މަތަކުރުމުން ނިކުއިން ވަގުތު ޑެމްބެލޭވެސް ފޮނުވާލި އެވެ. ނަމަވެސް ގޯލާ އަމާޒެއް ނުވިއެވެ. 41 ވަނަ މިނިޓްގައި އޮލީސޭ ފޮނުވާލި ބާރު ބޯޅަވެސް ގޯލާ އަމާޒުނުވެ އަރިމަތިން ދިޔައީ ބޭރަށެވެ. އޭގެ ދެ މިނިޓް ފަހުން ފޮނުވާލި ބޯޅަވެސް ގޯލާ އަމާޒެއް ނުވިއެވެ. ދެވަނަ ހާފްގައި، މެޗުގެ 60 ވަނަ މިނިޓްގައިވެސް ބާރު ބޯޅައެއް ފޮނުވާލިއެވެ. އެކަމަކު މެޗުގައި ރަނގަޅު ބޯޅަތަކެއް މަތަކުރި ސްވިޑެންގެ ކީޕަރު މަތަކުރިއެވެ. 70 ވަނަ މިނިޓްގައި މުޅިން ހުހަށް ލިބުނު ފުރުޞަތުވެސް ކީޕަރު ކުރިއަށް ނިކުމެ ދިފާއުކުރިއެވެ.
ފުރަތަމަ ހާފްގައި، 31 ވަނަ މިނިޓްގައި އެމްބާޕޭ އޭރިޔާ ތެރެއިން އަރިމަތިން ފޮނުވާލި ބޯޅަވެސް ކުޅުމުގެ ތެރެއަށް އައީ އަރިމަތީ ދަނޑީގައި ޖެހިފައެވެ. އޭގެކުރިން ރެބިއޯ ފޮނުވާލި ދެބޯޅައިގެ ތެރެއިން އެއްބޯޅަ ހުރަސްދަނޑި މަތިން ބޭރަށް ދިޔައިރު، ދެވަނަ ބޯޅަ ކީޕަރު މަތަކުރިއެވެ. ފުރަތަމަ ހާފްގައި އެމްބާޕޭ އޭރިޔާ ބޭރުން ފޮނުވާލި ރަނގަޅު އެޓޭކެއް ކީޕަރު މަތަވެސް ކުރިއެވެ.
މެޗުގައި ސްވިޑެން އަށްވެސް ރަނގަޅު ދެތިން ފުރުޞަތެއް ލިބުނެވެ. 27 ވަނަ މިނިޓްގައި އިސާކް ފޮނުވާލި ބޯޅަ މަތަކުރީ ކީޕަރެވެ. 35 ވަނަ މިނިޓްގައި އެލަންގާ ނަގައިދިން ހުރަސް އިސާކްއަށް ފައި ޖައްސާ ނުލެވުމުން ގޯލަކަށް ބަދަލުކޮށް ނުލެވުނެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗު ނިމެން ދެ މިނިޓަށް ވެފައި ވަނިކޮށްވެސް ސްވިޑެން އަށް ލަނޑެއް ޖަހަން ރަނގަޅު ފުރުޞަތެއް ލިބުނެވެ. އެކަމަކު ޔޯކެރޭޝް ފޮނުވާލި ބޯޅަ ފްރާންސް ކީޕަރު މަތަކުރީއެވެ.
މިމެޗުގައި ފްރާންސުން ޖެހި ތިން ގޯލާއެކު މުބާރާތުގައި އެމީހުން ވަނީ 13 ގޯލް ޖަހާފައެވެ. މިމުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވަނީ ފްރާންސެވެ. މުބާރާތުގެ ގަދަ 16 ޓީމްގެ ބުރުގައި ފްރާންސް ވާދަކުރަން ޖެހޭނީ ޕެރަގުއޭއާއެވެ.