ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި 2002 ވަނަ އަހަރު ޕޯޗުގަލް ކެޓީ ގްރޫޕް ސްޓޭޖުންނެވެ. އޭރު ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިއަކީ ސާޖިއޯ ކޮންސެއިސާއޯ އެވެ. އޭގެ 24 އަހަރު ފަހުން އެ ހަނދާންތައް ޕޯޗުގަލް ޓީމުގައި އާކޮށްދެނީ އޭނާގެ ދަރިފުޅު ފްރާންސިސްކޯ ކޮންސެއިސާއޯ އެވެ. އުމުރުން 23 އަހަރުގެ ކުޅުންތެރިޔާގެ އަމާޒަކީ އޭނާގެ ބައްޕަ އަށް ނުކުރެވުނު ކަންތައް ގައުމީ ޖާޒީގައި ނިންމާލުމެވެ.
"އަހަރެންގެ ބައްޕަ ވޯލްޑް ކަޕް ކުޅުނު ކަމާއި އޭގެ ތަފްސީލު އެނގުމުން އަހަރެން ފަހުރުވެރިވަން. އަހަރެންގެ ބައްޕަ އަށްވުރެ ވަކި ރަނގަޅު މީހެއް ނުހުންނާނެ ފުޓްބޯޅައިގެ ވާހަކަ ދައްކަން. ބައްޕަ އަކީ އަހަރެންގެ އެންމެ މުހިންމު އެޑްވައިޒަރު. އޭނާ އަހަރެންނަށް ވަރަށް ގިނަ ވާހަކަތައް ކިޔައިދޭ. އަހަރެންނަށް އެނގިފައިވާ ގޮތުގައި 2002 ވަނަ އަހަރު އެ މީހުން ކެޓީ ފުރަތަމަ ބުރުން. އަހަރުމެންގެ އަމާޒަކީ މިފަހަރު ދެވުނު އެންމެ ކުރިއަކަށް ދިއުން. އަމުދުން 2002ގެ ހިތި ނަތީޖާ ތަކުރާރު ނުކުރުން،" ފްރޭންސިސްކޯ ބުންޏެވެ.
ވޯލްޑް ކަޕުގައި މިރޭ ޕޯޗުގަލްއާ ދެކޮޅަށް ނުކުންނާނީ އުޒުބަކިސްތާނެވެ. އެ ޓީމުގެ ކޯޗު އިޓަލީގެ ކުރީގެ ކެޕްޓަން ފަބިއާ ކަނަވާރޯ އަކީ ފްރޭންސިސްކޯގެ ބައްޕައާއެކު އިޓަލީގެ ޕާމާ އާއި އިންޓަމިލާނަށް ކުޅެފައިވާ ކުޅުންތެރިއަކަށްވި ނަމަވެސް އެ ވާހަކަ އާއިލާ ތެރޭގައި މާބޮޑަށް ނުދެކެވޭ ކަމަށް ފްރޭންސިސްކޯ ބުންޏެވެ.
"ކަނަވާރޯއާ ބެހޭ ގޮތުން އަހަރުމެން މާގިނަ ވާހަކައެއް ނުދައްކަން. އަހަރެންނަށް އެނގޭ އޭނާ އަކީ ވޯލްޑް ކަޕް ޗެމްޕިއަނެއްކަން އަދި ލެޖެންޑެއްކަން. އޭނާއާ ބަހޭ ގޮތުން މާގިނަ ވާހަކަތައް ނޭނގުނަސް އޭނާ ކޯޗުކޮށްދޭ އުޒުބަކިސްތާނުން މި މެޗުގައި ކުޅޭނީ ކޮންގޯއިން ކުޅުނު ފަދަ ދިފާއީ ގޭމެއްކަން އަހަރުމެންނަށް އެނގޭ،" ފްރޭންސިސްކޯ ބުންޏެވެ.
އޭނާ އަދި ބުނީ ޕޯޗުގަލްގެ މިހާރުގެ ޓީމަކީ ހުރިހާ ގޮތަކުން ވެސް ހުނަރުވެރި ޓީމެއް ކަމަށެވެ.
"އެކަމަކު ވޯލްޑް ކަޕެއްގައި ހެދޭ އެންމެ ގޯހަކުން މުބާރާތް އެއްކޮށް ގެއްލިދާނެ. މިހެންވެ އަހަރުމެން މަސައްކަތް ކުރާނީ އިދިކޮޅު ޓީމުތަކުން ކުޅޭ ދިފާއީ ގޭމަށް ތައްޔާރުވެގެން،" ފްރޭންސިސްކޯ ބުންޏެވެ.
މުބާރާތުގައި ޕޯޗުގަލް ކުޅުނު ފުރަތަމަ މެޗު ނިމުނީ 1-1އިން އެއްވަރު ވެގެންނެވެ. އުޒުބަކިސްތާން ބަލިވީ ކޮލޮމްބިއާ އަތުން 2-1އިންނެވެ.